ދެހާސްއެކާވީސް އަދި 2022ގައި ބޭއްވި އޯލެވެލް އިމްތިހާނުން ގަދަ10 ނުވަތަ ޓޮޕް10ގައި ހިމެނުނު 800 ވަރަކަށް ދަރިވަރުންގެ ތެރެއިން %64 ދަރިވަރުން މިފަހަރު އޭލެވަލްގެ ގަދަ10ގައި ނުހިމެނޭ ކަމަށާއި އަދި ވެސް ނަތީޖާތައް ބޭނުންވާ ވަރަށް މައްޗަށް ނުދާތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު ޝަފީއު މިގޮތަށް ވިދާޅުވީ، 2023 އަދި 2022ގެ އޯލެވެލް އަދި އޭލެވަލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ޝޯޝަލް ސެންޓަރުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ބާއްވަމުން ގެންދާ 'އަރުތަވެރިންގެ އިނާމް 2024'ގެ ހެނދުނު ދަންފަޅީގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - މިނިސްޓަރު ވާހަކަ ފައްޓަމުން ހިއްސާ ކުރެއްވީ 2013 އާއި 2014 އަދި 2023 އާއި 2024 ވަނަ އަހަރު އޯލެވެލް ފަސް މާއްދާއިން ފާސްވި ދަރިވެރިންގެ ނިސްބަތް ފެންނަ ގްރާފެކެވެ. އެ ގްރާފުން ފެންނަ ގޮތުގައި 2023 އާއި 2024އާ އަޅާބަލާއިރު ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިސްފައިވެ އެވެ. ނަމަވެސް މިނިސްޓަރު ގަބޫލު ކުރައްވާ ގޮތުގައި އެއީ، އެންމެ ބޭނުންވާ ކުރިއެރުމެއް ނޫނެވެ.
"2013 ވަނަ އަހަރުގެ ނަތީޖާ އާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް މުޅި އިންތިހާބުގައި ބައިވެރިވާ ދަރިވަރުން ފަސް މާއްދާއިން ސީ ފާސް ލިބޭ ނިސްބަތް %50އާ ހަމައަށް ހާސިލް ނުވޭ. 2023 އަދި 2024އިންވެސް ފެންނަނީ އެ މަންޒަރު،" މިނިސްޓަރު ވިދާޅުވި އެވެ.
"މީގެން އެގެނީ ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ އަޅުގަނޑުމެން ތައުލީމަށް ހަރަދުކުރާ އިރު އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގައި ވަގުތު ހޭދަ ކުރަމުންދާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާއެކު، މި ހުރިހާ މަސައްކަތެއް ގުޅިގެންވެސް އަޅުގަނޑުމެންނަށް އެންމެ ދާން ބޭނުންވާ މަންޒިލަށް އަދި ވާސިލު ނުވެވޭ."
ގަދަ 10އަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 844 ދަރިވަރުންނަކީ 2021 އަދި 2022ގައި އޯލެވެލްގެ ގަދަ10ގައި ހިމެނޭ ދަރިވަރުންނެވެ. ނަމަވެސް:
އޭގެ ތެރެއިން އޭލެވެލް ޓޮޕް10ގައި ހިމެނުނީ، %36
އެހެންކަމުން %64 ދަރިވަރުންނަކީ، އޯލެވެލް ގަދަ10ގައި ހިމެނުނު ނަމަވެސް، އޭލެވްލްގެ ގަދަ10ގައި ނުހިމެނޭ ދަރިވަރުން
"7،000އަކަށް ދަރިވަރުން [އިމްތިހާނުގައި] ބައިވެރިވެގެން، އެ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ޝަރަފުވެރި 844 އޭލެވެލްގެ މަރުހަލާގައި ކިޔަވަން ފައްޓާފައި، އެ ދަރިވަރުންގެ ތެރެއިން %36 ދަރިވަރުން މަތީ އަރުތަވެރިންގެ ގިންތީގައި ފާހަގަ ކުރުން އަދި އެއީ މަދު އަދަދެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"ކިޔަވައިދިނުން ހަރުދަނާކޮށްގެން ކަމަށްވިޔަސް، ދަރިވަރުންނަށް ސްކޫލްތަކުގެ ތެރެއިން ލިބޭ ފުރުސަތުތައް ފަހުކޮށްގެން ވިޔަސް މިއީ އެޑްރެސް ކުރަން ޖެހޭ އިޝޫއެއް."
މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ މައްޗަށް ޖައްސާލެވޭނީ ނަތީޖާ ދަށްކަމުގެ ހަގީގަތް ގަބޫލުކޮށްގެން ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ:
އޯލެވެލްގެ ނަތީޖާ ދަށްވާ އެންމެ ބޮޑު ސަބަބަކީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޕްރައިމަރީ ނަތީޖާ ދަށްވުން
ތަފާސް ހިސާބުަތަކުން ދައްކާ ގޮތުން ޕްރައިމަރީ ގްރޭޑްތަކުގައި މުހިންމު ގިނަ މާއްދާތަކުން ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ނަތީޖާ ހާސިލު ނުވޭ؛ އޭގެ ތެރޭގައި ހިސާބާއި އިނގިރޭސީ އަދި ދިވެހި ހިމެނޭ
މިކަންކަން ފާހަގަވުމާ އެކު ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުންގެ ޕްރޮފެޝަނަލް ޑިވަލޮޕްމްންޓަށް އިސްކަންދީގެން ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން
ސްކޫލްތައް ހިންގުން ހަރުދަނާ ކުރުމަށް ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނަށް ބޭރުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކު ލިޑާޝިޕް ޕްރޮގްރާމްތަކެއް ވަނީ ހިންގާފައި
މިއާއެކު ކަރިކިއުލަމް އާއި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައްވެސް މިދަނީ ގެންނަމުން
އޯލެވެލް ގަދަ10ގައި ހިމެނުނު %64 ދަރިވަރުން އޭލެވެލް ޓޮޕް10ގައި ނުހިމެނޭ؛ މިނިސްޓަރުގެ ކަންބޮޑޫވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ