އޮޅުވާލައިގެން އީސިމެއް އެކްޓިވޭޓްކޮށް، ސްކޭމް ހިންގަނީ
ބޭނުންކުރަމުން އަންނަ ސިމަށް, އީ-ސިމް ހަދައިގެން ފޯނު ނަންބަރުގެ ކޮންޓްރޯލް ނަގައި ސްކޭމެއް ހިންގަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި ސްކޭމް ހިންގަމުން އަންނަނީ، މީހަކަށް ގުޅައި، އެ ފޯނަށް ދާ ކޯޑެއް ހޯދައިގެން، އެ ނަންބަރަށް އީސިމް ހަދައިގެން ކަމަށެވެ. ބޭނުންކުރާ ނަންބަރަށް އީ-ސިމް ހެދުމުން ފޯނުގައި ގެންގުޅޭ ސިމް އިތުރަށް ބޭނުން ނުކުރެވި، ހެކަރަށް ނަންބަރުގެ ކޮންޓްރޯލް އެއްކޮށް ލިބޭނެއެވެ. އެގޮތަށް ނަންބަރުގެ ކޮންޓްރޯލް ލިބުމުން ނަންބަރު ބޭނުންކޮށްގެން އޯޓީޕީ ހޯދައި، ބޭންކު އެކައުންޓުތަކާއި ޖީމެއިލްގެ އިތުރުން އެ ނޫންވެސް އެކައުންޓްތަކަށް ވަނުމުގެ ފުރުސަތު ހެކަރަށް ލިބޭ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އެފަދަ ކަންކަމުން ސަލާމަތްވުމަށް ބޭންކިން އަދި ސޯޝަލް މީޑިއާއަށް ވަކި އީމެއިލެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އީމެއިލާއި އިންޓަނެޓް ބޭންކިންފަދަ މުހިންމު ޚިދުމަތްތަކުގައި ޖަހާ ޕާސްވޯޑު ވަރުގަދަ ކުރުމަށާއި މަލްޓި ފެކްޓާ އޯތެންޓިކޭޝަން (އެމްއެފްއޭ) ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ޒާތީ މައުލޫމާތުތަކަށް އެދޭ އެސްއެމްއެސްތަކާއި ފޯނު ކޯލުތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ ފައިސާގެ މުއާމަލާތްތަކުގައި ޝައްކު އުފެދޭނަމަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މިހާރު ޒަމާނީ އެތައް އުކުޅެއް ބޭނުންކުރެއެވެ. އެފަދަ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ