2027ގެ ނިޔަލަށް އަލް ނަސްރުގައި މަޑުކުރަން ރޮނަލްޑޯ އެއްބަސްވުން އާކޮށްފި

ސައުދީ ޕްރީ ލީގުގެ އަލް ނަސްރުއަށް ކުޅެމުންއަންނަ ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔެދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ. އާ އެއްބަސްވުމުގެ ދަށުން ރޮނާލްޑޯ އަލް ނަސްރުގައި އޭނާގެ 42 ވަނަ އުފަން ދުވަސް އަންނައިރުވެސް ހުންނާނެއެވެ. އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަލް ނަސްރުއާ ގުޅިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހުއެެވެ. ބައެއް ނޫސްތަކުން ބުނާގޮތުގައި ރޮނާލްޑޯ އަލް ނަސްރުއާ އެކު ހަދާފައިވާ އާ އެއްބަސްވުމަކީ ދެ އަހަރު ދުވަހުގެ ތެރޭގައި 492 މިލިއަން ޕައުންޑުގެ އެއްބަސްވުމެކެވެ. މިއީ ވެސް ފުޓްބޯޅައިގައި ރެކޯޑް އަދަދެކެވެ. އޭނާ އަލް ނަސްރުއަށް އައީ ވެސް އެފަދަ ރެކޯޑް އަދަދެއްގައެވެ. އަލް ނަސްރާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އޮތީ މި މަހުގެ ނިޔަލަށް ނިމުމަކަށް އަންނަ ގޮތަށެވެ. މިދިޔަ ސީޒަން ނިމުމާއެކު ސޯޝަލް މީޑިއާގައި މިޗެޕްޓާ ނިމުނީކަމަށް ޖެހުމާއެކު ފަހަރުގައި ރޮނާލްޑޯ އެ ޓީމު ދޫކޮށް ހިނގައިދާނެކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވިގެންދިޔައެވެ. އަދި އެމެރިކާގައ މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރަމުންދާ ކޮންމެވެސް އެއް ޓީމަކަށް ކުޑަ ދުވަސްކޮޅުގެ އެއްބަސްވުމެއްގެ ދަށުން ކުޅެފާނެކަމަށް ވެސް އަޑުފެތުރިގެންދިޔައެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ހުރިހާ މުބާރާތެއްގައި ނުކުޅެވޭނެކަން ހާމަކޮށްފައެވެ. ރޮނާލްޑޯ އެ ޓީމަށް ދިޔަ ފަހުން މިހާތަނަށް އަދި ލީގު ތަށި ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ރޮނާލްޑޯގެ ފަރާތުން ގިނަ ލަނޑު ތަކެއް ފެނިގެން ގޮސްފައިވެއެވެ. ނިމިދިޔަ ސީޒަންގައިވެސް އޭނާ އަލް ނަސްރުއަށް ކުޅުނު 41 މެޗުގައި 35 ލަނޑު ޖަހައިދީފައިވެއެވެ. އަދި މިހާތަނަށް ކުޅުނު 111 މެޗުގައި 99 ލަނޑު ޖަހައިދިފައިވެއެވެ. އަދި ރޮނާލްޑޯގެ ލަނޑުދަނޑިއެއް ކަމަށްވާ ކެރިއަރުގައި 1000 ލަނޑު ޖެހުމަށް އޭނާ ކުރަމުންދާ މަސައްކަތް ދަނީ އެ މިސްރާބުން ކުރިއަށެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމާއި ކްލަބަށް 938 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެހެން ކަމުން މިދަނޑު ދަނޑިއަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އޭނާއަށް ވާސިލް ވެވޭނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ. އަދި ރޮނާލްޑޯ މިކަމަށް ކުރާ އުންމީދު މާބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ