އަލަވެސް އަތުން ބާސެލޯނާ 1-0އިން މޮޅުވި މެޗުގައި މިޑްފީލްޑަރު ގަވީ ކުއްލި ގޮތަކަށް ބަދަލުކުރީ ޓީމުގެ ޑޮކްޓަރު އަންގައިގެން ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ގަވީ އާއި އަލަވެސްގެ ތޯމަސް ބޮލުން ޖަހަން އެރި ވަގުތު ދެ ކުޅުންތެރިންގެ ބޯ ޖެހި ގަވީ ފަރުވާ ހޯދުމުން އޭނާ ލައްވައި ކުޅުވަން ޑޮކްޓަރު ބޭނުންނުވީ ކަމަށެވެ.
"ޑޮކްޓަރު ގަވީ ގާތުގައި ބުނީ އޭނާ ދެން އިތުރަށް ކުޅުން ރަނގަޅު ނޫން ކަމަށް. އެކަން ކުޅުންތެރިޔާ ވެސް ގަބޫލު ކުރަން ޖެހޭ. އެ ހިސާބުން އަހަރެން ވެސް ނިންމީ ގަވީ ބާލަން. ޑޮކްޓަރުގެ ލަފާއާ ދެކޮޅަށް ނުކުޅެވޭނެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ މި މެޗުގައި ބާސެލޯނާގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނު ނަމަވެސް މޮޅުވެ، ތިން ޕޮއިންޓް ހާސިލް ކުރެވެމުން ހިތްހަމަޖެހޭ ކަމަށެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އާއި އެއްވަނާގައިވާ ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ހަނިވެފަ އެވެ. އަދި ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ.
ކޯޗު ބުނީ ސްޕެނިޝް ލީގު ތާވަލް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އޭނާ އެކަމާ ނުވިސްނާ ކަމަށެވެ.
"އަހަރެން އެހެން ޓީމުތައް ކުޅޭތަން ނުބަލަން. އެހެން ޓީމުތަކުގެ ނަތީޖާ އާއި ޓޭބަލެއް ނުބަލަން މިދިޔަ ދުވަސްކޮޅު. އަހަރެން ބަލަނީ އަހަރެންގެ ޓީމު ތައްޔާރު ކުރެވޭތޯ. އެންމެ މުހިންމީ މިހާރު އޮތް ގޮތަށް ޓޭބަލުގައި ދަށްނުވެ ހިފެހެއްހެއްޓުން،" ކޯޗު ބުންޏެވެ.
ޖަރުމަނުގެ ކުރީގެ ގައުމީ ކޯޗު ބުނީ ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި ލިބުނު ބޮޑު ލީޑު ގެއްލި ޓޭބަލުގެ ތިން ވަނަ އަށް ވެއްޓުމުން އޭނާ މިދިޔަ ދުވަސްތަކުގައި އުޅުނީ ވަރަށް ޕްރެޝަރުގައި ކަމަށެވެ.
"ޕްރެޝަރު ބޮޑުވުމުން އެންމެ މޮޅު ގޮތަކީ އަވަހަށް ނިދަން ދިއުން. އަވަހަށް ހޭލުން. ހޭލައިގެން އަހަރެންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ކަންކަން ވަޓްސްއަޕް ކުރުން. ދެން އަހަރެން މިހެން ބުނީމާ އަހަރެންގެ އަންހެނުން ގާތުގައި ނޫސްވެރިން އަހާނެ އަހަރެން ނިދާތޯ. އެހެން އެހުމުގެ ކުރިން ބުނަން ޖެހެނީ އެންމެ ފަހުން ކުޅުނު މެޗަށް ފަހު އަހަރެން ނިދީ ދެ ގަޑިއިރު ކަމަށް،" ފްލިކް ބުންޏެވެ.
ބާސެލޯނާ އަށް މިހާރު ލިބިފައިވަނީ 45 ޕޮއިންޓެވެ. އެތްލެޓިކޯ އަށް 48 ޕޮއިންޓެވެ. ރެއާލް މެޑްރިޑަށް 49 ޕޮއިންޓެވެ.
ގަވީ ބާލަން އެންގީ ޑޮކްޓަރު: ބާސެލޯނާގެ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ