ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އަލުން އެފްއޭއެމް މެމްބަރުކަން ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އަލުން އެފްއޭއެމް މެމްބަރުކަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ފާސްކުރި އަސާސީ ގަވާއިދާ އެކު، ހަ އަހަރަށް ފަހު، ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް އެފްއޭއެމް މެމްބަރުކަން ލިބިއްޖެ އެވެ.
ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑް ކުރަން ނިންމީ 2019 ޖެނުއަރީ މަހު އެވެ. މުސާރައިގެ މައްސަލަ އާއި އިދާރީ ކަންކަމުގެ މައްސަލަތަކެއް ފާހަގަކޮށް ވިކްޓަރީ ސަސްޕެންޑްކުރީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ދެ ކްލަބްގެ ސަސްޕެންޝަން އުވާލީ މީގެ ދެ އަހަރު ކުރިންނެވެ.
ވިކްޓަރީ ފުރަތަަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، ނިއު އަދި ވެސް އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ. ދެ ޓީމުން ވެސް ސަސްޕެންޝަނުން އެނބުރި އައިސް، މީގެ ތިން އަހަރު ކުރިން ފެށިގެން އަންނަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުންނެވެ. މީގެ ތެރެއިން ވިކްޓަރީ ވަނީ އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން، ހޯދި އޮޑި ސްޕޯޓްސް ކްލަބާ އެކު، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.
މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ، ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި، މިހާރު ވާދަކުރަމުން އަންނަ ކްލަބްތަކަކީ އެފްއޭއެމް މެމްބަރު ކްލަބްތަކުގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް ހިންގާ ގަވާއިދަށް ގެނެވުނު ބަދަލު ފާސްކޮށްފަ އެވެ. މިއަދުގެ ބަދަލާ އެކު، ފުރަތަމަ ޑިވިޝަން އޮންނާނީ 10 ކްލަބްގެ މެދުގަ އެވެ. އަދި، ދެ ވަނަ ޑިވިޝަނުގައި 13 ކްލަބް ހިމެނެ އެވެ.
އްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް، 2019 ވަނަ އަހަރު ތެރޭ ތަފާތު މައްސަލަތަކާ ހުރެ ސަސްޕެންޑްކުރަން ޖެހުމުން، ދިވެހި ފުޓްބޯޅަ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު މާޔޫސްވި އެވެ. މުއްސަނދި ތާރީހެއް އޮތް ޒަމާންވީ ދެ ކްލަބެއް، ސަސްޕެންޑް ކުރުމުގެ ފަހަތުގައި އޮތީ އެ ފަހަރު، އޭރު އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަަ ވައްދަން އުޅުމުންނެވެ.
އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެ ފައިސާ ނުދައްކައި ދިގުލައިދިޔަ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް ޖޫރިމަނާއާ އެކު ދައްކަން ޖެހޭ އަދަދު އިތުރުވި އެވެ.
ނިއުގެ ސަސްޕެންޝަން ދަމަހައްޓަން 2019 އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެފްއޭއެމް ކޮންގްރެސް އިން ފުރަތަމަ ނިންމި އެވެ. އެ ފަހަރު ނިއުގެ ސަސްޕެންޝަނާ ދެކޮޅަށް ވޯޓު ދިނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީ އިންނެވެ. ނިއު އިން ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އިން ވެސް ބަލައި އޮތީ ފިޔަވަޅު އަޅައިފަ އެވެ.
ވިކްޓަރީ އިން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
އޭގެ ފަހުން، ކޮންގްރެސް ބޭއްވި ދެ ފަހަރު ވެސް، ނިންމީ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ސަސްޕެންޝަން އުވާލުމަށް ނިންމީ، ހިންގާ ކޮމިޓީ އަށް އެ ބާރު ދިނުމަށް ކޮންގްރެސް އަކުން ފާސްކޮށްފައިވާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ