ރޯދަމަހެއްގެ ޒަކާތުގެ ގޮތުގައި ލިބުނު ތަކެތި
ބެލެހެއްޓުމަށް ދަންވަރު ފާރައަށްހުރުމަށް އަބޫހުރައިރާގެފާނާ މަތިކުރެވުނެވެ.
ރޭގަނޑުން ބައެއް ހިނގިތަނާ މީހަކު އައިސް އެއިން ކާތަކެތި ހާވަނިކޮށް
ފެނިވަޑައިގެން އަބޫހުރައިރާ އޭނާ ހިފެހެއްޓެވި އެވެ. އެމީހާ ބުންޏެވެ. ހެޔޮ
ނުވާނެ އެވެ! އަހަރެން ދޫކޮށްލާށެވެ! އަހަރެން ބަލަންޖެހިފައިވާ އާއިލާއެއްވެސް
އެބައޮތެވެ. އަހަރެންނަށް މިހެން މިވީ މިތަކެއްޗަށް ބޭނުންޖެހިފައިވާލެއް
ބޮޑުކަމުންނެވެ. ދެނެއް ހަމަ ގައިމު މިތަނަކަށް ނާންނާނަމެވެ.
ވިދިގެން އައި ދުވަހު އަބޫހުރައިރާގެފާނު މާތް ނަބިއްޔާގެ
އަރިހަށް ދިއުމުން މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. ރޭގައި ކަލޭގެފާނު
ހިފެހެއްޓެވި މީހާ ހެދީ ކިހިނަކުންހެއްޔެވެ؟ އަބޫހުރައިރާގެފާނު ދެންނެވި އެވެ.
އޭނާގެ ބަލަންޖެހިފައިވާ އާއިލާއެއްވެސް އޮތްކަމަށް ބުނެ އޭނާއަކީ ނުހަނު ބޮޑަށް
ނިކަމެތި ހާލުޖެހިފައިވާ މީހެއްކަމަށް ބުނާތީ، އަހަރެންގެ ހިތަށް އޯގާތެރިކަން
ވަދެގެން އޭނާ ދޫކޮށްލެވުނީ އެވެ. މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. އޭނާ
ކަލޭގެފާނަށް އެ ހެދީ ދޮގެވެ. އޭނާ އަދި އެނބުރި އަންނާނެ އެވެ.
ވިދިގެން އައިރޭވެސް ހަމަ މިކަން މިމަގަށް ހިނގުމުން، މާތް
ނަބިއްޔާއާ ބައްދަލުވެ ވަޑައިގަތުމުން ހަދީސްކުރެއްވި އެވެ. އޭނާ ކަލޭގެފާނަށް އެ
ހެދީ ދޮގެވެ. އޭނާ އަދި އެނބުރި އަންނާނެ އެވެ. ތިންވަނަ ރޭ ވެސް އޭނާ އަތުވެއްޖެ
އެވެ. މިރޭ އޭނާ ހިފެހެއްޓުމުން ދެއްކީ މުޅިން އައު ވާހަކައެކެވެ. އޭނާ ބުންޏެވެ.
މިރޭ އަހަރެން ދޫކޮށްލައިފިއްޔާ ކަލޭގެފާނަށް މަންފާހުރި ކަލިމަތަކެއް
ދަސްކޮށްދޭނަމެވެ. އަބޫހުރައިރާ ވިދާޅުވި އެވެ. އެއީ ކޮން ކަލިމަތަކެއްހެއްޔެވެ؟
އޭނާ ބުންޏެވެ. ކޮންމެ ރެއަކު ނިދަން އޮށޯވެފައި އާޔަތުލް ކުރުސި ކިޔަވާށެވެ!
އޭރަށް ފަތިސްވަންދެން ތިބާޔާ ޝައިތާނަކު ކައިރިއެއް ނުވާނެ އެވެ. އަދި ﷲ ގެ
ހަޒުރަތުން ވާ ރައްކާތެރިކަމެއް އެހާތަނަށް ފިލާނުގޮސް ތިބާއާއެކު ވާނެ އެވެ.
ވިދިގެން އައި ދުވަހު މާތް ނަބިއްޔާގެ އަރިހުގައި މިވާހަކަ
ދެންނެވުމުން ހަދީސްކުރެއްވި އެވެ. ދަންނާށެވެ! ކަލޭގެފާނަށް އޭނާ މިފަހަރު އެބުނީ
ތެދެވެ. އެކަމަކު އޭނާއަކީ ދޮގުވެރިއެކެވެ. ތިންރޭމަތިން ކަލޭގެފާނު ތިޔަ
މުހާތަބުކުރީ ކާކާކަން އެނގޭހެއްޔެވެ؟ އަބޫހުރައިރާގެފާނު ނޫނެކޭ ދެންނެވުމުން
ހަދީސްކުރެއްވި އެވެ! އެއީ ޝައިޠާނާ އެވެ.
ތިޔަ ހީކުރީ ރަނގަޅަށެވެ. ކިތަންމެ ބޮޑު ދޮގުވެރިއެއް
ބުންޏަސް ކިތަންމެ ނިޔަތް ނުބައިކަން އެނގި ހާމަވާ ފާސިގަކު ބުންޏަސް ހެޔޮ ކަމެއް
އެއީ ނުބައިކަމަކަށް ނުވާނެކަން މި ރިވާޔަތުން ސާފުކޮށް ދަލީލު ލިބެ އެވެ. މި
ރިވާޔަތުން ދަލީލު ލިބެނީ އެކަމަށް އެކަންޏެއް ވެސް ނޫނެވެ. ދިވެހިރާއްޖޭގެ ސިޔާސީ
މަސްރަހާ ގުޅިފައިވާ އެތައް ކަމަކަށް މި ރިވާޔަތުން ދަލީލު ލިބެ އެވެ.
ދައުލަތުގެ ހަޒާނާ ބަލަހައްޓައި ރައްކާތެރިކުރުމަށް ބަޔަކު
އައްޔަންކޮށްފައި ތިބެންޖެހޭނެކަމެވެ. ދައުލަތުގެ ހަޒާނާއިން ވައްކަންކުރުމަށް
އަންނަ މީހުންނަކީ ހިފެހެއްޓި އަދަބު ދެވެން ޖެހޭ ބައެއްކަމެވެ. ދައުލަތުގެ
ހަޒާނާއިން ވައްކަންކުރުމަށް ތަފާތު ބަހަނާ ދައްކާ މީހުންނަކީ ސަމާލުވާންޖެހޭ
ބައެއްކަމެވެ. އެހެނީ އެބައިމީހުންނަކީ ތަކުރާރުކޮށް ދޮގުހަދާނެ ބައެއްކަމެވެ.
އެކި ފާޑުގެ ބަހަނާ ދައްކާނޭ ބައެއްކަމެވެ. ދައުލަތުގެ ހަޒާނާއިން
ވައްކަންކޮށްފައި ތިމަން ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުންޏަސް އެކަން
ތަކުރާރުކުރުމަކީ އެބައިމީހުންގެ ތަބީއަތުގައި ހުރެދާނެ ކަމެއްކަމެވެ. ހައްތާވެސް
ހަމަ މި ރިވާޔަތުން ދިވެހިން ހޯދައިގަންނަންވީ ފިލާވަޅުތަކެވެ.
ޝައިޠާނާއަށްވުރެ ނިޔަތް ނުބައި އެއްޗެއް ނިކަން
ދައްކަބަލާށެވެ! އެކަމަކު ޝައިޠާނާ ބުނީތީ އާޔަތުލްކުރުސި ނިދާން އޮށޯވެންނަމުން
ވީ ނުކިޔާކަށް ނޫނެވެ! ލައުނަތް ލެއްވި ޝައިޠާނާ ބުންޏަސް އެއީ އެކަން
އޮތްގޮތްކަމުގައި މާތް ނަބިއްޔާ އެވަނީ ބަޔާންކޮށްދެއްވާފަ އެވެ.
ކޮންމެފަދަ ނިޔަތް ނުބައި މީހަކު ބުންޏަސް ވައްކަން
ނުކުރާށޭ ބުނީމާ އެއީ ނިޔަތަކަށް ބަލަންޖެހޭކަމެއް ނޫނެވެ. ވައްކަމަކީ
ކޮށްގެންވާނެ ކަމެއް ނޫނެވެ. ދައުލަތުގެ ބައިތުލްމާލަކީ ހިތުހުރި ގޮތަކަށް
ހިތުހުރި ބަޔަކަށް ހިތުހުރި ވަރަކަށް ބައިއެޅޭނެ އެއްޗެއް ނޫނެވެ. އެކަމާ ދެކޮޅު
ހަދަނީ ނިޔަތް ނުބައި ބަޔަކަށް ވެގެން ކާފަރުންނަށްވެގެން ޔަހޫދީންނަށް ވެގެން
ވަކި އެކަމަކީ ބަހަނާއަކަށް ހަދައިގެން ވައްކަންކޮށްގެން ނުވާނެ އެވެ.
ދީނުގެ ނަމުގައި ހިތުހުރި ވާހަކައެއް ހިތުހުރިހާ ގޮތަކަށް
ދެއްކުމަކީ ހިތާމަހުރި ނުރައްކާތެރި އަދި އަމިއްލަ ނަފުސަށް އަނިޔާވެރިވުމުގެ
އަމަލެކެވެ. "ޙައްޤު ޤުރުއާން އެމީހުންގެ ހަވާނަފުސަށް ތަބާވީނަމަ،
އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ."
-އަލްމުއުމިނޫން ސޫރަތުގެ 71-
"ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު
އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި، އަދި އިލްމު ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު
މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަޖައްސަވައި، އަދި އޭނާގެ
ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ
އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ
ނުކުރަނީހެއްޔެވެ؟ -އަލްޖާޘިޔަތު ސޫރަތުގެ 23-
"...ހީއަކަށް މެނުވީ އެމީހުން ތަބާވާކަމުގައެއް ނުވެ
އެވެ. އަދި ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް
ފުއްދައިދޭނެ އެއްޗެއްނޫނެވެ." އަންނަޖްމު ސޫރަތުގެ 28-
"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޝަރީކުކުރާ
ފަރާތްތަކުގެ ތެރޭގައި ޙައްޤަށް މަގުދައްކާ މީހަކު ވޭހެއްޔެވެ؟ ކަލޭގެފާނު
ވިދާޅުވާށެވެ! ޙައްޤަށް މަގުދައްކަވަނީ ﷲ އެވެ. ފަހެ، ތަބާވުން ޙައްޤުކަންބޮޑީ
ޙައްޤަށް މަގުދައްކާ ފަރާތަކާ ހެއްޔެވެ؟ ނުވަތަ މަގުދައްކަވައިގެން މެނުވީ
ތެދުމަގު ލިބިނުގަނެވޭ މީހަކާ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ތިޔަ ތިބީ
ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ގޮތް ނިންމާ ތިއުޅެނީ ކޮންފަދައަކުން
ހެއްޔެވެ؟" -ޔޫނުސް 35-
މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވެފައިވެ އެވެ. ބަސް
ބުނި މީހަކަށް ނުބަލާށެވެ! ބުނި ބަހަށް ބަލާށެވެ! އަލްޢައްލާމާ އިބްނު ތައިމިއްޔާ
ވިދާޅުވެފައިވެ އެވެ. ކާފަރުންނާއި މުނާފިގުންނާ ޖިހާދުކުރުމުގެ އަސާސަކީ އަމިއްލަ
ނަފުސާއި އެދުންތަކާ ޖިހާދުކުރުމެވެ. އެހެނީ އަމިއްލަ ހަވާނަފުސުގެ އެދުންތަކާ
ޖިހާދުނުކުރާހާ ހިނދަކު ކާފަރުންނާއި މުނާފިގުންނާ ޖިހާދުކުރުމަކަށް
ކެރިކުޅަދާނަކަމެއް ނުލިބޭހުއްޓެވެ.
މާތް ﷲ ރަޙުމަތްލެއްވި ބިޝްރުލްޙާފީ ވިދާޅުވެފައިވެ އެވެ.
ހުރިހާ ބަލާއާފާތެއް ހުރީ ކަލޭގެ ހަވާނަފުސުގަ އެވެ. ހުރިހާ ޝިފާއެއް ހުރީ އެޔާ
ހިލާފުވުމުގަ އެވެ. އިމާމް ޢަޠާއު ވިދާޅުވެފައިވެ އެވެ. އެމީހެއްގެ ބުއްދީގެ
މައްޗަށް ހަވާނަފުސުގަދަވެއްޖެއްޔާ، ކެތްތެރިކަމުގެ މައްޗަށް އަވަސްއަރައިގަތުން
ބޮޑުވެއްޖެއްޔާ، އެމީހަކު ފަލީހަތްވެދެ އެވެ. އަބޫޢަލިއްޔުއްޘަޤަފީ ވިދާޅުވެފައިވެ
އެވެ. އެމީހެއްގެ މައްޗަށް ހަވާނަފުސު ގަދަވެއްޖެއްޔާ އެމީހެއްގެ ބުއްދި ފިލާދެ
އެވެ.
ގޯސް ނިޔަތެއް އޮތް ބަޔަކު ބުންޏަސް އަލަޙަމްދުވާނީ ކިޔަވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ