ދުނިޔޭގެ ދިފާޢީ ބޭންކު އިޢުލާނުކުރަން ކެނެޑާއިން ތައްޔާރުވަނީ

ކެނެޑާއިން އިސްވެ އުފައްދަން މަސައްކަތްކުރަމުންދާ ދުނިޔޭގެ ދިފާޢީ ބޭންކަށް ތަފާތު 10 ޤައުމެއްގެ ތާޢީދު ލިބިފައިވާކަން، ކުރިއަށް އޮތް ނޭޓޯ ސަމިޓުގައި އިޢުލާނުކުރަން ކެނެޑާއިން ތައްޔާރުވެއްޖެއެވެ.
ވިލާތުގެ ޤައުމުތަކުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ ބައްދަލުވުން އަންނަ ހަފްތާގައި ތުރުކީވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކެނެޑާއިން އިސްވެ ދަނީ ޑިފެންސް، ސެކިޔުރިޓީ އެންޑް ރެޒިލިއަންސް ބޭންކް (ޑީއެސްއާރުބީ)ގެ ނަމުގައި ބޭންކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.
އެ ބޭންކުގެ މަޤުސަދަކީ، ނޭޓޯގެ ބޭރުން މެމްބަރު ޤައުމުތަކުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމެވެ.
މިގޮތުން، މެމްބަރު ޤައުމުތަކުގެ ދިފާޢީ ނިޒާމު ވަރުގަދަކުރަން، އެ ބޭންކު މެދުވެރިކޮށް، 100 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އެހީ ފޯރުކޮށްދޭން ކެނެޑާއިން ވަނީ ވިސްނައިފައެވެ.
އެ ބޭންކު އުފެއްދުމުގައި ބައިވެރިވަނީ ކެނެޑާ ފިޔަވައި، މުޅީންވެސް ވިލާތުގެ ޤައުމުތައް ކަމަށް ކެނެޑާއިން ވަނީ ބުނެފައެވެ. ނަމަވެސް، އެ ޤައުމުތަކުގެ ނަންތަކެއް ކެނެޑާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ ބޭންކު އުފެއްދުމަށް ބޭނުންވާ ރައުސުލްމާލު ހޯދުން ފަދަ އެންމެ ފަހުގެ މަޝްވަރާތައް އެ ޤައުމުތަކާއެކު ކުރެވެމުންދާކަމަށް ވެސް ކެނެޑާއިން ބުނެފައިވެއެވެ.
މިހާތަނަށް އެ ބޭންކު އުފެއްދުމުގައި ބައިވެރިވާނެކަމަށް ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ ލަގްޒެމްބަރގުން އެކަންޏެވެ. އެ ބޭންކުގައި ބައިވެރިވުމުގެ ދަޢުވަތު ދެކުނު ކޮރެޔާއަށް ވެސް ދީފައިވީނަމަވެސް، އެ ޤައުމުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެ ބޭންކު އުފެއްދުމުގައި ކެނެޑާއަށް ކުރިމަތިވެފައިވާ ގޮންޖެހުން ބޮޑެވެ. އެކަމުގެ މައިގަނޑު ސަބަބަކީ، ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދު، އީޔޫން މިހާރުވެސް ހިންގާ ދިފާޢީ ޕްރޮގްރާމް "ސޭފް" ފަދަ ޕްރޮގްރާމުތަކާ ސީދާ ވާދަކުރަންޖެހުމެވެ.
އިނގިރޭސިވިލާތުން ވެސް ދަނީ ނެދަރލޭންޑްސް އަދި ފިންލޭންޑާ ގުޅިގެން "އެމްޑީއެމް"ގެ ނަމުގައި ދިފާޢީ ޕްރޮގްރާމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ޕްރޮގްރާމް، ޑީއެސްއާރުބީ އާ އެއްކޮށްލުމުގެ ވިސްނުމެއް އިނގިރޭސިވިލާތުން ގެންގުޅޭކަމުގެ މަޢުލޫމާތު އެކި މަސްދަރުތަކުން ވަނީ ހާމަވެފައެވެ.
ޑީއެސްއާރުބީއާ ގުޅުމުގެ ހުށަހެޅުން ދިރާސާކުރަމުންދާކަމަށް ޖަރުމަނުވިލާތާއި، ތުރުކީވިލާތް، ސްޕެއިން އަދި ބެލްޖިއަމުން ވެސް ވަނީ ބުނެފައެވެ.
ނޭޓޯގެ ސަލާމަތާބެހޭ ބައެއް މުޝީރުންނާއި، ކުރީގެ އަސްކަރީ ބައެއް ވެރިން ޑީއެސްއާރުބީ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ހުށަހެޅުއްވީ 2024ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ