ސަލާމަތީ ސަބަބުތަކާހުރެ ޣައްޒާއިން އދ ގެ މުވައްޒަފުން މަދުކުރަނީ

ޣައްޒާގައި މަސައްކަތްކުރާ އދގެ މުވައްޒަފުންގެ ގާތްގަޑަކަށް ތިންބައިކުޅަ އެއްބައި މަދުކުރުމަށް އދ ނިންމައިފިއެވެ. އެ އަދަދު މަދުކުރަން ނިންމީ އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި އެ ޖަމިއްޔާގެ މުވައްޒަފުން ހިމެނޭހެން އެތައް ސަތޭކަ އާންމުންނެ ޝަހީދުކޮށްލާފައިވާތީ ކަމަށް އދ ން ބުނެއެވެ. އދގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ނޫސްވެރިންނަށް ވިދާޅުވީ އެ ފިޔަވަޅަކީ ސަލާމަތީ އަދި އޮޕަރޭޝަނަލް ސަބަބުތަކާހުރެ އަޅާ ފިޔަވަޅެއް ކަމަށާއި މިހާރު ޣައްޒާގައި ތިބި 100 ވަރަކަށް ބައިނަލްއަގްވާމީ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 30 މުވައްޒަފުން އަނބުރާ ގެންދާނެ ކަމަށެވެ. ނަމަވެސް މިއީ ވަގުތީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ޑޫޖަރިކް ވިދާޅުވިއެވެ. މިއީ އދ ން ޣައްޒާ ދޫކޮށްލަނީ ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޑޫޖަރިކް ވިދާޅުވީ މިހާރު ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި މަހުގެ 19 ވަނަ ދުވަހު ދީރް އަލްބަލާހުގައި ހުންނަ އދގެ ކޭމްޕަކަށް ދިން ހަމަލާގައި ބަލްގޭރިއާގެ މަސައްކަތްތެރިއަކު މަރުވެ، ފްރާންސް، މޮލްދޯވާ، އުތުރު މެސެޑޯނިއާ، ފަލަސްތީނު އަދި އިނގިރޭސިވިލާތުގެ ހަ މީހަކަށް ބޮޑެތި އަނިޔާ ލިބުނެވެ. އެ ހާދިސާގެ ފުރިހަމަ އަދި މިނިވަން ތަހުގީގެއް ކުރުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ގޮވާލައްވާފައިވާ ކަމަށް ޑޫޖަރިކް ވިދާޅުވިއެވެ. ޣައްޒާގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނިގޮތުގައި އެ ހަމަލާދިނީ އިސްރާއީލުންނެވެ. ނަމަވެސް ހަމަލާދިނީ ހަމާސްގެ ސަރަހައްދަކަށް ކަމަށް ބުނެ އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ. ކޭމްޕަށް ގަސްތުގައި ޓާގެޓް ކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރުމުން ޑޫޖަރިކް ވިދާޅުވީ އެއީ ސާފު އަދި ހާމަކަން ބޮޑު ތަހުގީގެއް ކުރަން ޖެހޭ އެއް ސަބަބު ކަމަށެވެ. އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 113،200 ޒަޚަމްކޮށްލަފައިވާ ކަމަށް ސިއްޚީ އޮފިޝަލުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ