ކޮއްކޮ ބޭނުމީ ޕާކެއްތަ ފުޓުސަލް ދަނޑެއްތަ؟ ހުރިހައި ކަމެއްވެސް ވާނެ! ކޮއްކޮ ބޭނުމީ ޕާކެއްތަ ފުޓުސަލް ދަނޑެއްތަ؟ ހުރިހައި ކަމެއްވެސް ވާނެ!

އަހަރެން މި ކަހަލަ ވާހަކަ ދެއްކީމާ ބަޔަކު ކިޔަ އެވެ. ތިޔަ ވާހަކަ ލިޔުން ކަލެއަކާ ނުގުޅެ އެވެ. ނުގުޅުނަސް މިކަހަލަ ވާހަކަ ނުލިޔެ ހުރެވޭ ވަރެއް ވެސް ނޫނެވެ. ޑިމޮކްރަސީއެއްގައި ދައުލަތް ހިންގުމަށް އިންތިހާބުކުރެވިފައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އާއި، އިހު އެވޭލާ ވާހަކަތަކުގެ ރަސްކަލުންނާ ތަފާތުކަން ބަޔަކަށް އޮޅޭ ހިސާބަށް ދިޔައިމާ ކޮންމެވެސް ބަޔަކު އެއްޗެކޭ ކިޔަން އެބަ ޖެހޭ ނޫންހެއްޔެވެ؟
ދައްކަން މިއުޅޭ ވާހަކައަށް ދިއުމުގެ ކުރިން އެހެން ވާހަކައެއް ކިޔާލާށެވެ.
އެއްޒަމާނެއްގައި މާ ދުރު ސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އިންތިހާއަށް ދީލަތި، ތައުރީފަށް ފެންބޮވައިގެންފައިވާ ރަސްކަލެކެވެ. މި ރަސްގެފާނުގެ އަނބިކަނބަލުންނަކީ ދަހިކަމުން ލަގޮނޑީގައި ނާށިލާފައިހުރި، މީހުންނަށް ހިތްނުބައި މީހަކަށް ވި އެވެ. ރަސްގެފާނުގެ ހަމައާއި އާދަ ހުންނަ ގޮތަކީ މީހަކު ތައުރީފެއް ކޮށްފިނަމަ ބޮޑެތި އަދަދުތަކުން ހަދިޔާ ދެއްވަ އެވެ. ރާނީ އެ މަންޒަރު ދެކި ފޫހިފުޅުން ރަސްގެފާނަށް ނުރުހުމުގެ ބަސްތައް ވިދާޅުވެ އެވެ. މި ދެމަފިރިންގެ ދިރިއުޅުން މިހެން ކުރިއަށްދާތާ އެތައް ޒަމާނެކެވެ.
އެއް ދުވަހަކު ރަށުގެ ފަގީރުގެ މަސްވެރިއަކު މަސް ބާނަން ގޮސް ކުރިހައި މަސައްކަތަކުން އޭނާއަށް ބޭނޭވަރުވީ ކުޑަކުޑަ އެންމެ މަހެކެވެ. އެ މަސް އޮތީ މަޑުމަޑު ރަން ކުލައެއްގަ އެވެ. މިއީ މީނާ ދުވަހަކުވެސް ދެކެފައިނުވާ ޒާތުގެ މަހެކެވެ. އޭނާއަށް އެފަދަ މަހެއް ފެނިފައި ނެތްނަމަ މުޅި އެ ސަހަރުގެ އެކަކަށްވެސް އެފަދަ މަހެއް ފެނިފައެއް ނުވާނެކަން މީނާއަށް ކަށަވަރުވި އެވެ. މީނާ ހިތަށް އެރި އެވެ. އެ މަސް ވިއްކާލަން ނުކުމެއްޖެ ނަމަ ބޮޑު އާމްދަނީއެއް ނުލިބޭނެ އެވެ. ރަސްގެފާނަށް ވެދުމަށް އަރުވައިފިނަމަ އުފާފުޅުވެގެން ރަނގަޅު ހަދިޔާއެއް ދެއްވަފާނެ އެވެ. މިހެން ހިތައި މީނާ ރަސްގެފާނުގެ ގަނޑުވަރަށް ދިޔަ އެވެ.
ރަސްގެފާނުގެ ފައިންޕުޅު ފެނުމުން ކުރުނީސްކޮށް އަދަބުތައުޒީމުގައި ހުރެގެން މީނާ ދަންނަވަ އެވެ. މިއަޅާގެ ސާހިބާ އެވެ. ތިމަން މިއަދު މިރަށު ހުޅަނގު އައްސޭރީގެ ކޯރުން ބޭނީ ދުވަހަކު އިންސާނަކަށް ފެނިފައިނުވާ ފަދަ އާދަޔާ ހިލާފު މަހެކެވެ. މީގެ ކުރަ ސާފު ރަނެވެ. މަސް ލިބުމާއެކު މިއީ ރަސްގެފާނުގެ ހައްގެއްކަން ތިމަން ދެނެގެންފީމެވެ. އެހެންވެ މާތްވެގެންވާ އަރިއަހަށް ވެދުމަށް ގެނައީ އެވެ. ރަސްގެފާނު އެ މަހަށް ބައްލަވައި އުފާފުޅުން ވިދާޅުވި އެވެ. މީނާއަށް 50 ރަން ފައުނު ދޭށެވެ. މަސްވެރިޔާ އުފަލުން ރަން ފައުނުތައް ހިފައިގެން ހިނގައިގަތް އިރަށް ރާނީ ކޯފާވެ ރަސްގެފާނަށް ވިދާޅުވެ އެވެ. މަނިކުފާނު މޮޔަފުޅުވީތޯ އެވެ. ތިޔަހައި ކުޑަކުޑަ މަހަކަށް 50 ރަން ފައުނު މީހަކު ވެދުން ކުރޭ ހެއްޔެވެ. އެ ރަން ފައުނުތައް އަނބުރާ އަތުލައްވާށެވެ. ރަސްގެފާނު ވިދާޅުވި އެވެ. އަހުރެންނީ މި ސަހަރުގެ ރަސްގެފާނެވެ. މީހަކަށް ދިން ވެދުމެއް އަނބުރައި އަތުލުމަކީ ރަސްކަލެއްގެ ހައިބަތަށް ހުތުރު އަމަލެކެވެ. ރާނީ ވިދާޅުވި އެވެ. އޭނާއާ ސުވާލުކުރައްވާށެވެ. ތިޔައީ އަންހެން މަހެއް ހެއްޔެވެ؟ ނުވަތަ ފިރިހެން މަހެއް ހެއްޔެވެ؟ އަންހެނެކޭ ބުނެފިނަމަ ވިދާޅުވާށެވެ. މިވަގުތު އަންހެން މަހެއް ބޭނުމެއް ނޫނެވެ. ފިރިހެނޭ ބުނެފިނަމަ ވިދާޅުވާށެވެ. މިވަގުތު ފިރިހެން މަހެއް ބޭނުމެއް ނޫނެވެ. މިގޮތުން އެ ފައިސާ އަތުލެވިދާނެ އެވެ.
ރަސްގެފާނު ނުގޮތަކަށް އިންނަވާފައި މީނާއަށް ގޮވާލައިފައި މި ސުވާލު ކުރައްވައިފި އެވެ. ރަސްގެފާނުގެ މިޒާޖުފުޅާއި ރާނީގެ މިޒާޖުފުޅުވެސް މި ސަހަރުގެ ރައްޔިތުންނަށް ފަރިތަ އެވެ. މި މަސްވެރިޔާ ވިސްނުންތެރިކަން އިސްކޮށް ވަގުތުން ޖަވާބު ދިނެވެ. މާތް ރަސްގެފާނެވެ. މިއީ އަންހެން މަހެއް ނޫނެވެ. ފިރިހެން މަހެއްވެސް ނޫނެވެ. އެ ދޭތެރެ ދެމެދަށް އަންނަ، ޖިންސު ކަށަވަރުނުވާ މަހެކެވެ. މި މަސް ލިބިވަޑައިގަންނަވަންވާނީ ރަސްގެފާނަށް ކަމަށް ތިމަން ނިންމީ އެ ސަބަބަށް ވެސް ބަލައިގެންނެވެ. މިހައި އާދަޔާ ހިލާފު މަހެއްގެ ހައްގުވެރިކަމަށް ދައުވާކުރެވޭނޭ ދެވަނަ އިންސާނަކު އުޑުބަޅުކުރެއްވި ހިސާބުގައި ވެސް ހުރިކަމަކަށް ތިމަންނާއަކަށް ނުފެނުނީ އެވެ. ރަސްގެފާނު އުފާފުޅުން ހިނިފުޅުވަޑުވައި ވިދާޅުވި އެވެ. މީނާއަށް އިތުރު 50 ރަން ފައުނު ދޭށެވެ. ރާނީ ތުންފިއްތަވައިގެން އިންނެވި އެވެ. މަސްވެރިޔާ އޭނާއަށް ހައްގުވީ 100 ރަން ފައުނާއެކު ބޭރަށް ހިނގައިގަތް ވަގުތު ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް ރަން ފައުނެކެވެ. މީނާ ވަގުތުން އެ ރަން ފައުނު ނަގައި، އެއަށް ބޮސް ދިނުމަށްފަހު ޖީބަށް ލި އެވެ. މިތަން ފެނި ރާނީ ވިދާޅުވި އެވެ. ތިޔަހަރަ މީހެއްގެ ދަހިވެތިކަން ދެކޭށެވެ. ސަތޭކަ ރަންފައުނު ދިނުމުންވެސް ދަމުންދަމުން އެ ދިޔައީ ވެއްޓިފައި އޮތް ފައުނެއް ވަގަށް ނަގައިގެންނެވެ. މިކަހަލަ މީހަކަށް އެއްޗެއް ދިނުން ހެޔޮނުވާނެ އެވެ. އޭނާއަށް ދިންހައި އެއްޗެއް އަތުލައްވާށެވެ. ރަސްގެފާނުވެސް ހިސާބަކަށް ކޯފާފުޅުވެ މީނާއަށް ގޮވާލައްވައިފި އެވެ. އަދި ނުރުހުންވެވަޑައިގެން ސުވާލު ކުރެއްވި އެވެ. ބަލަ ކަލެއަށް ސަތޭކަ ރަންފައުނު ދެއްވީމެއް ނޫންހެއްޔެވެ؟ މިތާ ބިންމައްޗަށް ވެއްޓިފައި އޮތް އެންމެ ފައުނެއް ނަގައި ޖީބަށް ލާން ތިޔަޖެހުނީ ކޮންފަދަ ދަހިވެތިކަމެއް ހިތުގައި ހިނގާތީ ހެއްޔެވެ؟
މަސްވެރިޔާ ޖަވާބުދިނެވެ. މާތް ސާހިބާ އެވެ. އަޅުގެ ހިތުގައި ދަހިވެތިކަމެއް ނެތެވެ. އޮތީ ހާލިސް ލޯތްބެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މި ސަހަރުގައި ބޭނުންކުރާ ރަން ފައުނުގެ ސިއްކަތަކުގައި ވަނީ މަނިކުފާނުގެ ސޫރަފުޅު ބިންވަޅުނެގިފަ އެވެ. އެ ފައުނު ބިންމަތީގައި އޮއްވައި މީހަކު އެއަށް ފައިން އަރައި މަނިކުފާނުގެ ހުރުމަތަށް ދެރައެއް ދީފާނޭކަމުގެ ބިރަށް އެ ފައުނު ރައްކާތެރިކުރާން މިއަޅާ ހިތަށް އެރީ އެވެ. މަނިކުފާނުންގެ ހުރުމަތް މިއަޅާގެ ފުރާނައަށްވުރެ އަގުބޮޑެވެ. ރަސްގެފާނު އުފާފުޅުން ތަހުތުން ތެދުވެވަޑައިގެން މީނާ ކައިރިއަށް އައިސް ކޮނޑުގައި ޖައްސަވަމުން ވިދާޅުވި އެވެ. އަހުރެންގެ މި ވަފާތެރި ރައްޔިތަށް އިތުރަށް ފަންސާސް ރަން ފައުނު ދޭށެވެ. އެއްޗެއް ވިދާޅު ނުވެވުނުނަމަ މާ ރަނގަޅުވީހޭ ހިތްޕުޅަށް އަރައި ރާނީ ހިމޭނުން އިންނެވި އެވެ. އެ ވާހަކަ އެ ނިމުނީ އެވެ.
އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މިހާރު ރަށްރަށަށް ދަތުރުކުރައްވަނީ އެވެ. އަރިހުގައި ބޮޑު ވަފުދެކެވެ. ކޮންމެ ރަށަކަށް އަރައިވަޑައިގަންނަވާއިރު، ތާއީދު ކުރާ މީހުންނާއި، ތާއީދުކުރާކަން ދައްކާން މަޖުބޫރުވެފައިވާ މީހުން ސަފު ހަދައިގެން އިސްތިގުބާލުގައި ތިބެ އެވެ. ގިނަ މީހުން ސަފަށް އަރަނީ ކުޑަކުދިންވެސް ގޮވައިގެންނެވެ. ފޮޓޯ ނަގާ މީހާއަށް ފަސޭފަ ވާނޭގޮތަށް އެއިން ކުއްޖެއްގެ ކޮލުގައި ރައީސް ކޮށްޓަވާލައްވަ އެވެ. ބައެއް ފަހަރު ކުއްޖާ އުރާލައްވައި މަޖާކޮށްލައްވަފާނެ އެވެ.
ރަސްކަލެއްފަދަ ރައީސް އަރައިވަޑައިގެންނެވި ރަށެއްގައި ހުރި ތުއްތު ކުއްޖަކު ރައީސްއަށް ނޯޓެއް ދިށްކޮށްލެއްވި އެވެ. ނޯޓުގައި އޮތީ ބައްޕަ ނެތުމުން ދެރަވާ ވާހަކަ އެވެ. ބައްޕަ ހުރީ ފުލުހުންގެ ވަޒީފާގައި، ގައުމީ ހިދުމަތުގައި އެހެން ރަށެއްގަ އެވެ. ފުލުހުންގެ ގަވާއިދުތަކުން ހަމަޖެހިފައިވާ ޗުއްޓީތައް ލިބެ އެވެ. އެހެންނަމަވެސް ކޮންމެ ކުއްޖަކުވެސް އެދޭނޭ ފަދައިން އެ ކުއްޖާވެސް ބޭނުންވީ ބައްޕަ އެ ކުއްޖާގެ ކައިރީގައި ހުރުމަށެވެ. ރަދުންނަށް މި ނޯޓު ފެނިވަޑައިގަތުމާއެކު ވިދާޅުވި އެވެ. މި ކުއްޖާފުޅުގެ ބައްޕަ މި ވަގުތު މިރަށަށް ގެންނާށެވެ. އާދެ މަސާހިބާއޭ ވިދާޅުވި ގޮތެކޭ ދަންނަވާފައި އަރިހު ބޭކަލުން މަސައްކަތް ފަށައިގަތެވެ. އެންމެ ތިރީހަކަށް މިނެޓުތެރޭގައި ފުލުހުންގެ ލާންޗެއްގައި އެ ކުއްޖާފުޅުގެ ބައްޕަ އެރަށަށް ގެނެސްދީފި އެވެ. މީގެ ފަހުން އެ ކުއްޖާގެ ބައްޕަގެ ވަޒީފާވެސް އެރަށަށް ބަދަލުކުރާށޭ އަމުރުވެސް ކުރައްވައިފި އެވެ.
ފުލުހުންގެ ވަޒީފާތަކުގައި އާއިލާއާ ދުރުގައި އެތިބީ ކިތައް މައިން، ކިތައް ބަފައިން ހެއްޔެވެ؟ އާއިލާއާ ދުރުގައި އެ ފުލުހުން އެ ވާ ގުރުބާނީއެއް އެ ވަނީ ގައުމަށްޓަކައެވެ. އެ ފުލުހުންނަށް ލިބިފައި ތިބި ދަރީން އެ މީހުން ދެކެ ވާ ލޯބި ކުޑައެއް ނުވާނެކަން ގައިމެވެ. އެފަދަ ހުރިހައި ކުދިންނަށް ގައުމުގެ ރައީސް މި ދެއްކެވީ ހުތުރު މިސާލެކެވެ. އެ ކުދިންގެ މޫނުމަތީގައި އެ ޖެއްސެވީ ތަފާލެކެވެ. އެއީ އެ ވަގުތު ލިބޭނޭ ތައުރީފަށް ބައްލަވައި، ގައުމެއްގެ ރައީސް ކުރެއްވި ލަދުވެތި އަމަލެކެވެ. ފުލުހުންގެ އެތެރޭގައި ހުރި އިންތިޒާމުތަކަށް ލޮޅުން އަރުވައިލެއްވީ ހަމައެކަނި ސިޔާސީ ޕޮއިންޓެއް ހޯއްދެވުމަށެވެ.
ދެން ވަޑައިގެންނެވި ރަށުގައި ހުރި ކުޑަކުއްޖަކު ދިށްކޮށްލި ނޯޓުގައި އޮތީ 'ކޮއްކޮ ކުޅޭނޭ ޕާކެއް ނެތުމުން ވަރަށް ދެރަވޭ' މިހެންނެވެ. އެއްކަލަ ދީލަތި ރައީސް މުޅި ރައްޔިތުންނާ މުހާތަބުކުރައްވައި މިރަށުގައި މި އަހަރު ޕާކެއް އަޅުއްވާނަން ކަމަށް ވައުދުވެވަޑައިގަތެވެ. މުޅި އަހަރަށް ޕްލޭންކުރެވި ބަޖެޓެއް ފާސްކުރެވިފައި އޮތްކަމާއި، އެ ބަޖެޓުން ބޭރުން ހަރަދުކުރުމަކީ އޮތް އިހުތިޔާރެއް ނޫންކަން ވިސްނިވަޑައިނުގަތީ ތައުރީފަށް ދަހިވެތިވެފައިވާ ހިތެއްގެ ވެރިޔަކަށް ވުމުންނެވެ. ފަހުން އޮށްގާ އުކާނީ ވައުދުގެ އަޑުއަހާފައި ތަރުހީބުގެ އަތްތިލަބަޑިޖެހި އަތްތަކުންކަން އެމަނިކުފާނަށް ވިސްނިވަޑައިނުގަތީ އެވެ.
އަދިވެސް ނުނިމެ އެވެ. ދެން އެރި ރަށުގައި ތިބި، ތޭރަ ސާދަ އަހަރުގެ ކުދިންތަކެއް ރައީސަށް ގޮވާލެއްވި އެވެ. އެ ކުދިން ރައީސަށް ދެންނެވީ ފުޓުސަލް ދަނޑެއް ބޭނުންވާ ވާހަކަ އެވެ. ރައީސް ވަގުތުން ވިދާޅުވީ މިހެންނެވެ. "ކޮބާ ސްޕޯޓްސް މިނިސްޓަރު؟" ދެން އަތުން ހަނާ އަޅުއްވައި، "ވަޑައިގެން، މިނިސްޓަރު ވަޑައިގެން" އޭ ވިދާޅުވެ، އަރިހަށް އައުމަށް ސްޕޯޓްސް މިނިސްޓަރަށް އިޝާރާތުން އަމުރުކުރެއްވި އެވެ. ދެން ވިދާޅުވި އެވެ. "މި ކުދިންނަށް މިހާރު މިރަށުގަ ފުޓްސަލް ދަނޑެއް އަޅައިދޭންވީ އިނގޭތޯ" މިނިސްޓަރަށް ހަމައެކަނި ވިދާޅުވެވުނީ "އާދެ" އޭ އެވެ. ދެން އެ ކުދިންނާ ދިމާލަށް އެނބުރިވަޑައިގެން ވިދާޅުވި އެވެ. "އޯކޭ.. މިހާރުއްސުރެ ކުރިއަށް ދާނެ. އޯކޭ؟"
ލަދުން ބޯހަލާކެވެ. ދައުލަތުގެ ބަޖެޓުން މިހެން ހޭދަކުރެވޭތޯ އެވެ؟ ތައުރީފުކޮށް، އަދަބުތައުޒީމުގައި ތިބެގެން ބަޔަކު އެދޭހައި ކަމެއް މިހެން ކޮށްދޭނޭ ކަމަށް ވައުދުވެވަޑައިގަންނަވާއިރު މި ދައުލަތުގެ ހާލު މި މަނިކުފާނަށް އެބަ އެނގިވަޑައިގަންނަވާތޯ އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކުރެވެނީ ގާނޫނުއަސާސީގައި ބުނެފައި އޮތް ގޮތުގެ މަތީންކަން، ކަންކަމުގައި އެދޭ މީހުންނަށް ބުނެނުދީ ހޮޅިވައުދުވެވަޑައިގަންނަވަނީ ފަހުން ކޮން މޮޅެއް ވެދާނޭކަމަށްތޯ އެވެ. ދައުލަތަށް ލިބޭ އާމްދަނީ ދަށްވެއްޖެ ވާހަކައާއި، ހަރަދު ކުޑަކުރަންޖެހޭ ވާހަކަވެސް ވިދާޅުވަނީ ހަމަ މި މަނިކުފާނެވެ. އެކަމަކުވެސް ހެޔޮތާ އެވެ. ވައުދު ވުމަކަށް ދައުލަތުގެ ބަޖެޓުން ހަރަދެއް ނުހިނގާނެ ވިއްޔާ އެވެ. ހަރަދު ހިނގާނީ ވައުދު ފުއްދުމަށެވެ. މިއީ ފުއްދުމަށް ވީ ވައުދުތަކެއް ނޫންކަމާއި ރުއްސުމަށް ވީ ވައުދުތަކެއްކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ