ކޮވިޑު ފެސިލިޓީގެ ގޮތުގައި ބޭނުުންކުރަމުން އައި އިމާރާތުގައި ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ މަސައްކަތްތައް ކުރެވޭ ގޮތަށް އެތަން ބަދަލުކުރަން ކުރީ ސަރުކާރުން ފެށި މަސައްކަތް ނިންމައި، "ޖަސްޓިސް ބިލްޑިން އެނެކްސް" ގެ ނަމުގައި އެ ތަަން މިއަދު ހުޅުވައިފި އެވެ.
ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޝަރީއަތްތައް ކުރެވޭ ގޮތަށް ކޮވިޑު ފެސިލިޓީ ބަދަލުކުރަން ނިންމީ، ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ނުކުރެވި، މައްސަލަތައް ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށާއި ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ހަލާކުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ބޭނުމުގަ އެވެ.
ހުޅުމާލެ ފޭސް 1، ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ޖަސްޓިސް ބިލްޑިން އެނެކްސް އިމާރާތް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި އިމާރާތުގައި 15 ކޯޓު ރޫމާއި، 17 ގާޒީންގެ ރޫމާއި ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނަށް ހާއްސަ ކޮޓަރިތަކާއި ޝަރީއަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ.
އެ އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ އައު އިމާރާތާއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތައް ދުވަހެއް ވަންދެން ހައްލު ނުލިބި ދިގުދެމިގެންދިޔަ މައްސަލަތައް ވެސް ނިންމަން އިތުރު ބާރަކަށް ވާނެ ކަމަށެވެ.
"އާދެ ގިނަ ދުވަސްތަކަކަށްފަހު. ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މިއަދު މިވަނީ ނިމުމަކަށް އައިސްފައި. އެތައް ދުވަހެއް ވަންދެން ހައްލު ނުލިބި ދިގުދެމިގެންދިޔަ އެތަކެއް މައްސަލަތަކަށް އަލަށް ހަމަޖެހުނު އިމާރާތް، ޖަސްޓިސް ބިލްޑިން އެނެކްސްގެ ސަބަބުން މިއަދު މިވަނީ ހައްލުވެފައި،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ހުރި ކްރިމިނަލް ކޯޓުގެ ބައު އިމާރާތް ބޭނުން ކުރަން ރައްކާތެރި ނޫން ކަމަށް ސަރުކާރުން ކަނޑައެޅުމުން، މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް ބަދަލު ކުރަން ޖެހި ބައެއް މައްސަލަތަކުގެ ޝަރީއަތްތައް ދިގުދެމިގެން ދިޔަކަން އަމްޖަދު ފާހަގަކުރެއްވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އައު އިމާރާތާއެކު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޝަރީއަތްތަކުގެ ދުވެލި އަވަސްވެ، ރައްޔިތުންނަށް އުދުއިންސާފަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިމެނޭ ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވައިފި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިމެނޭ ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ