ދެ އަހަރު ފަހުން ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިއްޖެ ދެ އަހަރު ފަހުން ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިއްޖެ

ދެ އަހަރު ފަހުން ކުރީގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފި އެވެ.
މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދާ އެމްޑީޕީގެ ހާއްސަ ޖަލްސާގައި ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރާއި ދެ ދުވަސް ފަހުންނެވެ.
2023 ގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ޖޫން 21، 2023 ގަ އެވެ.
އޭގެ ފަހުން އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ނަޝީދު ސޮއިކުރެއްވީ ޖުލައި 13، 2023 ގަ އެވެ. މިއަދާ ހަމައަށް އެމަނިކުފާނު ހުންނެވީ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގަ އެވެ.
ޖޫން 17، ގައި ނަޝީދާއި ޑިމޮކްރެޓުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ ސިޔާސީ ކަންކަމުން ދުރުވެ މިވަގުތު ގާނާގައި ދިރިއުޅުއްވާ ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ބޭއްވި ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމެއްގަ އެވެ.
ޖެހިގެން އައި ދުވަހުގެ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ވާހަކަދެއްކި ހުރިހާ މެންބަރުންހެން ބޭނުންވީ ނަޝީދާއި ޑިމޮކްރެޓުންނަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ. މިރޭގެ ޖަލްސާ އަކީ އެ ރޭގެ ނިންމުމާ އެއްގޮތަށް ބާއްވާ މަރުހަބާގެ ޖަލްސާ އެވެ.
ނަޝީދުގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް މިރޭ އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ އެވެ.
ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.
ނަޝީދު ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ 19 މަޖިލީހަށް އިންތިހާބުވެވަޑައިގެން މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ.
ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ. ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ