ގައުމީ ސާފިން ޓީމު އޭޝިއާގެ މުބާރާތަށް ފުރައިފި

ގައުމީ ސާފިން ޓީމު އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް އިންޑިއާއަށް އިއްޔެ ފުރައިފި އެވެ.
ތަފްސީލް - މި ފަހަރުގެ ގައުމީ ސާފިން ޓީމުގައި ޖުމްލަ 9 އެތުލީޓުން ހިމެނެ އެވެ. މީގެ ތެރޭގައި:
3 ފިރިހެން އެތުލީޓުން 
3 އަންހެން އެތުލީޓުން 
3 ޖޫނިއަ އެތުލީޓުން 
މި އަހަރަކީ މީގެ ތެރެއިން އަންހެން އަދި ޖޫނިއަ ޑިވިޝަންގެ އެތުލީޓުން ރާއްޖޭން ބޭރުގައި އޮންނަ މުބާރާތަކަށް ފުރާ ފުރަތަމަ ފަހަރު
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ ތައިލެންޑްގެ ޕުކެޓްގަ އެވެ. އޭގެ ފަހުން ދެވަނަ އަދި ތިންވަނަ އަހަރު މި މުބާރާތް ބޭއްވީ ރާއްޖޭގަ އެވެ.
މިއަހަރުގެ މުބާރާތް އަންނަ މަހު 3 އިން 12އަށް ކުރިއަށްދާނީ އިންޑިއާގަ އެވެ.
އެނގުން މުހިންމު - ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކަކީ ގައުމީ ސާފިން ޓީމުގެ އޮފިޝަލް ސްޕޮންސަރެވެ. އެގޮތުން:
2022 އިން ފެށިގެން ބީއެމްއެލް އިސްލާމިކުން އަންނަނީ ސާފިން އެސޯސިއޭޝަނަށް އެހީތެރިވަމުން 
މި ސްޕޮންސަޝިޕްގެ ދަށުން ގައުމީ ސާފިން ޓީމަށް ބީއެމްއެލުން އަންނަނީ އެހީތެރިވަމުން
މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ކުރިއެރުވުމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ނެޝަނަލް ޖޫނިއަ ސާފިން ޗެންޕިއަންޝިޕަށް ވެސް ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަން ފޯރުކޮށްދޭ
ބުނީ ކީކޭ؟ - "ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެހީތެރިކަން އަޅުގަނޑުމެންގެ ތައްޔާރީތައް ހަރުދަނާކުރުމަށާއި އަޅުގަނޑުމެންގެ އެތުލީޓުންނަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި،" އެމްއެސްއޭގެ ރައީސް މުހައްމަދު ސަބާހު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި ސާފިން ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކުން އަޅުގަނޑުމެނަށް ދެމުންގެންދާ އެހީތެރިކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ގައުމީ ބޭންކު ފާހަގަ ވަނީ އަބަދުވެސް ކުޅިވަރުތަކަށް މާލީ ގޮތުން އެކީތެރިކަން ދޭ ބައެއްގެ ގޮތުގައި."
އެމްއެސްއޭ އިން ބުނި ގޮތުގައި، މި މުބާރާތުގައި އަންހެން ޓީމެއް ބައިވެރިވުމާ އެކު، ދިވެހި ސާފިންގެ މުސްތަގުބަލަށް އާ އުންމީދުތަކެއް ގެނެސްދޭނެ އެވެ. މިއީ ހަމައެކަނި މުބާރާތެއްގައި ބައިވެރިވުމަށް ވުރެ ބޮޑަށް ދިވެހި އަންހެނުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރުވާ ބޮޅެއްކަން އެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ