ޓްރަމްޕް މަގާމުން ދުރުކޮށް ނައިބު ރައީސާ ވެރިކަން ހަވާލުކުރަން އެކިވެރިޔާ މަސްކު ގޮވާލައިފި

އެމެރިކާގެ މިހާރުގެ ރައީސް ޑޮލާންޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް އޭނާ ވެރިކަމަށް ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކުވެރިޔާ އަދި ބިލިއަނަރު އިލޮން މަސްކް ގޮވާލައިފިއެވެ.
އެތައް ސަރޭކަ މިލިއަން ޑޮލަރެއް ހަރަދު ކުރުމުގެ އިތުރުން ކުރީގެ ޓްވިޓާ, ފަހުން އެކްސް ޕްލެޓްފޯމްގެ ވެސް ވެރިޔާ މަސްކް ގޮވާލާފައި ވަނީ, ޓްރަމްޕް މަގާމުން ދުރުކޮށް ނައިބު ރައީސް ޖޭޑީ ވޭންސް އާ ރައީސް ކަން ހަވާލު ކުރުމަށެވެ. މީގެ އިތުރުން އޭނާ ވަނީ އެމެރިކާ ސަރުކާރުން ހިންގާ ޖައްވީ އިދާރާ ނާސާ އަށް, އޭނާގެ ޖައްވީ ކުންފުނި ސްޕޭސް އެކްސް އިން ދޭ އެއްބާރުލުން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ނިންމަމުން ގެންދެވި ކޮންމެ ނިންމެވުމެއްގައިހެން މަސްކްގެ ބަސް ހިމަނާފައި ވާ އިރު, ވައިޓްހައުސްގައި ރައީސްގެ އެންމެ އަރިހުގައި ހުންނަ އެކަކީ މަސްކް އެވެ.
ޓްރަމްޕް މަގާމުން ދުރުކުރަން މަސްކް ގޮވާލީ, އޭނާގެ ވިޔަފާރިއަށް ހުރަސް އެޅޭ ގޮތަށް ޓްރަމްޕްގެ ބާރާއެކު ފާސްކުރި ބިލެއްގެ ސަބަބުންނާއި, މަސްކްގެ ވިޔަފާރިއަށް އެމެރިކާ ސަރުކާރުން ދޭ ސަބްސިޑީ ކަނޑާލާނެކަމަށް ޓްރަމްޕް އިއުލާން ކުރެއްވުމާ އެކުގައެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ, ދައުލަތުގެ ބަޖެޓުން ހިނގާ ބިލިއަން ބިލިއަން ޑޮލަރުގެ ހަރަދުތައް ސަލާމަތް ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ, މަސްކް އަށް ދޭ ސަރުކާރުގެ ސަބްސިޑީ ކަނޑާލުން ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ އެކު މަސްކްގެ ވިޔަފާރިއަށް މިހާރުވެސް ލޮޅުން އަރައިފިއެވެ. އެގޮތުން އޭނާގެ އެއް ވިޔަފާރި ކަމަށް ވާ ޓެސްލާގެ ވިޔަފާރި, ސްޓޮކްމާކެޓުގައި ވަނީ 14 ޕަސެންޓް ދަށަށް ވެއްޓިފައެވެ.
މި މައްސަލަގަނޑުގެ ތެރޭގައި މަސްކް މިހާރު ވަނީ ޓްރަމްޕްގެ ސަރުކާރާ ފެއަށް ޖެހިފައެވެ. އަދި ބުނެފައި ވަނީ, ސަބްސިޑީ ކަނޑާލައިފިއްޔާ, އެމެރިކާގެ އެސްޓްރޮނޯޓުންނާއި އާލާތްތައް ޖައްވަށް ގެންދިޔުމަށް ހިންގާ ޑްރެގަން ސްޕޭސްކްރާފްޓް މަޝްރޫއު މަޑުޖައްސާލާނެ ކަމަށެވެ.
މަސްކް އެންމެ ބޮޑަށް ރުޅިއައި އެއް މައްސަލަ އަކީ އޭނާގެ އީވީ ކާރުތައް ހިމެނޭހެން އީވީ އުޅަނޑުތަކަށް ޓެކްސް ނަގަން ބިލެއް ފާސް ކުރުމުންނެވެ.
މަސްކް އަކީ ޓްރަމްޕް ސަރުކާރުގެ ފުރަތަމަ 130 ދުވަހުގެ ތެރޭގައި, ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަކުރުމުގެ ސިޔާސަތެއް ތަންފީޒު ކުރުމަށް ރައީސްގެ ހާއްސަ ގަރާރަކުން އުފެއްދި 'ޑޮޖް' ކިޔާ އިދާރާގެ ވެރިއަކަށް ވެސް ހުރި ފަރާތެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދިންތާ ދުވަސްކޮޅެއް ނުވެ ފެންމަތިވި މި މައްސަލައަށް ފަހު މިހާރު ޓްރަމްޕާއި މަސްކް ތިއްބެވީ 'ކަނޑިއާއި ކަނޑި' ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ