ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެއް މިލިއަން ރުފިޔާ ދިން ކަމަށާއި، އަދީބު ފައިސާ ހޯދަނީ ވިޔަފާރިވެރިންގެ އަތުން ކަމުގައި އަދީބުގެ އަރިސް މީހެއް ކަމުގައިވާ މުހައްމަދު ހުސެއިން (އޮއިއްޓެ) ބުނެފިއެވެ.
އޮއިއްޓެ މިހެން ބުނީ ވ.އާރާށުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާގައި، ދައުލަތުން އޭނާ ހެއްކަކަށް މިއަދުގެ އަޑުއެހުމަށް ހުށަހެޅުމުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލަކާ ގުޅިގެން އޮއިއްޓެ ބުނީ އަދީބު ބުނެގެން 2013 ވަނަ އަހަރު ރައީސް ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލު ކުރި ކަމަށާއި، އެކަން ކުރީ ރައީސް ޔާމީންގެ ނަންބަރު އަދީބު ދިނުމުން, ޔާމީން އޭރު ދިރިއުޅުއްވަމުން ގެންދެވި ގ.ދޫވެހި ގެޔަށް ގޮސްފައި ކަމުގައެވެ.
އެހާ ގިނަ އަދަދެއްގެ ފައިސާ އަދީބު ހޯދަނީ ކިހިނެއްތޯ ދައުލަތުން ސުވާލު ކުރުމުން އޮއިއްޓެ ބުނީ އެއީ ވިޔަފާރިވެރިން އަދީބަށް ދޭ ފައިސާ ކަމަށާއި، ގިނަ ފަހަރާ ފައިސާ ބަލާ ވިޔަފާރިވެރިން ކައިރިޔަށް ދަނީވެސް އޭނާ ކަމުގައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ހެކިވެރިޔާ ކަމުގައިވާ އޮއިއްޓެ ދައްކާ ވާހަކަތަކާއި އާރަށް ވިއްކާލުމަށް ހިންގި މުއާމަލާތާ ގުޅެނީ ކިހިނެއްކަން ސާބިތު ކޮށްދިނުމަށް ދައުލަތާ ޗެލެންޖު ކުރައްވާފައެވެ. އަދި އޮއިއްޓެގެ ވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންވެސް ވަނީ އާރަށު ޗެކެއްގެ މައްސަލައެއް ނަގުދު ފައިސާއަށް ބަދަލުވީތޯ ސުވާލު ކުރައްވާފައެވެ.
ހެކިވެރިޔާއަށް އަދީބު ސީދާ ދެއްވާ މުސާރަ ނޭނގޭ ކަމާއި، މުސާރައިގެ އިތުރުންވެސް އެދޭ ކަމެއް އަދީބު ކޮށްދެއްވާ ކަމާއި، ފައިސާ ހޯދަނީ ވިޔަފާރިވެރިންގެ އަތުންކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވުމުންވެސް އޮއިއްޓެ ވަނީ ކިޔައިދީފައެވެ. ދިފާއުން ޝަރީއަތުގެ މަޖިލީހުގައި ވަނީ އާރަށު މައްސަލައިގެ މުއާމަލަތާ ދައުލަތުން ހުށަހެޅި ހެއްކާ ގުޅުމެއް ނެތް ކަން ފާހަގަކޮށްފައެވެ.
އާރަށު މައްސަލައާއި ގުޅުމެއް ނެތް ނަމަވެސް އޮއިއްޓެގެ ވާހަކައިން ހާމަވި ދެވަނަ ކަމަކީ ރައީސް ޔާމީނަށް ދިން ކަމަށް ބުނާ ފައިސާއަކީ އެކި އެކި ވިޔަފާރިވެރިން ޕާޓީގެ ކެމްޕެއިންތަކަށް ކޮންޓްރިބިއުޓް ކުރާ ފައިސާ ކަމެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 09:30 ގައެވެ.
    
    ރައީސް ޔާމީނަށް ދިނީ އަދީބު ވިޔަފާރިވެރިންގެ އަތުން ހޯދާ ފައިސާ: އޮއިއްޓެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ