އާކް އެއިޑުގެ އެހީ މި އަހަރު 40އަށް ވުރެ ގިނަ ކުދިންނަށް

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން މި ރޯދަ މަހު ވެސް 40އަށް ވުރެ ގިނަ ކުދިންނަށާއި އާއިލާތަކަށް އެހީ ފޯރުކޮށްދީފި އެވެ.
ވީ ކިހިނެއް؟ - އާކް އެއިޑް ޕްރޮގްރާމަކީ ކޮވިޑުގެ ދުވަސްވަރު އެކަނިވެރި މައިންނާއި އެހީތެރިކަމަށް ބޭނުންވާ ކުދިން ތިބޭ އާއިލާތަކަށް އެހީ ދިނުމަށް ފެށި ޕްރޮގްރާމެކެވެ.
ތަފްސީލް - ވިޔަފާރިވެރިންނާއި ހެޔޮ އެދޭ އާންމުންގެ އެހީގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ މިއީ 5 ވަނަ އަހަރެވެ.
އާކްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާކް އެއިޑްގެ ދަށުން ފޯރުކޮށްދޭ ޕެކޭޖުގައި ހިމެނެނީ ކުދިންގެ ސިއްހަތަށް ފައިދާ ކުރާނެ އަސާސީ ކާބޯތަކެތި ކަމަށެވެ. މިހާތަނަށް 2،500އަށް ވުރެ ގިނަ ކުދިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ޑޮނޭޝަންސް ގިނައިން ލިބެނީ އާންމު ރައްޔިތުންގެ ފަރާތުން. މިހާރު ވެސް ކޮންމެ އަހަރަކު ވެސް އާންމުންގެ ފަރާތުން އެޕްރޯޗު ކުރޭ މި ޕްރޮގްރާމަށް ޑޮނޭޝަންސް ދިނުމަށް. މިދިޔަ ދެ އަހަރު އެހީ ފޯރުކޮށްދެނީ މި އެހީ ބޭނުންވެގެން އަޅުގަނޑުމެންނަށް އެޕްރޯޗު ކުރާ އާއިލާތަކަށް،" އާކްގެ އޮފިޝަލް ވިދާޅުވި އެވެ.
އާކް އެއިޑުން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ މަގްސަދަކީ، އެ ޖަމިއްޔާއިން ބުނި ގޮތުގައި، އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީ ފޯރުކޮށްދީ، އެފަދަ އާއިލާތައް ވިލުންވެރިކުރުވުމެވެ.
މި ޕްރޮގްރާމު ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް އެހީތެރިކަން ދޭ ހުރިހާ ފަރާތްތަކަށް އާކުން ޝުކުރު އަދާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ