ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު ވެސް މާލޭން ފެށިގެން ތިލަފުއްޓާ ހަމައަށް އަޅާ ބްރިޖު ނޭޅޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ގޮތަށް ގްރޭޓާ މާލޭ އޭރިއާ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ ގޮތަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. އެ ގޮތުން:
ރައީސް ސޯލިހުގެ ފަސް އަހަރުގެ ސަރުކާރު ނިމުނު އިރު ވެސް އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތް ނުނިމޭ
އޭރު މަސައްކަތްތައް އެންމެ ބޮޑަށް މަޑުޖެހުނީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވި ތަދުމަޑުކަމުގެ ސަަބަބުން
ފަހުން އައިސް މަސައްކަތުގެ ދުވެލި އަވަސްވެ، ކޮންކްޓްރީޓް ތަނބުތަކުގެ އެންމެ އުސް ބައި، ބުރިޖުގެ މައި ސްޓްރަކްޗާ ވަނީ މިދިޔަ އޭޕްރީލް މަހު ބަހައްޓާފައި
މިދިޔަ އަހަރު ޖުލައި މަހު ސަރުކާރުން ބުނި ގޮތުގައި ބްރިޖުގެ މަސައްކަތުގެ %40 ވަނީ ނިމިފައި
މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 2026އަށް ބްރިޖުގެ މަސައްކަތް ނިންމަން
ބުނީ ކީކޭ؟ - ޔާމީން ލީޑުކުރައްވާ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ލޯނު ދީގެން ހިންގާ ބޮޑު ދެ މަޝްރޫއެއް ކުރިއަށްދަނީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށެވެ.
ޔާމީން ފާހަގަކުރެއްވި ދެ މަޝްރޫއަކީ:
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު
މާލޭން ތިލަފުއްޓަށް ގުޅުވާލާ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއު
ސޯލިހާއި ރައީސް މުއިއްޒުގެ ސަރުކާރަށް ވެސް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ އެ މަޝްރޫއުތަކުގެ އަގު ވެސް ހުރީ ގަބޫލުކުރެވޭ ވަރަށް ވުރެ މަތީގައި ކަމަށެވެ. އިންޑިއާއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ޔާމީން ވިދާޅުވީ އަގު މަތިވާ އެއް ސަބަބަކީ ވެސް ގާބިލްކަން ނެތުމުގެ ސަބަބުން މަޝްރޫއު ލަސްވުން ކަމަށެވެ.
"މިހާރު އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ސަރުކާރު ނިމޭ އިރު ވެސް އެ ތަނެއް [ތިލަމާލެ ބްރިޖު] ނޭޅޭނެ. ނޭޅި ގޮސްފި ނަމަ އޭގެ އަގު އަރައިގެން ދާނެ ވަރު ވިސްނާލާ،" ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ހުޅުލެއާ ދެމެދު ސިނަމާލެ ބްރިޖުގެ މަޝްރޫއު ހިންގެވި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސޯލިހާއި ރައީސް މުއިއްޒުގެ ސަރުކާރުން ވެސް މަޝްރޫއުތައް ހަވާލުކުރަނީ ބަލަން ޖެހޭ ވަރަށް ކަންކަން ނުބަލާ ކަމަށެވެ. މަޝްރޫއުތައް ނުނިމި މަޑުޖެހެނީ ވެސް އެހެންވެގެން ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ރަސްމާލެ ހިއްކަން ބަޔަކާ ހަވާލުކުރުމަކީ ވެސް އޭގެ އެއް މިސާލު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދައުރުގައި ވެސް ތިލަމާލެ ބްރިޖް ނޭޅޭނެ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ