ލެވަންޑޯސްކީގެ ގޯލުން ލީގުގެ ރޭހުގައި ކުރިއަށްދާން ބާސެލޯނާ އަށް މުހިންމު މޮޅެއް ލެވަންޑޯސްކީގެ ގޯލުން ލީގުގެ ރޭހުގައި ކުރިއަށްދާން ބާސެލޯނާ އަށް މުހިންމު މޮޅެއް

ބާސެލޯނާ (ފެބްރުއަރީ 3) - ސްޕެނިޝް ލީގުގައި މިރޭ ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުން 1-0 އިން ޑެޕޯޓިވޯ އަލަވޭސް އަތުން މޮޅުވެ، ލީގުގެ ރޭހުގައި ކުރިއަށްދިއުމަށް ބާސެލޯނާ އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން މި ހަފްތާގައި ކުޅުނު މެޗުން ބަލިވިއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އިން މިރޭ ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ވަނީ، 22 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ.
ބާސެލޯނާ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުގެ ޒުވާން ތަރި، ލަމީން ޔަމާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގެ ކުޅުން ކުރިއަށްދިޔަތާ އެއް ގަޑިއިރު ވި ފަހުން ބާސެލޯނާ އިން ވަނީ ހަމައެކަނި ގޯލު ޖަހައިފަ އެވެ. މިއީ، ޕެޑްރީ އާއި ރަފީނިއާ ގުޅިގެން ކުރި އެޓޭކެއްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އަވަސް ކުޅުމަކާ އެކު، ލެވަންޑޯސްކީ ޖެހި ގޯލެކެވެ. ސްޕެނިޝް ލީގުގައި މި ސީޒަނު އެންމެ ގިނަ ގޯލު ޖެހި ލެވަންޑޯސްކީ، ލަނޑު ތާވަލުގެ ކުރީގައި އޮތީ 18 ގޯލު ޖަހައިގެންނެވެ.
ޔަމާލް ބައިވެރިވި އެޓޭކެއްގައި ބާސެލޯނާގެ ދެ ވަނަ ގޯލު ޖަހަން، ފާމިން ލޮޕޭޒަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ އިން މި ވަނީ، އަލަވޭސްއާ ދެކޮޅަށް ބަލިނުވެ، ލީގުގައި 15 މެޗު ހަމަކޮށްފަ އެވެ. އެ މެޗުތަކުން، 13 ފަހަރު ބާސެލޯނާ މޮޅުވިއިރު، ދެ މެޗެއް ވަނީ އެއްވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ