ފުރަތަމަ ފަހަރަށް ރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ އިންޑެކްސް އެކުލަވާލާނީ ކޮންމެ ރަށެއްގެ ވެސް ވަކިން އެ ރަށެއްގެ ކަންކަން ދެނެގަނެވޭނެ އޮނިގަނޑެއްގެ ތެރެއިން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލޯކަލް ގަވަމަންޓް މިނިސްޓްރީން އިސް ނަގައިގެން ކުރިއަށްގެންދާ އެ މަސައްކަތް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އަށް ހަވާލުކުރީ 24 ޖުލައި 2024ގަ އެވެ. މިއަދު ހަވީރު އިންޑެކްސް އިފްތިތާހު ކުރުމަށް ހަފުލާއެއް ބޭއްވި އެވެ.
ތަފްސީލް - އެ ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮންމެ ރަށެއް ވަކިން އިންޑެކްސް ބަލަން ޖެހެނީ ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ތަފާތު ރަށަކަށް ވާތީ ކަމަށެވެ. ގުދުރަތީ ގޮތުން ކޮންމެ ރަށެއް އުފެދިފައިވާ ގޮތް ވެސް ތަފާތު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ބައެއް ރަށްރަށަކީ ގާމަތީ ރަށްރަށް. އަނެއްބައި ރަށްރަށަކީ ރީތި ތުނޑި، ނޫވިލު، އަދި ކުޅި ފަދަ ގުދުރަތީ މުއްސަނދިކަން ހުރި ރަށްރަށް. ރަށްރަށް ތަރައްގީ ކުރާއިރު ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ނާޒުކު ކަމަށް ބަލަން ޖެހޭ،" ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވި ހަފުލާގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
ތިމާވެށީގެ ކަންކަމާ ގުޅޭ ގޮތުން އެކި ރަށްރަށުގައި ދެކޭ ގޮތް ވެސް ވަރަށް ތަފާތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގައި އުމްރާނީ ތަރައްގީގެ ކަންކަމަށް އެދޭއިރު ތިމާވެއްޓާ ވީހާ ވެސް ރައްޓެހި ގޮތަކަށް އެ ކަން ކުރުމަށް އެދޭ ރަށްރަށް ވެސް މަދު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ރަށްރަށުގައި މިހާރު ތާރު އަޅަން ފަށައިފި. ނަމަވެސް އަނެއްބައި ރަށްރަށުން އެދެނީ ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް މަގު ހަދައިދޭން. ތިމާވެއްޓަށް ލޯބިކުރާ މިންވަރާއި މިފަދަ ކަންކަމުގައި ދެކޭ ގޮތް އެކި ރަށުގައި ތަފާތުކަން އަޅުގަނޑުމެންނަށް މިއިން ހާމަވެގެންދޭ،" އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި ކަންކަން ދެކޭ ގޮތް ތަފާތުވާ އެހެން ކަންކަން ވެސް އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އިޖުތިމާއީ މައްސަލަތަކާއި ކުށުގެ ވެށި އޮތް ހާލަތު ވެސް އެކި ރަށްރަށުގައި ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެޕިނެސް އިންޑެކްސް އެކުލަވާލަން ޖެހޭނީ ކޮންމެ ރަށެއް ވެސް ވަކިން އެ ރަށެއްގެ ކަންކަން ދެނެގަނެވޭނެ އޮނިގަނޑެއްގެ ތެރެއިން،" ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ އާންމު މަސައްކަތްތަކުގެ ކަންކަން ބެލުމަށް ހަވާލުކޮށްފައިވާ ސަރުކާރުގެ މިނިސްޓަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ހެޕިނެސް އިންޑެކްސްގައި ބަލާނެ ނުވަ ދާއިރާއެއް ކަނޑާފައިވެ އެވެ. އެއީ:
ނަފުސާނީ ދުޅަހެޔޮކަން
ޖިސްމާނީ ދުޅަ ހެޔޮކަން
ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު
ކަންކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ސަގާފީ ކަންކަން ކުރުމަށް ފުރުސަތު ލިބުން
މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން
އިޖުތިމާއީ އެހީތެރިކަން
ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު
ސަރުކާރާ މެދު ދެކޭ ގޮތް
ދިރިއުޅުމުގެ ފެންވަރު
އުފާވެރިކަމުގެ އިންޑެކްސް ހަދާނީ ކޮންމެ ރަށަކަށް ވަކިން؛ ތިމާވެށީގެ ނާޒުކު ކަމަށް ބަލާނަން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ