ބޮޑު ބައްޔެއް، ގާޑިއޯލާ ދެރަވަނީ ފަހު 25 މިނިޓާމެދު

އާސެނަލް އަތުން 5-1އިން ރޭ ބަލިވި ނަމަވެސް އޭނާ ދެރަވަނީ މެޗުގެ ފަހު 25 މިނިޓްގައި ދެއްކި ކުޅުމާމެދު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ނަތީޖާއާއެކު އާސެނަލް ޓޭބަލުގެ ދެ ވަނާގައިވަނީ 50 ޕޮއިންޓާއެކުގަ އެވެ. ސިޓީ އޮތީ 41 ޕޮއިންޓާއެކު ހަތަރުވަނާގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އޭނާގެ ކުޅުންތެރިންނަށް ފަހު 25 މިނިޓްގައި ކުރަންވީ ކަންކަން ހަނދާން ނެތުނީ ކަމަށެވެ.
"ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް، ފަހު 25 މިނިޓްގައި ވީ ގޮތެއް ވެސް ނޭނގެ. އަހަރެން ދެރަވަނީ އެކަމާ. އަހަރުމެން 65 މިނިޓް ވަންދެން ކުރި ކަމެއް އެކަކު ވެސް ހަނދާނެއްނެތް ފަހު 25 މިނިޓްގައި. މި ގޮތަށް ކުޅޭނަމަ މެޗުތައް ފަސޭހަނުވާނެ. ހާއްސަކޮށް މި ދަނޑުގައި އާސެނަލް ކަހަލަ މޮޅު ޓީމަކާ ދެކޮޅަށް. މިކަހަލަ ކަންކަން މި ސީޒަނުގައި ވަރަށް ގިނައިން ދިމާވެއްޖެ،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ މެޗު ފެށީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ނަތީޖާ 1-1ގައި އޮތް އިރު ވެސް ސިޓީ ދިޔައީ ރަނގަޅަށް ކުޅެމުން ކަމަށެވެ.
ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް ވެސް ބުނީ އޭނާގެ ޓީމުގެ ޑިފެންސް ލައިން އޮތީ މުޅިން ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ.
"ވަރަށް ގޯސްކޮށް ޕްރެޝަރު ކޮށްލީމަ ކަންތައްތައް ވެގެންދިޔައީ. އޯވަ ލޯޑްވީމަ ހެދޭ ގޯސްތައް މާގިނަ. ހާއްސަކޮށް ގަދަ ޓީމުތަކާ ދެކޮޅަށް. މީގެ ސަބަބުން އަހަރުމެންނަށް އިތުބާރު ގެއްލޭނެ. އަދި މި ފަދަ ނަތީޖާތަކަކީ އަހަރުމެން ކޮންމެ މީހެއްގެ ކެރިއަރަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް،" ސްޓޯންސް ބުންޏެވެ.
އޭނާ ބުނީ މެޗަށް ނުކުތްއިރު މުޅި ޓީމުގައި ވެސް އޮތީ މޮޅުވުމުގެ ރޫހު ކަމަށާއި ނަމަވެސް މިހާ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވުމުން އެކަމާ ވަރަށް ބޮޑަށް ހައިރާންވެއްޖެ ކަމަށެވެ.
"ބުނާނެ އެއްޗެއް ވެސް ނޭނގެ. އަހަރެން މި މެޗު ބަލަން އައި ހުރިހާ ސަޕޯޓަރުންގެ ކިނައިން މައާފަށް އެދެން. އަހަރުމެން މި މެޗުގެ ފަހު 30 މިނިޓްގައި ކުޅުނު ކުޅުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން،" ސްޓޯންސް ބުންޏެވެ.
އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަން ސިޓީ އަށް މި ސީޒަނުގެ ތަށި ނުލިބޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ މާކުރިން ވަނީ ބުނެފަ އެވެ. 2015 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުން ޕްރެމިއާ ލީގު ހަ ފަހަރު ކާމިޔާބުކޮށްފައިވާ ކޯޗު ބުނީ ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ގޯސްވުމުން ދެން ލީގަށް ވާދަކުރަން ފެށޭނީ އަންނަ ސީޒަނުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ