އާފިޔާގެ ތަޖުރިބާ: ކިތަންމެ ގާތަސް ފައިސާގެ ކަންކަމުގައި މާ އިތުބާރު ނުކުރާތި

ފައިސާގެ މުއާމަލާތެއްގައި، ކެއާ ސޮސައިޓީގެ ފައުންޑިން މެމްބަރު ފާތިމަތު އާފިޔާއަށް ކުރައްވަން ޖެހިވަޑައިގެންނެވީ ހިތި ތަޖުރިބާއެކެވެ. އެހެންވެ، އޭނާ މިއަދު ވެސް އެދިވަޑައިގެންނެވީ، ކިތަންމެ ގާތް މީހަކަސް، އެފަދަ މުއާމަލާތްތަކުގައި މާ ބޮޑަށް އިތުބާރު ނުކުރުމަށެވެ.
"އެއީ އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވި އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް. ދެ މީހުން ދަންނަތާ ވެސް 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ،" އާފިޔާ ވިދާޅުވި އެވެ.
"އެކަމަކު އެންމެ ބޭނުންވި ދުވަހު އޭނާ އަޅުގަނޑަށް ލަނޑުދިނީ."
ސޯޝަލް މީޑިއާގައި އާފިޔާ މިއަދު ވަނީ އޭނާ ކުރައްވަން ޖެހިވަޑައިގެން ހިތި ތަޖުރިބާ އާއްމުންނާ ހިއްސާކުރައްވައިފަ އެވެ. އެ ޕޯސްޓްގައި ރަހުމަތްތެރިޔާގެ ނަން ވެސް ލިއުއްވި އެވެ. އޭގެ ފަހުން 'ދައުރު'އާ ވާހަކަ ދައްކަވަމުން ވެސް އޭނާ އެދިވަޑައިގެންނެވީ އެންމެ މެސެޖެއް ރައްދުކޮށްދިނުމަށެވެ: ކިތަންމެ ގާތް އެކުވެރިޔަކަސް މާ ބޮޑަށް ފައިސާގެ ކަންކަމުގައި އިތުބާރުނުކުރުމަށެވެ.
މެލޭޝިޔާގައި ދިރިއުޅުއްވަމުން ގެންދަވާ އާފިޔާއަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގެންނެވީ މީގެ ދެ އަހަރު ކުރިން، 2023ގަ އެވެ. ބަލީގެ ހާލަތު ގޮސްފައިވާ ހިސާބުން، އެންމެ ފުރަތަމަ ވެސް ޖެހިވަޑައިގެންނެވީ ބޮޑު އޮޕަރޭޝަނެއް ކުރާށެވެ. އޭރު އެ މީހުންގެ އަތުގައި، ބިދޭސީ ފިރިކަލުންގެ ބައްޕަގެ ފަރާތުން ލިބުނު ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. މެލޭޝިޔާގައި  ދިރިއުޅުއްވާތީ އެ ފައިސާ ހުރީ، ރިންގިޓުންނެވެ.
އާފިޔާ ވިދާޅުވި ގޮތުގައި އިންޑިއާއަށް އޮޕަރޭޝަންކުރަން ދާން ޖެހިވަޑައިގަތުމާ އެކު، އޭރު އަތުގައި ހުރި 30،000 ރިންގިޓް ޑޮލަރަށް ބަދަލުކުރަން ބޭނުންވި އެވެ. ފަސޭހަކޮށް، އެކަން ކޮށްދޭނެ މީހެއްގެ ގޮތުގައި އިސްނެގީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ގާތް ރަހުމަތްތެރިޔާ އެވެ. އެހެންވެ، ކުރި އިތުބާރެއްގެ ބޮޑުކަމުން 6،000 ޑޮލަރު (92،000 ރުފިޔާ) ހޯއްދަވަން އޭނާ އެ ހުރިހާ ފައިސާއެއް ރަހުމަތްތެރިޔާގެ އެކައުންޓަށް ޖަމާކުރެއްވި އެވެ.
"ދަރިފުޅަށް ކިޔަވައިދޭން އޭނާ މެލޭޝިޔާގައި އުޅޭތާ އޭރު 10 ވަރަކަށް އަހަރު ވެއްޖެ. އޭނާ ބުނީ ވިސާ އާކުރުމަށް، އެކައުންޓުގައި 30،000 ރިންގިޓް ހުންނަން ޖެހެއޭ. އެހެންވެ، އަޅުގަނޑު ވެސް ޑޮލަރު ބޭނުންވާތީ އާއި އޭނާއަށް ވެސް އެހީތެރިވުމުގެ ގޮތުން ފައިސާ ފޮނުވީ،" އާފިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފިރިމީހާ ވަރަށް ކީ ތިހާ ގިނަ ފައިސާ އެއް ފަހަރާ ނުފޮނުވާށޭ. އެކަމަކު ހީވަނީ، ކެންސަރު ޖެހިފައިވާ ކަން ކުއްލިއަކަށް އެނގި އެއަށް ފަރުވާ ކުރަން ބޭނުންވާތީ އެ ވަގުތު މާ ބޮޑަށް ނުވިސްނުނީ ކަމަށް. އަޅުގަނޑު ފިރިމީހާ ކައިރީ ބުނިން އޭނާ ދެރަގޮތެއް ނުހަދާނެ ކަމަށް،" ޕަބްލިކް ސްޕީކިން ކޯޗެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އާފިޔާ ވިދާޅުވި އެވެ.
އެ ރަހުމަތްތެރިޔާއަކީ ރާއްޖޭގެ ގިނަ ބަޔަކު ދަންނަ އަންހެނެކެވެ. ކެއާ ސޮސައިޓީ އާއި ޓީވީއެމްގައި ވެސް ގިނަ އަހަރުތަކެއް ވާންދެން މަސައްކަތް ކުރި އެވެ. 
އާފިޔާ ވިދާޅުވީ ކެންސަރަށް ފަރުވާކުރަން ރާއްޖެއިން އާސަންދަ ހަމަޖެހުނު ނަމަވެސް، ފަރުވާ ފެށުމާ އެކު ފިރިމީހާ ވެސް ވަރަށް ބޮޑަށް ބަލިވި ކަމަށެވެ. އޭނާއަކީ ދިވެއްސަކަށް ނުވާތީ އެކަމަށް ހަރަދުކުރަން ޖެހުނީ އަމިއްލަ އަތުންނެވެ. ހުރުމާއި ކެއުމަށް ވެސް ބޮޑު ހަރަދެއް ދާތީ، ރަހުމަތްތެރިޔާ އަތުން އެ ފައިސާ ހޯއްދަވަން އަނެއްކާވެސް އުޅުއްވި އެވެ.
އެކަމަކު އާފިޔާ ވިދާޅުވި ގޮތުގައި ދަރަނި އަދާކުރުމުގެ ބަދަލުގައި ރަހުމަތްތެރިޔާ ދިނީ ލަނޑެވެ. އެކި ހަރަދުތައް މަތިކޮށް، އެކި ބަހަނާތައް ދެއްކީ އެވެ. ކެންސަރުގައި ވޭންދެނިވި ފަރުވާ ނަންގަވަމުން، އެ ފައިސާއަށް ހަތް މަސް ވަންދެން އާދޭސް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ހާދަ އިތުބާރެއް ކުރި، ހާދަ ގާތް ރައްޓެއްސެކޭ. އެކަމަކު އަޅުގަނޑު އެންމެ ނިކަމެތިވި ދުވަހު އޭނާ ދިނީ ލަނޑު،" އާފިޔާ ވިދާޅުވި އެވެ.
އޭނާއަށް ފަހުން އެނގިވަޑައިގެންނެވި ގޮތުގައި އެ އަންހެން މީހާ ވަނީ އެގޮތަށް، އެހެން މީހުންގެ އަތުން ވެސް ފައިސާ ނަގައިފަ އެވެ. އެ މައްސަލަ އޭނާ ދިވެހި ފުލުހުންނާއި މެލޭޝިޔާގެ ފުލުހުންނަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެއްވެސް ތަނަކުން ކުރިއެރުމެއް ނުލިބުނެވެ. އެހެންވެ، އޭނާ މިއަދު އަލުން އެ ވާހަކަ ދެއްކެވީ، ލިބިވަޑައިގެންނެވި މި ފިލާވަޅު، އެހެން މީހުންނަށް މެސެޖެއްގެ ގޮތުގައި ރައްދު ކުރެއްވުމަށެވެ. 
"ހަމައެކަނި އަޅުގަނޑު ބުނަން ބޭނުންވަނީ، ހާއްސަކޮށް މިފަދަ ސްކޭމް ބޮޑު ޒަމާނެއްގައި އެކުވެރިޔަކަސް، ގާތް މީހަކަސް، މާ އިތުބާރު ނުކުރާށޭ،" އާފިޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ