ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު ހުށަހެއްވި ގަރާރަށް އާންމުންގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.
މަޖިލީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މި ގަރާރަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހެޅުމަށް އެދޭ ނަމަ ޖުލައި 8، ގެ ކުރިން ލާމަރުކަޒީ ކޮމިޓީއަށް މެއިލްގެ ޒަރިއްޔާއިން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލާ ރަށު އަދި ސިޓީތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިޔާލެކެވެ. ރައީސްގެ ނިންމެވުމާ އެއްގޮތަށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ މިހާރު އޮތީ ކޮމީޓީގަ އެވެ. އެ ގަރާރަށް ސަރުކާރުގެ ހުރިހާ މެންބަރުންހެއް ތާއީދުކުރައްވާފައިވެ އެވެ.
ޝުޖާއު ހުށަހެޅުއްވި ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ކަމަށް ކުރާ ތުހުމަތެވެ.
"ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފެދެ އެވެ. މި ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއްވެސް ދަނީ ހިނގަމުންނެވެ،" ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
މިހާރު އޮތީ ގައުމާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއް ކަމަށާއި މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، އިތުރު ބަދަލެއް ފެންނަން ނެތް ކަމަށް ޝުޖާއު ގަބޫލު ކުރައްވަ އެވެ.
"އެންމެ 50 މީހުންގެ އާބާދީއަށް ވެސް، މުނިސިޕަލް ހިދުމަތް ދިނުމަށް، އިންތިހާބުކޮށް ދައުލަތުން، މުސާރަ ދޭން ޖެހޭ," ގަރާރުގައިވެ އެވެ.
ލާމަރުކަޒީ ނިޒާމު ވެފައި އޮތީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ރަށުގެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
އެހެންވެ މިކަންކާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށާއި ގަރާރު ހުށަހެޅުއްވީ މިފަދަ ކަންކަމަށް ހައްލުކުރުމަށްޓަކައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ކަމަށް ޝުޖާއު ބަޔާންކޮށްފައިވެ އެވެ.
ކައުންސިލްތަކުގެ އިންތިހާބަށް 10 މަސް ދުވަހަށް ވެފައި ވަނިކޮށް މިފަދަ ގަރާރެއް ހުށަހެޅުއްވިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެ، އެ އަދަދު ހާމަނުކުރާތީ އާއި ސިޔާސީ މުވައްޒަފުން އިތުރުވުމާއެކު މުސާރައަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، އަދި ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރަން ހުށަހެޅި ގަރާރަށް އާންމުންގެ ހިޔާލު ހޯދަނީ ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރަން ހުށަހެޅި ގަރާރަށް އާންމުންގެ ހިޔާލު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ