މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ އައު ގައުމީ ބްރޭންޑު 'ފްރޮމް މޯލްޑިވްސް' ތައާރަފުކޮށްފި

"ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ އައު ގައުމީ ބްރޭންޑެއް ދިވެހި ސަރުކާރުން ތައާރަފުކޮށްފިއެވެ. މިއަދު އިނގިރޭސި ވިލާތުގައި ބޭއްވި ޔޫކޭ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރަސްމީކޮށް މި ބްރޭންޑް އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ލޯގޯއެއް އެކުލެވޭ މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއް ކަމަށެވެ. އަދި މީގެ އިތުރުން، ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަގާފީ މުއްސަނދިކަން ވެސް މި ބްރޭންޑުން ދައްކުވައިދޭ ކަމަށް ބުންޏެވެ. އަދި ހަމައެއާއެކު، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ މަހުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ އެކު ތަރައްގީވަމުންދާ، ބާޒާރުން ކަނޑައަޅާ މިންގަނޑުތައް ބަލައިގަންނަ ސިނާއަތެއްކަން ވެސް މި ބްރޭންޑްގެ ޒަރިއްޔާއިން ރަމްޒުކޮށްދޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ބްރޭންޑް ތައާރަފުކުރުމަކީ ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިއްމު އެއް މަސައްކަތެވެ. އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ. ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސް މުއިއްޒު އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ. މި އާ ބްރޭންޑު އުފެއްދިއިރު، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)އިން ވަނީ އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާއެކު، މަސް ގަތުމާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. މިފްކޯއިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގުމުއްދަތުގެ ވިޔަފާރީގެ މުއާމަލާތް ގާއިމްކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ