ހަރަދު ކުޑަކުރުން އަދިވެސް ކަރުދާހުގައި، ހަތް ބިލިއަން ސަލާމަތްވާނެ ކަމާ މެދު ސުވާލު ހަރަދު ކުޑަކުރުން އަދިވެސް ކަރުދާހުގައި، ހަތް ބިލިއަން ސަލާމަތްވާނެ ކަމާ މެދު ސުވާލު

ދައުލަތުގެ ހަރަދުތައް ކުޑަކުރަން މި އަހަރުގެ ތެރޭގައި އަޅަން ރާވާފައިވާ ފިޔަވަޅުތައް ތަންފީޒުނުކުރާތީ، މި އަހަރުގެ ބަޖެޓުން ސަލާމަތްވާނެ ކަމަށް އަންދާޒާކޮށްފައިވާ 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުނުވުމާ ގުޅޭ ކަންބޮޑުވުންތައް ފެންމަތިވީ، މާލީ ކަންކަން ހަރުދަނާ ކުރުމަށާއި އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ރިފޯމް އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ފޮނުވި ކަރުދާހަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ކުރި މަޝްވަރާތަކުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި، ކޮމިޓީގައި އިންނަވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު (އެމްޑީޕީ) ވިދާޅުވީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިހާތަނަށް ނިމިފައި ހުރީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ނިންމާފައި ހުރި މަސައްކަތްތައް އެކަނި ކަމަށެވެ.
"ސިނގިރޭޓުގެ ޑިއުޓީ އާއި ޓީޖީއެސްޓީ ރޭޓު ބޮޑު ކުރުމާއި ގްރީން ޓެކްސްއަށް ގެނައި ބަދަލުތަކާއި، މިކަންތައްތައް މީގައި، މަޖިލިސް ތެރެއިން އަޅުގަނޑުމެން ކުރި މަސައްކަތްތަކަކީ އެއީ ހަމައެކަނި ނިމުނު ކަންތައްތައް ކަމަށް މައުލޫމާތު ޝީޓުގައި ހިމަނާފައި މިވަނީ،" އޭނާ ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ސަބްސިޑީ އުވާލުމާއި އާސަންދަ ރިފޯމް ކުރުމާއި ބައެއް ކުންފުނިތައް އުވާލުުމާއި އެއްކޮށްލުމުގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނެ މަޝްރޫއުތަކެއް ކަނޑައެޅުމާއި ވެލްފެއާ ނިޒާމު ޓާގެޓުކުރުމާއި ސަރުކާރުގެ އިދާރީ ހަރަދުތައް ކުޑަކުރުމެވެ. މީގެ ތެރެއިން ޑައިރެކްޓް ސަބްސިޑީ އުވާލުން އޮތީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޝަމްހީދު ވިދާޅުވީ މި ހުރިހާ ފިޔަވަޅުތަކެއް ހުރީ ކުރިއަށްދާ ކަންތައްތަކުގެ ގޮތުގައި ކަމަށާއި ރިފޯމް އޮފީހުން ހުށަހެޅި ކަރުދާހުގައި ވެސް ހުރީ ބަޖެޓުގައި ހުރި ވާހަކަތައް ކަމަށެވެ. އޭނާގެ ކަންބޮޑުވުމަކަށްވީ، ބުނި ތާރީހަށް މި ފިޔަވަޅުތައް ނޭޅި، އާމްދަނީ އިތުރުކުރަން ރާވާފައިވާ މަސައްކަތްތައް ވެސް ނުހިނގާތީ ބަޖެޓު އިތުރަށް ޑެފިސިޓު ވެގެން ދިޔުމެވެ.
"އިފެކްޓިވްލީ އިތުރު އާމްދަނީ ޕްލަސް ސޭވިންސްއާ އެއްކޮށް ވީ އާ ޓޯކިން އެބައުޓް 14 ބިލިއަނެއްހާ ރުފިޔާ ވާހަކަ. މީގެ އެއްވެސް ކަމެއް ނުކޮށް ނެޓް އިފެކްޓަކީ 14 ބިލިއަން ރުފިޔާ އިތުރަށް ބަޖެޓު ޑެފިސިޓު ވެގެން ދިޔުން،" ޝަމްހީދު ވިދާޅުވި އެވެ.
ބަޖެޓު ޑެފިސިޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޝަމްހީދު ވަނީ ކުރިއަށް އޮތް ތަނުގައި އެ ސިޔާސަތުތައް ތަންފީޒުކުރާނެތޯ ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެއީ މީގެ ސަބަބުން ބަޖެޓަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމްހީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން (ޕީއެންސީ) ވިދާޅުވީ ސަރުކާރުން އެ ފިޔަޅުތައް ނާޅާ ގޮތަށް ދޭހަވާ ގޮތަށް ޝަމްހީދު ދެއްކެވީ މުޅިއަކުން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި ރިފޯމް އޮފީހުން ހުށަހަޅާފައި ކަރުދާހުގައި ވެސް އެކަންކަން ކުރަމުންދާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމާއި ވެލްފެއާ ނިޒާމު ހަރުދަނާކޮށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އައިފާނު ވިދާޅުވި އެވެ. މިހެން ވިދާޅުވި ނަމަވެސް، އޭނާ ވެސް ވަނީ އެ މަސައްކަތްތަކުގެ ތަފުސީލުތައް ކޮމިޓީއާ ހިއްސާނުކުރާ ކަމާއި ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
"[ކުންފުނިތައް ރިފޯމްކުރުމުގެ] މަސައްކަތް ކުރިއަށްދާ ކަމަށް މީގައި މިއޮތީ. މީގެ އިތުރުން ހަމަ އަޅުގަނޑު ސޯޝަލް ރަޖިސްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް، މިއާ ގުޅޭ މަސައްކަތްތައް ވެސް ދަނީ ކުރެވެމުން... ދެންމެ އިއްޒަތްތެރި މެންބަރު ފާހަގަކުރި ގޮތަށް އެއްބައި މަސައްކަތްތައް ޓައިމްލައިންގަ ހުރި ގޮތަކަށް ނޫން އެ މަސައްކަތްތައް ކުރިއަށް ދަނީ" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި އަހަރުގެ ބަޖެޓު ހުށަހެޅިއިރުގައި، ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅާ ކޮންމެ މަހެއްގައި ހަރަދުތައް ބޮޑުވެ ޑެފިސިޓު އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ. މި ގޮތުން ސަބްސިޑީ އާއި އާސަންދަ އާއި ވެލްފެއާ ހަަރަދުތަކަށް ކޮންމެ މަހެއްގައި 254 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސުން އޭރު އަންދާޒާކުރި އެވެ.
މިއާ އެކީ، ޖުމްލަ ހަރަދު 51.4 ބިލިއަން ރުފިޔާއަށް އިތުރުވެ، 2.3 ބިލިއަން ރުފިޔާ އިތުރަށް ހޯދަން ޖެހޭނެ ކަމަށް ވެސް ފިނޭންސުގެ ލަފާކުރުންތަކުން ދައްކަ އެވެ. އަދި ބަޖެޓު ފާސްކުރިއިރު 9.3 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓު 11.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ