އަށިގަނޑުގައި ބޭލިއިރު މާޓިނޭޒް ދިޔައީ ރޮމުން

މެންޗެސްޓާ ޔުނައިޓެޑްގެ އާޖެންޓީނާ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒް އަށިގަނޑުގައި ރޭ ދަނޑުން ބޭލިއިރު އޭނާ ދިޔައީ ރޮމުން ކަމަށާއި އަނިޔާ ސީރިއަސް ކަމަށް އެ ކުލަބުން ބުނެފި އެވެ.
ކޯޗު ރުބެން އަމޮރިމް ބުނީ ޓޭބަލުގެ 12 ވަނާގައިވާ ކްރިސްޓަލް ޕެލަސް އަތުން 2-0އިން ޔުނައިޓެޑް ބަލިވި މެޗުގެ 82 ވަނަ މިނިޓްގައި ބޭލި ކުޅުންތެރިޔާގެ އަނިޔާ ސީރިއަސް ކަމަށް އޭނާ ދެކޭ ކަމަށެވެ. މާޓިނޭޒް ބަދަލުކުރީ ދަނޑުމަތީގައި ވަރަށް ގިނައިރު ފަރުވާދިނުމަށްފަހު ކުޅެވޭވަރު ނުވެގެންނެވެ.
ޕެލަސްގެ އިސްމާއިލާ ސާރްގެ ހަމަލާއަތުން އަނިޔާވިއިރު މިއީ އަޔެކްސް ދޫކޮށް 2022 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ޑިފެންޑަރު ކުޅުމާ ދުރަށް ދާން ޖެހިދާނެ ފަދަ އަނިޔާ އަކަށްވުން ގާތް ކަމަށް ވެސް ކޯޗު ބުންޏެވެ. މީގެ ކުރިން މާޓިނޭޒަށް ވަނީ ދެ ފަހަރެއްގެ މަތީން ސީރިއަސް އަނިޔާތަކެއް ކުރިމަތިވެ، ގިނަ މެޗުތަކެއް ގެއްލިފަ އެވެ.
"އޭނާ އަކީ އަހަރުމެންނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ކުޅުންތެރިއެއްގެ އިތުރުން އޭނާގެ ޝަހުސިއްޔަތު ގެ ގޮތުން އެއީ މުހިންމު ކުޅުންތެރިއެއް. މިއީ ވަރަށް ގޯސް ހާލަތެއް އޭނާ އާއި ޓީމަށް ވެސް. އަހަރުމެން މިހާރު ތިބެން ޖެހިފައި މިވަނީ ޑޮކްޓަރު ބުނާނެ އެއްޗަކަށް. އަހަރެންނަށް ހީވަނީ އޭނާގެ އަނިޔާ ވަރަށް ސީރިއަސްހެން،" އަމޮރިމް ބުންޏެވެ.
މި މެޗަކީ ޔުނައިޓެޑް މި ސީޒަނުގައި އަމިއްލަ ދަނޑުގައި ބަލިވި ހަތް ވަނަ މެޗެވެ. މި މެޗުން ބަލިވުމުން ޔުނައިޓެޑް މި ވަގުތު އޮތީ 29 ޕޮއިންޓާއެކު 13 ވަނާގަ އެވެ. ޕެލަސް އަށް ލިބިފައިވަނީ 30 ޕޮއިންޓާއެކު 12 ވަނަ އެވެ.
އަމޮރިމް ބުނީ މި ނަތީޖާ އަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ހިތްދަތި ނަތީޖާއެއް ކަމަށާއި މިހާރު މިކަން އާދައިގެ ކަމަކަށް ވެއްޖެ ކަމަށެވެ.
"ސަޕޯޓަރުންނަށް ވެސް މިހާރު ބަލިވުން އާދައިގެ ކަމަކަށްވެއްޖެ. އެމީހުންނަށް ވެސް މި ސީޒަނަކީ ވަރަށް ގޯސް ސީޒަނަކަށް މިވީ. ފުޓްބޯޅައިގައި މިފަދަ ދަތި ވަގުތުތައް ދިމާވާނެ. އަހަރެން އެކަންކަން ދެނެގެން މިތައްޔާރުވަނީ އަބަދުވެސް ކުރިއަށް އޮންނަ މެޗަށް. އަބަދުވެސް އުއްމީދު ކުރަނީ ޖެހިގެން އޮންނަ މެޗުގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް" ކޯޗު ބުންޏެވެ.
އަމޮރިމް ޓީމާ ހަވާލުވީ ނޮވެމްބަރު މަހު އެވެ. ނަތީޖާތައް މާބޮޑަށް ގޯސްވުމުން އޭނާ ބުނީ ތިމަންނަށް އަށް ލިބުނީ ޔުނައިޓެޑްގެ ހަޔާތުގައި ވެސް އެންމެ ގޯސް ޓީމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ