ބާޒާރުން ފިޔާ ލިބުން ދަތިވެ، އެސްޓީއޯއިން ޝިޕްމަންޓެއް ގެންނަނީ

ރާއްޖޭގެ ބާޒާރުން ފިޔާ ލިބުން ދަތިވެ، އަގު ވަރަށް މައްޗަށް އަރައިގެން ގޮސްފައިވާތީ، ފިޔާގެ ޝިޕްމެންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ވިޔަފާރިވެރިން އާއްމުކޮށް ރާއްޖެއަށް ހަފުތާއަކު އެއްފަހަރު ފިޔާ ގެނެ އެވެ. އެކަމަކު މޫސުން ގޯސްވުމާ ގުޅިގެން، ފިޔާ އެތެރެނުކުރެވި ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެއާއެކު، ބާޒާރުން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ ވަރަށް މަތިިވެފަ އެވެ.
ތަފްސީލް - އެސްޓީއޯއިން މިއަދު ބުނީ މި މައްސަލަ ހައްލު ކުރުމުގެ ގޮތުން، ފިިޔާ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެސްޓީއޯއިން އާއްމުކޮށް ފިޔަ އާއި ބިސް އަދި އަލުވި ފަދަ ތަކެތި އެތެރެ ކުރަނީ ރޯދަމަހަށް ހާއްސަކޮށެވެ. އެކަމަކު ދަތިކަމެއް ކުރިމަތިވެ، އަގު އަރައިގެން ދާ ނަމަ، މުދާ އެތެރެ ކުރެ އެވެ.
"އެހެންވެ، އަގުތައް ހަމައަކަށް އަޅުވައި، ދަތިކަން ފިލުވުމަށް އަޅުގަނޑުމެން މި ޝިޕްމެންޓެއް ގެންނަނީ،" އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެކަމަކު އަދި ލިބޭނެ ދުވަހެއް އިއުލާނެއް ނުކުރަން."
އޭނާ ވިދާޅުވި ގޮތުގައި، އާއްމު ފަރާތަކުން ގެނައި ފިޔާ ޝިޕްމަންޓެއް މިހާރު ވެސް މާލޭގެ ބަނދަރުގައި އެބައޮތެވެ. އެކަމަކު އެ މުދާ ކްލިއާ ކުރަން ވަގުތު ނަގާނެތީ، ބާޒާރުން އެ ލިބޭނެ އިރެއް ނޭނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ