އާސެނަލް ކަޓުވާލައި ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އާސެނަލް ކަޓުވާލައި ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ޕެރިސް (މެއި 8) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި، އަމިއްލަ ދަނޑުގައި 2-1 އިން އާސެނަލް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ފްރާންސްގެ ގަދަބާރު، ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
މިއީ، ޕީއެސްޖީގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުޅުނީ 2020 ވަނަ އަހަރު އެެވެ. އެ ފަހަރު ފައިނަލުގައި، ބަޔާން މިއުނިކް އަތުން ޕީއެސްޖީ ވަނީ 1-0 ބަލިވެފަ އެވެ.
މި ފަހަރުގެ ފައިނަލް، މި މަހު 31 ވަނަ ދުވަހު ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅޭއިރު، ޕީއެސްޖީން ބައްދަލުކުރާނީ އިންޓަ މިލާންއާ އެވެ.
މިދިޔަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅުނު، ސެމީ ފައިނަލްގެ ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ، 1-0 އިންނެވެ. ދެ ވަނަ ލެގުގެ ނަތީޖާ އަށް ފަހު، އެގްރިގޭޓަށް ބަލާއިރު، ޕީއެސްޖީ އަށް ކުރިލިބުނީ 3-1 އިންނެެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މިރޭގެ މެޗުގައި ފަށައިގެން ރަނގަޅަށް ކުޅުނީ އާސެނަލުންނެވެ. އެ ގޮތުން، ފުރަތަމަ 10 މިނިޓް ތެރޭ އާސެނަލުން ރަނގަޅު ތިން ހަމަލާ ފޮނުވާލި އެވެ. އާސެނަލްގެ ޑެކްލަން ރައިސް ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައިިރު، ގަބްރިއެލް މާޓިނެލީ އާއި މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަތައް ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.
މަޑުމަޑުން އެޓޭކަށް ޖެހި، ޕީއެސްޖީން ހަމަލާތައް ފޮނުވާލަން ފެށި އެވެ. އެ ގޮތުން، ޕީއެސްޖީގެ ކްވިޗާ ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ޕީއެސްޖީން ލީޑުނެގީ، 27 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ޖެހި ގޯލުންނެވެ. އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އާސެނަލްގެ ވިލިއަމް ސަލީބާ ގައިގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގައި އާސެނަލްގެ އޭރިއާތެރެއިން މައިލްސް ލެވިސް ކެލީ އަތުގައި ޖެހުނު ބޯޅައަކަށް ދިން ޕެނަލްޓީ އަކުން ޕީއެސްޖީގެ ވިޓީނިއާ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރި އެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، މެޗުގެ 72 ވަަނަ މިނިޓްގައި އަޝްރަފް ހަކީމީ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައި ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ.
ޕީއެސްޖީން ދެ ވަނަ ގޯލު ޖެހިތާ ހަތަރު މިނިޓް ފަހުން، އާސެނަލްގެ ބުކާޔޯ ސަކާ ވަނީ ގޯލެއް ޖަހައިފަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ސަކާ މި ގޯލު ޖެހިތާ މާގިނައިރެއް ނުވެ، އިތުރު ގޯލެއް ޖަހަން ސަކާ އަށް ލިބުނު ފުރުސަތުގައި ހުސްކޮށް އަރައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މި މެޗުން ބަލިވެ، އާސެނަލް ކެޓުމާ އެކު، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ކުރި މަސައްކަތް ދިގުލިއިރު، މި ސީޒަނުގައި ތަށްޓެއް ނުލިބި ހުސްއަތާ ނިންމާލަންޖެހުނީ އެވެ. އަނެއްކޮޅުން، ޕީއެސްޖީ އަށް އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތިން ތަށްޓާ އެކު، ސީޒަން ނިންމާލުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ