އީރާން ހިމެނޭހެން 12 ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރަން މަނާކޮށްފި
ބާރަ ގައުމަކުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށް، ރަސްމީ އަމުރެއްގައި އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރައްވައިފިއެވެ. އެ އަމުރުގެ ދަށުން އިތުރު ހަތް ގައުމެއްގެ މީހުންނަށް އެމެރިކާއަށް ދަތުރުކުރުން ވަނީ ހަނިކޮށްފައިވެއެވެ. އެމެރިކާއަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، މިޔަންމާ، ޗާޑް، ކޮންގޯ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަން ހިމެނެއެވެ. އެ އަމުރަށް އަންނަ ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު، ބުރޫންޑީ، ކިއުބާ، ލާއޯސް، ސިއެރާ ލިއޯން، ޓޯގޯ، ތުރުކުމެނިސްތާން އަދި ވެނެޒުއެލާގެ މީހުންނަށް ވަނީ އެމެރިކާއަށް ދަތުރުކުރުން ހަނިކޮށްފައެވެ. "އެމެރިކާއާއި އެގައުމުގެ ރައްޔިތުންގެ ގައުމީ ސަލާމަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރަން އަޅުގަނޑު އަމަލުކުރަން ޖެހޭނެ،" ޓްރަމްޕްގެ އަމުރުގައި ވިދާޅުވެފައިވެއެވެ. ވައިޓް ހައުސްއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ، ދާދި ފަހުން ކޮލޮރާޑޯގެ ބޯލްޑާގައި އިސްރާއީލަށް ތާއީދުކުރާ މީހުން ބޭއްވި އެއްވުމަކަށް ދިން ހަމަލާއަކީ ރަނގަޅަށް ސްކްރީން ނުކުރެވި ތިބި އެމެރިކާއިން ބޭރުގެ ރައްޔިތުން އެތެރެވުމުން ކުރިމަތިވި ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި އެއީ ގާނޫނާ ހިލާފަށް އެ ގައުމުގައި އުޅޭ މީހަކު ދިން ހަމަލާއެކެވެ. އަދި، އެމެރިކާގައި ތިބެން ނުޖެހޭ މީހުން މިލިއަނުން މިލިއަނުން އެ ގައުމުގައި އެބަތިބި ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ގެއްލުންދޭން ބޭނުންވާ ބަޔަކު އަޅުގަނޑުމެންގެ ގައުމަށް ވަނުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރު 2017 ވަނަ އަހަރު ވެސް ވަނީ މުސްލިމް ހަތް ގައުމު ކަމަށްވާ އިރާގު، ސީރިއާ، އީރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށް ރަސްމީ އަމުރެއް ނެރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ