ލަންޑަން (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 2-0 އިން ކްރިސްޓަލް ޕެލަސް އަތްދަށުވެ، އިތުރަށް ޕްރެޝަރަށް ދިޔައިރު، އަމިއްލަ ދަނޑުގައި 5-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަރަގު ކުޑަކޮށްފި އެވެ.
މިރޭގެ ނަތީޖާއާ އެކު، ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 23 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 24 މެޗުން 50 ޕޮއިންޓާ އެކު އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އާސެނަލުން ވަނީ ދެ ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އަދި ލީޑުފުޅާކުރަން އާސެނަލްގެ ކައި ހަވާޓްޒް އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ދެ ވަނަ ހާފް ފަށައިގެން ސިޓީން ވަނީ 55 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން އެއްވަރުކޮށްފަ އެެވެ. އެކަމަކު، އެ ގޯލު ޖެހިތާ މާގިނައިރެއްނުވެ، ތޯމަސް ޕާޓޭ ވަނީ ލަނޑެއް ޖަހައި އާސެނަލަށް އަލުން ލީޑުނަގައިދީފަ އެވެ. އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ 18 އަހަރުގެ މައިލްސް ލެވިސް ސްކެލީ އެވެ. އަދި ކައި ހަވާޓްޒް އާސެނަލްގެ ހަތަރު ވަނަ ގޯލު ޖެހިއިރު، އިތުރު ވަގުތުގައި އާސެނަލްގެ ފަހު ގޯލު ޖެހީ، 17 އަހަރުގެ އީތަން ންވަނޭރީ އެވެ. މިއީ، މިދިޔަ 20 އަހަރަށް ވުރެ ގިނަ ދުވަސްތެރޭ ޕްރިމިއާ ލީގުގެ އެއް މެޗެއްގައި އާސެނަލްގެ 20 އަހަރުން ދަށުގެ ދެ ކުޅުންތެރިން އެއް މެޗެއްގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
މިދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަން، ސިޓީ މި ފަހަރުގެ ލީގުގައި ހަތް ވަނަ މެޗުން ބަލިވިއިރު، 24 މެޗުން އެ ޓީމަށް ލިބިފައިވަނީ، 56 ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ޗެލްސީން ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ސިޓީ ފަސް ވަނަ އަށް ވެއްޓޭނެ އެވެ.
ލީގުގައި މިރޭ ޔުނައިޓެޑް ކޮޅަށް ޕެލަސްގެ ދެ ގޯލު ވެސް ޖެހި ޖިއަން ފިލީޕް މަޓޭޓާ އެވެ. މިއީ، ލީގުގައި ޔުނައިޓެޑުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފަ އެވެ. އަނެއްކޮޅުން ކްރިސްޓަލް ޕެލަސް އިން ވަނީ އެންމެ ފަހުން ޔުނައިޓެޑްގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ.
ޓޮޓެންހަމް އިން ވަނީ މިރޭ ކުޅުނު މެޗުން ބްރެންޓްފޯޑް އަތުން 2-0 އިން މޮޅުވެފަ އެވެ. މިއީ، އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ޓޮޓެންހަމް މޮޅުވި ފުރަތަަމަ މެޗެވެ. ލީގުގެ 13 ވަނައިގައި ޔުނައިޓެޑް އޮތީ 24 މެޗުން 29 ޕޮއިންޓާ އެކު އެވެ. ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމް އަށް 24 މެޗުން ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑަށް ހާސްކަމުން އަރައެއް ނުގަނެވޭ، ސިޓީ ބަލިކޮށް އާސެނަލުން ފަރަގުކުޑަކޮށްފި ޔުނައިޓެޑަށް ހާސްކަމުން އަރައެއް ނުގަނެވޭ، ސިޓީ ބަލިކޮށް އާސެނަލުން ފަރަގުކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ