ބުރައަކާ ނުލާ ކުރެވެން ހުރި އަޅުކަމުގެ ތެރެއިންވެސް އެންމެ މަތިވެރިކަންބޮޑު އެއް ޢަމަލަކީ ޢާއިލާގެ ތެރޭގަ ހުންނަ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުން!

ހެޔޮކަމުގެ މޫސުންތައް އަބަދުވެސް ބައްދަލުކުރާނެއެވެ. ރަމަޟާން މަސް ނިމުނީ އިހަށް ދުވަހުއެވެ. ދާދި އަވަހަށް ޙައްޖު މަސް ބައްދަލުކުރާނެއެވެ. މިހުރީ ހައްތާވެސް އަޅުކަމުގެ އެންމެ ބޮޑެތި މޫސުންތަކެވެ. އެންމެ ގިނައިން އަޅުކަްނކުރާ މޫސުންތަކެވެ. މިފަދަ ދުވަސްތަކާއި ބައްދަލުކުރަން ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ޢާއިލާގެ ތެރޭގައި ހުންނަ މައްސަލަތައް ޙައްލުކޮށް އެކަކު އަނެކަކަށް ހިތްހެޔޮކުރުމެވެ. ކުރާ އަޅުކަމުގެ ފުރިހަމަ ފައިދާކުރާނީވެސް އެއިރުންނެވެ. 
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ޢާއިލާއަށް އެންމެ ރަނގަޅު މީހަކީ ޢާއިލާގެ މީހުންނަށް އެންމެ ގިނައިން ފައިސާދޭ މީހާ ކަމަށެވެ. ނަމަވެސް މިއީ މުޅިން ކުށްހީއެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން އޮތް ގޮތް ތަފާތެވެ. އެހެނީ ޢާއިލާގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކޮށް އެންމެން އެކުވެރިކުރަން މަސައްކަތްކުރާމީހާގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި މާމަތިވެރިއެވެ. 
ޢާއިލާގެ މީހުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެއީ ކުރަން ވަރަށް ދަތި އުނދަގޫ ކަމެކެވެ. އެހެނީ ގިނަ ފަހަރަށް ދެމީހުންކުރެ އެކަކުވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ގޯސްހެދިގެން އުޅޭ މީހާއަށްވެސް ޤަބޫލުކުރެވޭނީ އެމީހާއަށް ކަންކަން ކުރެވެނީ ވަރަށް ރަނގަޅަށް ކަމަށެވެ. ގޯސްހަދައިގެން އުޅޭމީހަކީ އަނެކަކު ކަމަށެވެ. 
މީހަކު އަޅުކަންކުރަން މިސްކިތުގައި ހޭދަކުރާ ވަޤުތާއި ޢާއިލީ މައްސަލަތައް ހޭދަކުރާ ވަޤުތާއި ކުރެން ފައިދާ ބޮޑުވާނީ ކޮންކަމެއްގައި ވަޤުތު ހޭދަކުރުންތޯ ސުވާލުކޮށްފިނަމަ އަހުރެން ބުނާނީ (ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރުން ފިޔަވައި) ފައިދާ ބޮޑުވާނީ ޢާއިލީ މައްސަލަތައް ޙައްލުކުރަން ހޭދަކުރާ ވަޤުތުގެ ކަމަށެވެ. އެހެނީ އޭނާއެކުރާ މަސަކަތަކީ ކެނޑިގެން ގޮސްފައިވާ ނުވަތަ ކެނޑިގެންދާން އުޅޭ ރަޙިމުގެ ގުޅުން ކެނޑުމުގެ މައްސަލައަކަށް ޙައްލުހޯދުން ކަމުގައިވާތީއެވެ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢާއިލާގެ ތެރޭގައި ޖެހިފައި ހުންނަ މައްސަލަތައް ޙަލުނުކޮށް ޢާއިލީ ގުޅުންތައް ބަދަހިނުކޮށް ތިބެން ހެޔޮނުވާނެއެވެ. ޢާއިލާގެ އެއްވެސް ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހިފައިވާނަމަ އެއީ އެދެމީހުންގެ މައްސަލައެއް ކަމަށް ބަލައި އަޅާނުލައި ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ. އެއީ އެގޮތަށް ދޫކޮށްލަން ހެޔޮވާނެ މައްސަލައެއް ނޫނެވެ. 
އެކަމަށް ކުރާ މަސައްކަތް ހިމެނިގެންދާނީ ހަމައެންމެ މަތިވެރި އަޅުކަމުގެ ތެރެއިންނެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ