ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރާ އިންޑިޔާގެ ޓީމުގެ ޖާޒީގެ މޭމަތީގައި ވާދަވެރި ޕާކިސްތާނުގެ ނަން ޖަހަން ނިންމައިފި އެވެ.
މިކަން ޔަގީންކޮށްދިނީ އިންޑިޔާއިން އެ ގައުމުގެ ޖާޒީގައި ޕާކިސްތާނުގެ ނަން ނުޖަހާނެ ކަމަށް ވާހަކަ ދެކެވެން ފެށުމާއެކު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން އެކަމާ ދެކޮޅަށް ބަޔާން ނެރުމުންނެވެ.
ޕާކިސްތާނަކީ މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ ބާއްވާ ގައުމެވެ. އަށް ގައުމު ވާދަކުރާ މުބާރާތުގައި އިންޑިޔާގެ މެޗުތައް ކުޅޭނީ ޑުބާއީގަ އެވެ. އެއީ ސަލާމަތީ ސަބަބުތަކާހެދި ކަމަށް ބުނެ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ދާން ހުއްދަ ނުދެތީ އެވެ.
އައިސީސީން ބުނީ މުބާރާތުގެ ގަވާއިދާ އެއްވެސް ގައުމަކަށް ހިލާފު ނުވެވޭނެ ކަމަށެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
މިއާއެކު އިންޑިޔާގެ ބޯޑް އޮފް ކްރިކެޓް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިޔާ (ބީސީސީއައި) އިން ބުނީ މުބާރާތުގެ ގަވާއިދަށް އެ ގައުމުން ފުރިހަމަ އަށް އަމަލުކުރާނެ ކަމަށެވެ.
"މުބާރާތުގައި ޔުނިފޯމް ރިލޭޓަޑް ހުރިހާ ކަމަކަށް އަހަރުމެން އެއްބާރުލުން ދޭނަން. އައިސީސީގެ ގަވާއިދަށް އަހަރުމެން ތަބާވާނަން. އެ ގަވާއިދުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން. އެހެން ޓީމުތަކުން ޖާޒީގައި ލޯގޯއާއެކު ޖަހާ ކޮންމެ އެއްޗެއް އަހަރުމެން ވެސް ޖަހާނަން. އެކަމާ އެއްވެސް މައްސަލައެއްނެތް،" އިންޑިޔާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ދެވަޖީތް ސައިކިއާ ވިދާޅުވި އެވެ.
އައިސީސީގެ ގަވާއިދު ބުނާ ގޮތުން މުބާރާތުގެ ލޯގޯ އާއި މުބާރާތް ކުޅޭ ގައުމުގެ ނަން ކޮންމެ ޓީމަކުން އެ ޓީމެއްގެ ޖާޒީގައި ޖަހަންޖެހޭނެ އެވެ. އަދި މުބާރާތުގެ ކުރިން ބާއްވާ ހާއްސަ ފޮޓޯ ސެޝަނަށާއި ޕްރެސް ކޮންފަރެންސްގައި ކޮންމެ ގައުމެއްގެ ވެސް ކެޕްޓަން ބައިވެރިވާންޖެހޭނެ އެވެ.
މިކަމަށް އިންޑިޔާއިން އެންމެ ފުރަތަމަ ތަފާތު ހިޔާލެއް ގެންގުޅުނު ނަމަވެސް އައިސީސީގެ ބަޔާނާއެކު ކެޕްޓަން ރޯހިތް ޝަރުމާ ޕާކިސްތާނަށް ދާނެ ކަމުގެ ޔަގީންކަން އިންޑިޔާއިން މިހާރުވަނީ ދީފަ އެވެ.
އިންޑިޔާ އާއި ޕާކިސްތާނަކީ ދެކުނު އޭޝިޔާގެ އެންމެ ހަސަދަވެރި ދެ ގައުމެވެ. މި ދެ ބައި މީހުން ޕާކިސްތާނުގައި މެޗެއް ނުކުޅޭތާ ވެސް މިހާރު 11 އަހަރުވެއްޖެ އެވެ. އިންޑިޔާއިން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ ޑުބާއީގައި ކުޅެން ވެސް މަސައްކަތްކޮށްފަ އެވެ. އަނެއްކޮޅުން މިއީ 1996ގެ ވޯލްޑްކަޕަށް ފަހު ޕާކިސްތާނުގައި ބާއްވާ ފުރަތަމަ ބޮޑު މުބާރާތް ކަމުން މި މުބާރާތް ފެއިލްވިޔަ ނުދިނުމަށް އެ ގައުމު އޮތީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
އިންޑިޔާގެ މޭމަތީގައި ޕާކިސްތާނުގެ ނަން ޖަހަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ