ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެދުނީ އެކަމުގެ ވަގުތު ނުޖެހެނީހެވެ. ނުވަދިހަ އަށްވަނަ އަހަރުގެ ގާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީ ހެދެން ނެތްކަމަށް އެއް ބަންޑާރަނައިބަކު ލަފާދީފައި އޮތީ ރަނގަޅަށް ނޫން ކަމަށް އަނެއް ބަންޑާރަނައިބަކު ލަފާ ދިނީވެސް ހަމަ އެ ގާނޫނުއަސާސީއަށް ބަލައިގެންނެވެ. އެ ދެ ލަފާގެ ދެމެދުގައި ހަމައެކަނި ބަދަލުވީ ސިޔާސީ ހާލަތެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ފަހުން އައްޔަނުކުޅަ ބަންޑާރަނައިބު އެ ލަފާ ދިނީ އެ ނޫން ގޮތެއް އަމުދުން ނުވެސް ނެތީމަ އެވެ. އޭރުވެސް އެމްޑީޕީ އޮތީ އުފެދިފަ އެވެ. ދެހާސް ތިންވަނަ އަހަރު ދިވެހިންގެ ބަޔަކު ކޮޅުނބުގައި އަރުވާލެވިގެން ތިބެ، އެމްޑީޕީ އުފައްދައި، އެ ޕާޓީގެ ހަރަކާތްތައްވެސް ރާއްޖޭގައި ހިންގާން ފަށައިފި އެވެ.
ކުރީގެ ގާނޫނުއަސާސީގައި ޖަމިއްޔާ ޖަމާއަތްތައް ހަދަން ހުއްދަ ދީފައި އޮތް މާއްދާގެ ދަށުން އެކަން ކުރެވިދާނެކަމަށް ލަފާދިނީ ގާނޫނުއަސާސީގެ ވަރަށް ގިނަ މާއްދާތަކާ ހަވާލާދީ، ވަރަށް ގޮތްގޮތަށް ދަމައިގެން ނެރުނު ރައުޔަކުންނެވެ. އޭރު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކުރީ ސަފުގައި ތިބި އެންމެން ތިބީ އެކަމަށް އެދިއެދި ކަމަށްވާތީ ސިޔާސީ ޕާޓީ ހެދޭނޭކަމަށް ލިބުނު ލަފާ އެންމެންނަށް ކަމުދިޔައީ އެވެ.
ސިޔާސީ ޕާޓީއަކީ ކީއްކުރާ އެއްޗެއް ކަމެއް އޭރު ރާއްޖޭގެ ރައްޔިތުންގެ އަށްޑިހަ އިންސައްތަ މީހުންނަކަށް ނޭނގޭނެ އެވެ. -- ގާނޫނުއަސާސީއަކީ ކީއްކުރާ ކޯއްޗެއް ކަމެއްވެސް ނޭނގޭ ފަދައިންނެވެ. އެކަމަކު ގާނޫނުއަސާސީ އެކުލަވާލާ މަޖިލިސް އިންތިހާބުކުރަނީވެސް ރައްޔިތުން ވޯޓު ދީގެންނެވެ. ޖޫން 2، 2005 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު އެ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ދޭން ނިންމީ އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށް ފަހު ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށްދިނުމަށް ނިންމިކަން ހޯމް މިނިސްޓްރީން އިއުލާނުކުރުމާއެކު އެންމެ ފުރަތަމަ ރަޖިސްޓްރީކުރެވުނު ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. ދެން ރައީސް މައުމޫނުގެ ޑީއާރުޕީ އެވެ. އޭގެ ފަހުން އެތައް ޕާޓީއެއް އުފެދި، އެތައް ޕާޓީތަކެއް އުވިގޮސްފި އެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ނެރުނު ފުރަތަމަ އިންތިހާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ޕާޓީތަކުން އޭރު ވަކާލާތުކުރީ 'ޅަފަތުގައި މިއޮތް ޑިމޮކްރެސީ' ހިމާޔަތްކުރުމަށެވެ. އޭގެ ފަހުން ވިހި އަހަރު ވެގެން ދިޔައީ އެވެ. އަޅުގަނޑުމެންގެ ޑިމޮކްރެސީއަށް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ވަރެއް ނުވި އެވެ. އަދިވެސް ޅަފަތުގަ އެވެ.
ރާއްޖޭގެ ޑިމޮކްރެސީއަށް ވިހި އަހަރު ފުރުނަސް، އެ ނިޒާމު ހިންގާން އެކިއިރު ހަވާލުވާ މީހުންގެ ސަބަބުން ޑިމޮކްރެސީ ޅަފުރާއިން ނެއްޓޭ ގޮތެއް ނުވެ އެވެ. މި ގާނޫނުއަސާސީގެ ދަށުން އުފެދުނު ފުރަތަމަ ސަރުކާރު ވައްޓާލީ މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ އެންމެ ތިން އަހަރު ތެރޭގަ އެވެ. މުޒާހަރާކުރުމުގެ ހައްގު ހޯދައިދިން މީހުންނާ ދެކޮޅަށް އެ ހައްގުގެ ބޭނުންކުރަމުން ގޮސް، މުޅި ސަރުކާރެއް ގިއްގަޅުވާލީ އެވެ. އުމުރުން ތިން އަހަރު ފުރި، ކިރިޔަކިރިޔާ ބަސްކިޔޭ ވަރުވީ ޑިމޮކްރެސީ އޮތީ އެ މަންޒަރު ފެނި ޒާތަކަށް ގަނބުވެ، ހުއްޓުން އަރާފަ އެވެ. އެ ޝޮކުގައި އޮއްވައި ބަޔަކު މީހުން ސުޕްރީމް ކޯޓު މެދުވެރިކޮށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ފޭރިގަތީ އެވެ. ޑިމޮކްރެސީގެ ރިހޭފައި މައްޗަށް ފޮއި ވެއްޓުނީ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު އުފެދުނު ސަރުކާރުން ޑިމޮކްރެސީ ގަބޫލުވެސް ނުކުރަނީ އެވެ. އެއީ ރަށްމެދު ދަރިއެކޭ ދިމާލަށް ބުނެ ޖެއްސުންކުރީ އެވެ. ޑިމޮކްރެސީގެ މައިގަނޑު އަސާސްތަކަށްވެސް ފާޅުގައި ގޮންޖެހީ އެވެ. އެއްވެ އުޅޭ ހިތް ވަންޏާ ހައްޖަށް ދާންވީ ނޫންހޭ ވިދާޅުވެ، އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގަތެވެ. ސަރުކާރުގެ ހަރުކަށިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ތެދުވި އެތައް ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ ސީދާ ސަރުކާރުން އަންގައިގެންނެވެ. އެކަމަށް ސަރުކާރަށް ވާގިވެރިވީ ގާނޫނުއަސާސީން މިނިވަން މީހެއް ކަމަށް ކަނޑައެޅި ޕްރޮސިކިއުޓަރ ޖެނެރަލް އެވެ. އެ ދައުވާތަކުގައި އެއްވެސް އަސާސެއް ވެސް ނެތެވެ. އެއީ ގާނޫނުއަސާސީއާއި، ގާނޫނުގެ ހުރިހާ އުސޫލަކާ ހިލާފު ދައުވާތަކެއްކަން ސާބިތުވީ ސަރުކާރު ބަދަލުވުމާއެކު އިތުރު އެއްވެސް ސަބަބެއް ނެތި އެ ދައުވާތައް އަނބުރާ ގެނައުމުންނެވެ. އެ ދައުވާތަކުގެ ސަބަބުން އެތައް ބައެއްގެ އިންތިހާބީ ހައްގުތައް ގެއްލިގެން ދިޔަ އެވެ. އެތައް ބަޔަކު ޖަލުގައި އެތައް ދުވަހެއް ވޭތުކުރި އެވެ. އެތައް އާއިލާތަކެއް ބިކަވެގެން ދިޔަ އެވެ. މިއިން އެއްވެސް ކަމަކަށް ލިބުނު ބަދަލެއް ވެސް ނެތެވެ. ޑިމޮކްރެސީ އޮތީ ކުޑަކަކޫ މައްޗަށް ތިރިކޮށްފަ އެވެ.
މިހާރު އަނެއްކާވެސް ތަކުރާރުވާން މިއުޅެނީ 2013 އިން 2018 އަށް ހިންގި ސަރުކާރުގެ މަންޒަރެވެ. މިހާރުވެސް އެއްވެސް ހަމައެއް ނަމައެއް ނެތި ގާނޫނުއަސާސީ ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯދައިފި އެވެ. ސިޔާސީ ގޮތުން އެއްޗެއް ބުނާ މީހާއަށް ބިރު ދައްކާންކަމަށް ފުލުސް އޮފީހަށް ހާޒިރުކުރަން ފެށި އެވެ. އެކިއެކި ކަންކަމާ ގުޅިގެން ޖިނާއީ ތުހުމަތުތައް އުފައްދައި، ތަހުގީގުކުރަނީ ކަމަށް އިއުލާނުކޮށް ބިރު ދެއްކުމުގެ ސިލްސިލާ ދަނީ ކުރިއަށެވެ. މިހާރު ތަކުރާރުވަމުން މިދަނީ 2014 އެވެ. ގާނޫނުއަސާސީ ބަދަލުކުރުމާއި، ގައުމުގެ އިދާރީ އެންމެހައި ކަންކަން މުށުތެރެއަށް ގެނައުމުގެ މަރުހަލާ އެވެ. އިސާހިތަކު 2015 ވަނަ އަހަރުގެ ސިޔާސީ ރީލު ފެންނާން ފަށާފާނޭ ކަމުގެ ބިރު އިހުސާސުވެ އެވެ. އެއީ ސިޔާސީ މީހުން ހައްޔަރުކުރާން ފެށުމާއި، ދައުވާކުރެވޭ މަންޒަރެވެ.
ގައުމެއް ހިންގާން ހަވާލުވާ ބަޔަކު، އެބަޔަކަށް ލިބޭ ފުރުސަތުގައި މިކަހަލަ ޖަރީމާތައް ހިންގައި، މިގޮތަށް އަނިޔާ ދެމުންދާނަމަ އަދި އިތުރު ވިހި އަހަރު ވިޔަސް ރާއްޖޭގެ ޑިމޮކްރެސީ އޮންނާނީ ޅަފަތުގަ އެވެ. ފިރުކިފިރުކި އެވެ. ޑިމޮކްރެސީއަށް ހިނގައިގަނެވޭ ވަރަށް ކަށި ހަރުވެ، އަމިއްލަ ފައި މައްޗަށް ތެދުވެވޭނީ ބަޔަކު އެކަމާ އުޅެގެންނެވެ. ގޮތްގޮތަށް ހާނައި، އެކަށީގެންވާ އަޅާލުމާއި ލޯބި ދީގެންނެވެ. ކަންތައްތައް މިހިރަ ހިނގަމުންދަނީއަކީ ޑިމޮކްރެސީގެ ފޮނިމީރުކަން ލިބޭނޭ ކަހަލަ ގޮތަކަށް ނޫނެވެ.
އެންމެ ދޮށީ ޕާޓީއަށް ވެސް ވިހި އަހަރު، ޑިމޮކްރަސީ އަދިވެސް ޅަފަތުގައި؟ އެންމެ ދޮށީ ޕާޓީއަށް ވެސް ވިހި އަހަރު، ޑިމޮކްރަސީ އަދިވެސް ޅަފަތުގައި؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ