މެންބަރުން މަސައްކަތް ނުކުރާކަން ތަފާސްހިސާބުން ހާމަވުމުން މަޖިލިސް އިދާރާއިން އެކަން ދިފާއުކޮށްފި މެންބަރުން މަސައްކަތް ނުކުރާކަން ތަފާސްހިސާބުން ހާމަވުމުން މަޖިލިސް އިދާރާއިން އެކަން ދިފާއުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ނުކުރާކަން ތަފާސްހިސާބުން ހާމަވުމުން، މަޖިލީހުގެ އިދާރާއިން އެކަން ދިފާއުކޮށް ނޫސް ބަޔާނެއް ރޭ ނެރެފި އެވެ.
މަޖިލީހުން ނެރުނު ނޫސް ބަޔާނުގައި ބުނީ މެންބަރުންގެ ބައެއް މަސައްކަތްތައް މަޖިލީހުގެ ތަފާސްހިސާބުތަކުން ފެންނަން ހުރި ނަމަވެސް، އެއީ އެ މެންބަރުން ކުރާ ހަމައެކަނި މަސައްކަތް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ގަރާރުތަކާއި، މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި، ޝާމިލުވެލައްވާ ކޮމިޓީތަކުގެ މައުލޫމާތާއި ތަފާސްހިސާބު ފެންނަން ހުންނާނެ. އެހެނެންމަވެސް އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތެއް ނޫންކަމުގައި ދަންނަވަން،" މަޖިލިސް އިދާރާއިން ބުންޏެވެ.
މަޖިލީހުގެ އިދާރާއިން މިހެން ބުނީ މަޖިލީހުގެ ބައެއް މެންބަރުން އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ބަރާބަރަށް ނަންގަވަމުންދާ ކަމަށް ބައެއް އާންމުން ސޯޝަލް މީޑިއާގައި ބުނަމުންދާތީ އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމިޓީތަކުގައި ކުރިއަށް ގެންދާ ކަމަށާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.
މިގޮތުން މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކުރާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސާކުރާ ބިލުގެ އަދަދުން ނޫން ކަމަށާއި އެކި މަރުހަލާތަކުގައި މަޖިލީހުގެ މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަކަން މަޖިލީހުގެ އިދާރާއިން ފާހަގަކުރެ އެވެ.
މީގެއިތުރުން މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން އާންމުކުރަމުން ގެންދާ މައުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް އާންމުންނަށް އޮޅުންއަރާ ގޮތަށް އެ މައުލޫމާތުތައް ބޭނުން ނުކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މަޖިލީހުގެ މައުލޫމާތު ހިއްސާކުރައްވާއިރު ޒިންމާދާރުކަމާއެކީ މައުލޫމާތު ހިއްސާކުރެއްވުމަށާއި އަދި މައުލޫމާތު އާންމުކުރެއްވުމުގެ ކުރިން އެ މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރުކުރެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން،" މަޖިލިސް އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަމުން ގެންދަނީ، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ