ހިންނަވަރުގެ ޕްރޮޖެކްޓް ސައިޓަކުން ވަގަށް ނަގައި ރަށުތެރޭ ފޮރުވައިފައި ހުރި ތަކެތި ހޯދައިފި

ޅ. ހިންނަވަރު ސޯލާ ޕްރޮޖެކްޓް މަސައްކަތްކުރަމުންދާ ކުންފުނީގެ ސައިޓުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލަ ހުށަހެޅީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެއާއެކު ކުރި މަސައްކަތުން ވަގަށް ނަގައިފައިވާ ތަކެތި ހޯދީ ރަށުގެ އެކި ތަންތަނުގައި ފޮރުވާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއްތަކެތި ފެނުނީ ހިންނަވަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައިވާ ދޯންޏެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށް ކަމަށާއި ދެންހުރި ތަކެތި ފެނިފައިވަނީ އެރަށުގެ ފަޅު ގޯއްޗަކުން ކަމަށެވެ. އެސައިޓުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން އިލެކްޓްރިކް އިމްޕެކްޓް ޑްރިލް ފިޔަވައި ދެން ހުރި ހުރިހާތަކެތި ހޯދައި ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ 1000 މީޓަރު ޑީސީ ކޭބަލް، ކަޓްއޯފްއަކާއި ވެލްޑިން ޕްލާންޓަކާއި ޕެޓްރޯލް ހަންތަކަކާއި އޭންގަލް ގްރޭންޑަރެއްގެ އިތުރުން ބެޓްރީ ރެންޗުތަކެކެވެ. މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. ވައްކަމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައި ވާއިރު، މިދިޔަ ހުކުރު ދުވަހު ވަނީ ސައިކަލެއް ވަގަށް ނެގި މީހަކު ވެސް ހައްޔަރު ކޮށްފައެވެ. އޭނާ އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ވަގަށް ނަގައިފައިވާ ފޯނު ތަކަކާއި އިތުރު ތަކެތި ފުލުހުން ވަނީ ސައިކަލުގެ މަޑިދަށުން ހޯދައިފައެވެ. މިދިޔަ އާދިއްތަ ދުވަހު ވެސް ސައިކަލެއް ވަގަށް ނެގި މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މިދިޔަ މަހު އެކަނި ވެސް ވައްކަމުގެ 310 މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ