ތަފާތު ރޫހެއް ދައްކައި ޔުނައިޓެޑާއި ޓޮޓެންހަމުން ޔޫރޮޕާ ލީގުގެ ސެމީ އަށް ތަފާތު ރޫހެއް ދައްކައި ޔުނައިޓެޑާއި ޓޮޓެންހަމުން ޔޫރޮޕާ ލީގުގެ ސެމީ އަށް

މެންޗެސްޓާ (އޭޕްރީލް 18) - ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަަނަ ލެގުގައި ތަފާތު ރޫހެއް ދައްކައި، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި ލިޔޯން ދަނޑުގައި ޔުނައިޓެޑް މޮޅުވާން ދަނިކޮށް ފަހު ވަގުތު ލިޔޯނުން އެއްވަރުކުރީ 2-2 އިންނެވެ. މިރޭ ކުޅުނު ދެ ވަނަ ލެގުގައި ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނެގިއިރު، ލިޔޯނުން އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ފަހަތުން އަރައި، 4-2 އިން ލީޑެއް ނެގި އެވެ. އެކަމަކު، އޭގެ ފަހުން ތިން ގޯލު ޖަހައި، ޔުނައިޓެޑް 4-3 އިން މޮޅުވީ އެވެ.
ޔުނައިޓެޑް ދަނޑުގައި، މިރޭ އެ ޓީމަށް ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި ޖެހި ގޯލުތަކުން މެނުއަލް އުގާޓޭ އާއި ޑިއޯގޯ ޑަލޯ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ލިޔޯނުން ކުޅުން ރަނގަޅުކޮށް ކޮރެންޓިން ޓޮލީސޯ އާއި ނިކޮލަ ޓަގްލިއަފީކޯ ޖެހި ގޯލުތަކުން އެއްވަރުކުރި އެވެ. އެކަމަކު، ޓޮލީސޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑުން ލިޔޯނުން މެޗުގެ ފުރިހަމަ ވަގުތުގެ ފަހުކޮޅާއި އިތުރު ވަގުތުގެ ދެ ހާފުގައި ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރިޔާން ޗާކީ ވަނީ ލިޔޯނަށް ލީޑުނަގައިދީފަ އެވެ. އަދި، ދެ ވަނަ ހާފުގައި އަލެކްސަންޑަ ލަކަޒޭޓް ވައްދާލި ޕެނަލްޓީން ލިޔޯނުން ކުޅުންތެރިއަކު މަދުކޮށް ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން ކުރިއަށް ޖެހިގެން ކުޅެ ތިން ގޯލު ޖެހި އެވެ. ޔުނައިޓެޑުން އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖެހި ފުރަތަމަ ގޯލު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް ޖެހިިއިރު، އެއްވަރުކޮށްދިން ގޯލު ޖެހީ ކޯބީ މައިނޫ އެވެ. އަދި، ޔުނައިޓެޑަށް ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި ހެރީ މެގުއާ ބޮލުންނެވެ.
ސެމީ ފައިނަލުގައި ޔުނައިޓެޑުން ކުޅޭނީ އެތުލެޓިކް ބިލްބާއޯއާ އެވެ. ބިލްބާއޯ އިން ވަނީ ކުއާޓާ ފައިނަލު ދެ ވަނަ ލެގުގައި، 2-0 އިން ރޭންޖާސް ބަލިކޮށްފަ އެވެ.
ޓޮޓެންހަމް އިން ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި އައިންޓްރަކްޓް ފްރޭންކްފާޓާ އެއްވަރުވި ނަމަވެސް، ދެ ވަނަ ލެގުގައި ޓޮޓެންހަމް އިން ވަނީ ރަށުންބޭރުގައި 1-0 އިން ފްރޭންކްފާޓް ބަލިކޮށްފަ އެވެ. ޓޮޓެންހަމް މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން ޑޮމިނިކް ސޮލާންކޭ އެެވެ. ޓޮޓެންހަމް އިން ސެމީ ފައިނަލުގައި ކުޅޭނީ ޕެނަލްޓީ ޖަހައިގެން ލާޒިއޯ ކަޓުވާލި ނޯވޭގެ ބޯޑޯ/ގިލްމްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ