މޫސަ މަރާލާފައި ފުލުހުންނާ ހަވާލުވީ ވެސް، ވަޅި ދެއްކީ ވެސް އަމިއްލައަށް!
ލ. މާވަށަށް މި ބިރުވެރިކަން އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މިކަމާ ކަންބޮޑުވެގެން ރައްޔިތުންނާއި ކައުންސިލުން ވެސް ކަމާ ބެހޭ އިދާރާތަކުގައި އާދޭސް ކުރާތާ ވެސް ވީ ދުވަހެއްވީއެވެ. އެންމެ ފަހުން، އިއްޔެ އެ ރަށު ފަސްގަނޑުގައި ހިނގި މާރާމާރީއެއްގައި ރަށުގެ ދަރިއެއް ކަރުގައި ވަޅިއަޅައި މަރާލީއެވެ. މި ހާދިސާގެ ފަހަތުގައި މި މުޖުތަމައުގެ ތެރޭގައި އޮތް ވަރަށް ބޮޑު ނުރައްކަލެއް އަނެއްކާ ވެސް އެބަ ހާމަވެއެވެ. މި މަރުގެ ހަގީގަތް ބެލުމަށް އެކިއެކި މަސްދަރުތަކުން "ސަން"އިން މައުލޫމާތު ހޯދިއިރު ހަމަ އިވެނީ އެއް ވާހަކައެކެވެ. އެންމެން ކަހަލަ ގޮތަކަށް ކިޔައިދެނީ ހަމަ ސީދާ އެއް ވާހަކައެކެވެ. މި ހާދިސާގައި މަރުވި, މާވަށު, ނަލަހިޔާ، މޫސާ އިބްރާހިމް (29އ) އާއި ވަޅިއެޅި ކަމަށް ތުހުމަތުކުރެވޭ, ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ),އަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. ހައްޔަރުކުރި މީހާގެ ކުށުގެ ރިކޯޑު އޮތްކަން ފުލުހުން ވެސް ކަށަވަރުކޮށްދިނެވެ. https://www.sun.mv/209160 އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތީ ބޭނުން ކުރާ ކަމަށެވެ. މީގެ ތެރެއިން ވަރުގަދަ ކަމަށް މުޅި އެ އަތޮޅަށާއި މާލެއަށް ވެސް މަޝްހޫރު މީހަކީ މަރުވި މޫސައެވެ. މާވަށުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެންމެ އުތުރުގެ ރަށަކަށް ނިސްބަތްވާ މުހައްމަދު މާވަށަށް ގޮސްގެން އުޅެނީ އެ ރަށު އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެންނެވެ. ބީރައްޓެއްސެއްވިޔަސް އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުން ފަދަ ކުށްތައް ކުރާ ކަމަށް އެ ރަށުގެ ތެރޭގައި މަޝްހޫރު މީހެކެވެ. މާވަށު މީހުންނަށް ވެސް ފާހަގަވެފައި އޮތް އެންމެ އާދަޔާހިލާފު އެއް ކަމަކީ މުހައްމަދު އަބަދުހެން އުޅޭ އުޅުމުގައި ވަޅިއެއް ހިފައިގެން އުޅޭ ކަމެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެ މޫސަ މަރާލި މާރާމާރީގެ ކުރިން ފެށިގެން މިދިޔަ އާދިއްތަ ދުވަހު ވެސް މޫސައާއި މުހައްމަދާ ދެމެދު ވަނީ މާރާމާރީތަކެއް ހިންގާފައެވެ. "100 ޕަސެންޓް ޔަގީން އެ މީހުން މައްސަލަ ޖެހުނީ މަސްތުވާތަކެތީގެ މައްސަލަ. ބޯކާ[މޫސަ] އަތުން ގަތް މަސްތުވާ އެއްޗެއްސަށް މޯޑް [މުހައްމަދު], ފައިސާ ނުދީގެން ބޯކާ މެން ގުރޫޕުން އޭގެ ކުރީ ދުވަހު [އާދިއްތަ] ވެސް ވަނީ މޯޑް ގައިގައި ތަޅައިގަނެ މޫދަށް އެއްލާލާފައި," ހާދިސާގެ މައުލޫމާތު އެނގޭ ރަނގަޅު މަސްދަރަކުން ކިޔައިދިނެވެ. "އިއްޔެ ވެސް ބޯކާ [މޫސަ] ތިމާގެ މީހަކު ވެސް މޯޑް ކައިރި ބުނި ކަލޭ އަވަހަށް މި ރަށުން ދާށޭ. އެ މީހުން ކަލޭ މަރާލަފާނޭ،" https://www.sun.mv/209166 އިއްޔެ ވެސް މުޙައްމަދު ރަށު ތެރޭގައި އުޅުނީ އާދައިގެ މަތިން, އޭނާ ގެންގުޅޭ ރީނދޫ މުއްގަނޑުލީ, ބަދިގޭގައި ގެންގުޅޭ ކަހަލަ ވަޅިއެއް ހިފައިގެންކަން އެ ރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. އަދި، އެ ރަށު މީހަކު ދިވެހި ބޭސް ހަދަން ބޭނުން ވެގެން އިއްޔެ ހެނދުނު ވެސް މުހައްމަދު ކައިރި ބުނެގެން އޭނާ ރުކަށް އަރުވައި ފަންކަނޑައި ހެދިކަމަށް ވެސް ވެއެވެ. އެއަށް ފަހު އިއްޔެ ހެނދުނު 10:00 ހާއިރު މޫސައާއި އޭނާގެ އެހެން އެކުވެރިއަކަށް މުހައްމަދު އެ ރަށު ވޮލީ ކޯޓް ކައިރިން ފެނިގެން އެ މީހުން މުހައްމަދުގެ ގައިގައި ތަޅައި މާރާމާރީ ހިންގަން ފެށީ ކަމަށް ވެސް ރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ. "މޯޑް ހުންނާނީ ވަރަށް ކުޑަކޮށް ނިކަމެތިކޮށް. ބޯކާ [މޫސަ] ކައިރި އޭނާއަށް ގަދައެއް ނުހެދޭނެ. ބޯކާއެއީ ވަރަށް ވަރުގަދަކޮށް ބޮޑުކޮށް ހުންނަ މީހެއް. އެ މީހުން މޯޑް ގައިގައި ވަރަށް ތެޅިތަން މި ރަށު މީހުންނަށް ފެނިފައި އެބަހުރި. މަގުމަތިން ތަޅަމުން ތަޅަމުން ގޮސް މޯޑު ލައިގެން ހުރި ގަމީސްގަނޑު ވެސް ވީދައި އެއްލާލި," ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "މޯޑް ގަމީސް ވީދާލައި އެއްލާލި ހިސާބު ވަޅި ފެނުނު [ތިރިން ލާފައި ހުރި ސޯޓް އެތެރެއަށް] ޖަހާފައި އިންތަން. އެ ގަޑީގައި މޯޑް ވަޅި ނަގައި އެޅީ ބޯކާ ކަރުގައި. ބޯކާ ހުންނަނީ ވަރަށް ބޯދިގުކޮށްފައި. އެކަމަކު ވަޅި އެޅުމާ އެކު ލޭގަނޑު ބުރައިގެން ދިޔައީ ވަރަށް ބޮޑަށް. މޯޑުގެ ބުރަކަށީގައި ވެސް އޮތީ ހުސް ލޭ. އެއަށް ފަހު މޯޑު އެ ތަނުން ފިލައިގެން ދިޔައީ." މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ކަރުގައި ވަޅި އެޅުމާއެކު މޫސަ ކަރުގައި އަތް އަޅައި ހިނގައިގަތެވެ. ނަމަވެސް، ވަކި ހިސާބަކަށް ދެވުނުތަނާ މޫސަ ވެއްޓުނީއެވެ. މޫސަ ކައިރި ހުރި އެކުވެރިޔާ މީހުންނަށް ގޮވައި އިއްޔެ 10:22 ހާއިރު މޫސަ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ. އެކި މަސްދަރުތަކުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މުހައްމަދު, މޫސަ ކަރުގައި ވަޅިއެޅުމަށް ފަހުގައި, އޭނާ ދިޔައީ އެ ރަށު ބޯޅަދަނޑާ ދިމާލު ގޮނޑުދޮށަށެވެ. ގޮސް އެ ސަރަހައްދު މޫދަށް ވަޅިއެއްލާލުމަށް ފަހު އަތާއި ގައި ދޮވެގެން, އޭނާ އަވަހަށް ދިޔައީ ފުލުހުންގެ އިދާރާއަށެވެ. "ފުލުހުންނާ އަމިއްލައަށް ހަވާލުވީ އޭނާ. ބޮޑަށް ހީވަނީ އޭނާގެ ސަލާމަތަށްހެން އެ ދިޔައީ. އެ ގުރޫޕުން އޭނާ މަރާލާފާނެތީ. ފުލުހުންނާ ހަވާލުވިއިރު ހިޔެއްނުވޭ މޫސަ މަރުވިކަން މުހައްމަދަށް އެނގޭނެހެނެއް. އެކަމަކު މުހައްމަދު ފުލުހުންނަށް އެއްބާރުލުން ދިން،" ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. މޫސަ މަރާލި ވަޅި, މުހައްމަދު އެއްލާލި ސަރަހައްދު: މުހައްމަދު ވަނީ ފަހުން އެ ވަޅި ފުލުހުންނަށް ދައްކާފައި-- ސަން ފޮޓޯފުލުހުން އިއްޔެ ވަނީ މޫސަ މަރާލަން މުހައްމަދު ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ވަޅި މޫދަށް ފީނައިގެން ހޯދައިފައެވެ. ރަށުން ވާހަކަދެއްކި މީހުން ބުނި ގޮތުގައި އެ ސަރަހައްދަށް ގޮސް ހުރެ, ފުލުހުންނަށް ވަޅި ދެއްކީ މުހައްމަދެވެ. ފުލުހުން މިހާރު ވަނީ މުހައްމަދު އެ ރަށުން ގެންގޮސް ބަންދުކޮށްފައެވެ. އަދި، މޫސަގެ ހަށިގަނޑު ރޭގެ ދަންވަރު ވަނީ އިތުރު ތަހުލީލުތަކަށް މާލެ ގެނެސްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މޫސަގެ ހަށިގަނޑު ޕޯސްޓްމޯޓަލް ހަދާނެތޯ ނުވަތަ ނޫންތޯ ވަރަށް އަވަހަށް ނިންމައި ތަފުސީލު ހާމަ ކުރާނެ ކަމަށެވެ. މި މާރާމާރީ ހިންގި ސަރަހައްދާއި ގުޅުން ހުރި ސަރަހައްދުތައް އަދިވެސް އޮތީ ބަންދުކޮށްފައެވެ. ގިނަ އަދަދެއްގެ ފުލުހުން މިހާރު ވެސް އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ފޮރެންސިކް ފުލުހުން ހިމެނެއެވެ. މާވަށުން ވާހަކަ ދެއްކި މީހުން ބުނިގޮތުގައި ކުށްކުރާ މަދު ބައެއްގެ ބިރުވެރިކަން އެ ކުޑަކުޑަ މުޖުތަމައުގައި އޮންނަތާ އެތައް އަހަރެއްވެއްޖެއެވެ. އޭގެ ސަބަބުން ރަށު ތެރޭގައި އޮތީ ބިރުވެރިކަން އުފެދިފައި ކަމަށް އެ މީހުން ބުނެއެވެ. އަދި، އެކަން ހައްލު ކޮށްދޭން އެކި ލެވެލްތަކުގައި އެދިފައިވާ ކަމަށާއި ނަމަވެސް ގާނޫނީ ހުރަސްތައް ހުރި ކަމަށް ބުނެ އެކަން އޮތީ ކަމާބެހޭ އިދާރާތަކަށް ނުވެ ކަމަށް އެ މީހުން ބުނެއެވެ. ކުށްކުރާކަން އެންމެންނަށް އެނގި ފާޅުގައި މުޖުތަމައަށް ދޫވެފައި މިގޮތަށް މީހުން ތިބުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި އާއްމު ކަމެކެވެ. ކުށްކުރާ މަދު ބައެއްގެ ސަބަބުން މުޖުތަމައުތަކުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް އެކަންކަން އޮންނަނީ ހައްލުނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ