އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާ އެ ކްލަބްތަކުގެ އިސް ވެރިންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅިގެން، ކްލަބްތަކާއި އެފްއޭއެމްއާ ދެމެދު ހިންގާފައި ހުރި މާލީ މުއާމަލާތްތަކާ ބެހޭ މައުލޫމާތު ހޯދަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެދިވަޑައިގެންފި އެވެ.
އެފްއޭއެމުން އެއްވަނަ ޑިވިޒަންގެ ބައެއް ކްލަބްތަކަށް ދިން ފައިިސާ އެ ކްލަބްތަކުގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓްތަކަށާއި އެމީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޖަމާކުރިކަމުގެ ހެކި ހުރެގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ސްޕޯޓްސް ކޮމިޝަނަރު އެފްއޭއެމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެ ތަހުގީގު ހިންގާކަމުގެ މައުލޫމާތު ފުލުހުން ވަނީ ސްޕޯޓްސް ކޮމިޝަނާ ހިއްސާކޮށްފައި ކަމަށެވެ.
"ކްލަބްތަކަށް ދޫކުރެވުނު ފައިސާ ކްލަބްތަކުން ނުވަތަ ކްލަބްތަކުގައި ހިމެނޭ މެމްބަރުން އަމިއްލައަށް ބޭނުންކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ވެސް ތަހުގީގުކުރެވެމުން ދާ ކަމަށް އެ ސާވިސްއިން ވަނީ މައުލޫމާތު ދެއްވައިފަ އެވެ،" ތޮލާލްގެ ސިޓީގައި ލިއުއްވި އެވެ.
އޭގެ ފަހުން އޭނާ އެދިވަޑައިގަތީ 2018 އިން 2024އަށް ކްލަބްތަކަށް އެފްއޭއެމުން ދިން މާލީ އެހީ އާއި އެ އެހީތައް ޖަމާކުރި އެކައުންޓްތަކުގެ ތަފުސީލު ހިއްސާކޮށްދިނުމަށެވެ. އޭގެ އިތުރުން އެފްއޭއެމުން ދިން ފައިސާ ކްލަބްތަކުން ބޭނުންކޮށްފައި ހުރި ގޮތުގެ ތަފުސީލު އެފްއޭއެމްގައި ހުރި ނަމަ އެ މައުލޫމާތު ވެސް "ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މި ކޮމިޝަނާ ހިއްސާކޮށްދޭން" ވެެސް އެދިވަޑައިގަތެވެ.
"މި ކަމާ ގުޅިގެން އެއްވެސް ކްލަބަކަށް ތިޔަ އެސޯސިއޭޝަނުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ވާ ނަމަ އެ ފިޔަވަޅެއް ވެސް ހިއްސާކޮށްދެއްވުން އެދެމެވެ،" ސިޓީ ނިންމާލައްވަމުން ތޮލާލް ލިއުއްވި އެވެ.
އެއްވަނަ ޑިވިޒަންގައި ހިމެނޭ ކްލަބްތަކުގެ ތެރެއިން ފުުލުހުން ތަހުގީގުކުރަމުން އަންނަނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ކްލަބް އީގަލްސް، ސަސް، ޔުނައިޓެޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓްއާ ގުޅޭ މުއާމަލާތްތަކެކެވެ.
ދެން އެއްވަނަ ޑިވިޒަންގައި ހިމެނެނީ ވެލެންސިއާ، މާޒިޔާ، ޓީސީ އަދި ބުރު ސްޕޯޓްސް އެވެ.
ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ފޮނުއްވި ސިޓީއާ ގުޅިގެން އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ އެފްއޭއެމްގައި ހުރި ބޭންކް ސްޓޭޓްމަންޓްތަކުގެ ތަފުސީލު ކޮމިޝަނަރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި ބޭންކްތަކުން ލިބެން ހުރި ސްޓޭޓްމަންޓްތައް ހުންނާނެ،" ޝުޖާއު ވިދާޅުވި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް 2003ގައި އެފްއޭއެމްގެ ކޮމްޕިއުޓަރުގެ ހާޑް ޑިސްކްތައް ވަނީ ގެންގޮސްފަ އެވެ.
އެއްވަނަ ޑިވިޒަންގެ ބައެއް ކްލަބްތަކާ ބެހޭ ޖިނާއީ މައްސަލަތަކެއް ކުރިމަތި މިވީ އެފްއޭއެމްގެ އާ އަސާސީ ގާވާއިދު ފާސްކުރަން މި މަހު 27އަށް ކޮންގްރެސްއެއް ތާވަލްކޮށްފައި އޮއްވަ އެވެ.
ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއަކުން މިހާރު ހިންގަމުން އަންނަ އެފްއޭއެމްގެ އާ އިންތިހާބު ޖުލައި މަސް ނިމުމުގެ ކުރިން ބާއްވަން ޖެހެ އެވެ. އިންތިހާބު ބޭއްވޭނީ އަސާސީ ގަވާއިދު ފާސްކޮށް، އިންތިހާބާ ބެހޭ ކޮމިޓީތައް އިންތިހާބުކޮށްގެންނެވެ.
ޖުލައި މަސް ނިމުގެ ކުރިން އިންތިހާބު ނުބޭއްވިއްޖެ ނަމަ ފީފާއިން ރާއްޖެ ސަސްޕެންޑްކުރުން ކައިރި އެވެ.
އެފްއޭއެމުން ކްލަބްތަކަށް ދޫކުރި ފައިސާގެ ތަފުސީލު ދޭން ސްޕޯޓްސް ކޮމިޝަނަރު އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ