ދައުލަތުގެ ޑޭޓާތައް ރައްކާކުރާނެ ސޮވެރިން ކްލައުޑެއް ގާއިމުކޮށް އީގަވަނަންސް ހަރުދަނާކުރަން ނިންމައިފި

ދައުލަތުގެ އިދާރާތަކުގައި އެއްކޮށްފައިވާ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކޮށް، އީގަވަނަންސް ނިޒާމު ހަރުދަނާ ކުރުމަށް ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގާ އިމާރާތްތަކެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް މިދިޔަ ޑިސެމްބަރު މަހު ހިނގި އެވެ. އޭރު އެ ތަންތަނުގަގައި ލިޔެކިޔުމުން ރައްކާކޮށްފައިވާ ގިނަ މައުލޫމާތުތަކެއް ގެއްލުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ވީކިހިނެއް؟ - އީގަވަނަންސްގެ ނިޒާމު ހަރުދަނާކުރުމަށް ކެބިނެޓުން ނިންމި ކަންކަން ރައީސް އޮފީހުގެ ވެބްސައިޓްގައި މިރޭ ޝާއިއުކުރި އެވެ. އޭގެ ތެރޭގައި އިދާރާތަކުގައި ހުންނަ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާ އެކު ބަލަހައްޓާނެ 'ނެޝަނަލް ސޮވަރިން ކްލައުޑެއް ގާއިމުކުރުން ހިމެނެ އެވެ.
ތަފްސީލް - އީގަވަނަންސް ހަރުދަނާ ކުރުމަށް ކުރާނެ މަސައްކަތްތަކުގެ ގޮތުގައި ކެބިނެޓުން ދެން ނިންމި ކަންކަމުގެ ތެރޭގައި ހިމެނެނީ:
ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދަން ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުން އަދި އިގުތިސޯދެއް ބިނާކުރުމަށް ފަހި ގަވަނަންސް އޮނިގަނޑެއް އައިސީޓީ ސެކްޓަރގައި ގާއިމުކުރުން
ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މައުލޫމާތު ފަސޭހަކަމާއެކު ހިއްސާކުރެވޭނެ "އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް" ގާއިމުކުރުން
އަސާސީ އަސްލު 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ ސެންޓްރަލް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަން ޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން
ސިޓިޒަން ސެންޓްރިކް ހިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން
އީގަވަމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްގީކުރުމާ އެކު، ޑިޖިޓަލް ސިގްނޭޗާ ބޭނުންކުރަން ފެށުން
ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާނެ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، މަސައްކަތްތެރިން އާ ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކުރުން
މި ދާއިރާގެ ރިސާޗު، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން
އައިސީޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް ޢަމަލަކުރަން ނިންމުން
ޓެކްނޮލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރުން
ގުޅުން ހުރި - ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ ތެރޭގައި އެސްޓޯނިއާއަށް ވަޑައިގެން އެ ގައުމުގައީ ޓެކްނޮލޮޖީ އާއި އީގަވަނަންސް ހަރުދަނާ ކުރުމަށް ކޮށްފައިވާ ކަންކަން ބައްލަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ