ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ، ބިލިއަނަރުންގެ އަދަދު 13 ޕަސެންޓު މައްޗަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.
މި ކުރިއެރުމާއެކު ދުނިޔޭގައި މިހާރު 3،302 ދެ ބިލިއަނަރުން އެބަތިއްބެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ސިނާއަތަށް އައި ބޮޑު ކުރިއެރުމާއެކު ހިއްސާގެ ބާޒާރުގައި އެ ދާއިރާގެ ކުންފުނިތަކުގެ އަގު އުފުލުމާ ގުޅިގެން އައި ބަދަލެއް ކަމަށް މާހިރުން ބުނެއެވެ.
ސްވިޒަލޭންޑުގެ ޔޫބީއެސް ބޭންކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބިލިއަނަރުންގެ މުއްސަނދިކަން އެވްރެޖްކޮށް 25 ޕަސެންޓު ވަނީ އިތުރުވެފައެވެ. މިއީ ދުނިޔޭގެ އާންމު ފަރުދުންގެ މުއްސަނދިކަން އިތުރުވި 10.8 ޕަސެންޓާ އަޅާބަލާއިރު ވަރަށް ބޮޑު މިންވަރެކެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 50 ބިލިއަނާއި 100 ބިލިއަން ޑޮލަރާ ދެމެދުގެ މުއްސަނދިކަން ހުރި 18 މީހަކު ތިބިއިރު، 100 ބިލިއަން ޑޮލަރަށްވުރެ ގިނައިން މުދާ ހުރި 19 މީހަކު ދުނިޔޭގައި އެބަތިއްބެވެ. މީގެ ތެރެއިން 15 މީހުންނަކީ އެމެރިކާއަށް ނިސްބަތްވާ މީހުންނެވެ.
ޔޫބީއެސް ބޭންކުގެ އިގްތިސާދީ މާހިރު ޖޭމްސް މެޒޯ ވިދާޅުވި ގޮތުގައި ބިލިއަނަރުންގެ މުއްސަނދިކަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަގު އުފުލުމެވެ. ހާއްސަކޮށް އޭއައިގެ ސިނާއަތަށް އޮތް ޝައުގުވެރިކަން ބޮޑުވުމަކީ ހިއްސާގެ ބާޒާރަށް ދިރުން ލިބި، މުއްސަނދިންގެ މިލްކިއްޔާތު އިތުރުވާން މެދުވެރިވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބިލިއަނަރުންގެ އިތުރުން މިލިއަނަރުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 57 މިލިއަނަށްވުރެ ގިނަ މިލިއަނަރުން ތިބިކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ އެމެރިކާއިންނެވެ. އެ ގައުމުގައި އެކަނިވެސް 440،000 އަށް ވުރެ ގިނަ މީހުން އަލަށް މިލިއަނަރުންގެ ލިސްޓަށް ވަނީ އިތުރުވެފައެވެ. އަދި އިނގިރޭސިވިލާތުގައި 43،000 އަށް ވުރެ ގިނަ މީހުން މިދިޔަ އަހަރު އަލަށް މިލިއަނަރުންނަށް ވެފައިވެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހުންނާއި އެންމެ ފަގީރު މީހުންގެ މެދުގައި އޮތް ފަރަގު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ދުނިޔޭގެ ނުތަނަވަސްކަމާ ބެހޭ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އާބާދީގެ އެންމެ 0.001 ޕަސެންޓު މީހުންގެ އަތުގައި، ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ޖުމްލަ މުއްސަނދިކަމަށްވުރެ ތިން ގުނަ އިތުރަށް މުދާ އެބަހުއްޓެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް، މުއްސަނދިންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
ފޯބްސްގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައިވާ ގޮތުން، ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު އެއް ޓްރިލިއަން ޑޮލަރަށް އަރައެވެ. މި ލިސްޓުގެ ދެވަނަ އަދި ތިންވަނައިގައި އުޅެނީ ގޫގުލްގެ ބާނީން ކަމަށްވާ ލެރީ ޕޭޖް އަދި ސާޖޭ ބްރިން އެވެ. އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި އާއިލާއަކީ ހިންދޫޖާ އާއިލާއެވެ. އެ އާއިލާގެ މުއްސަނދިކަން 35 ބިލިއަން ޕައުންޑަށް އަރާއިރު، އެ އާއިލާއަކީ ތެލާއި، ބޭންކިން އަދި ރިއަލް އެސްޓޭޓްގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ބައެކެވެ.
ބިލިއަނަރުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ