މޯލްޑިވް ގޭސްއަށް ތުހުމަތުވާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ބަލަނީ
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެ މައްސަލަ ބަލަމުން ދަނިކޮށް މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ހާމަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މޯލްޑިވް ގޭހުން ގެއްލުނީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ. އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަހުގީގުކުރަން ފަށައިފައެވެ. ނަމަވެސް، މި މައްސަލަ ބަލަން ފެށީ ކޮން ދުވަހަކު ކަމެއް އަދި މި މައްސަލައާ ގުޅޭ އިތުރު ތަފުސިލެއް ވެސް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް އަދި ކާމިޔާބުވެފައެއް ނުވެއެވެ. މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެވެ. އެ ކުންފުންޏަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެ ކުންފުނީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފެންމަތިވުމާއެކު އެކަން ބަލަން ފެށިއެވެ. https://sun.mv/204569 އޭގެ ތެރޭގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް, މޯލްޑިވްސް ގޭސްއާ ހަވާލުކޮށްގެން ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިޑަރުތަކުންވެސް "ވައްކަން" ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި, ޢަބްދުﷲ މައުމޫންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ އަންނަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ. އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ. މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ