ފުލުހުން ޓޯ ކުރި 568 އެއްގަމު އުޅަނދު ނައްތާލައިފި ފުލުހުން ޓޯ ކުރި 568 އެއްގަމު އުޅަނދު ނައްތާލައިފި

ފުލުހުން ޓޯ ކޮށްފައިވާ 568 އެއްގަމު އުޅަނދާ ވެރިފަރާތުން ހަވާލުވެފައި ނުވާތީ އެ އުޅަނދުތައް މިދިޔަ ހޮނިހިރު ދުވަހު ނައްތާލައިފި އެވެ.
ފުލުހުން ބުނީ ނައްތާލި އުޅަނދުތަކަކީ ވެރިފަރާތުން ނުގެންގޮސް ހުރި ދެފުރޮޅުލީ 524 އުޅަނދާއި ހަތަރުފުރޮޅުލީ 44 އުޅަނދު ކަމަށެވެ.
މާލޭގެ މަގުތަކުން ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތާލަނީ އެ އުޅަނދުތަކާ ހަވާލުވުމަށް ވެރިފަރާތްތަކަށް މުއްދަތެއް ދިނުމަށްފަހު އެވެ.
ގަވާއިދާ ހިލާފުވެގެން ޓޯ ކުރާ އުޅަނދުތަކުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ވެސް ފުލުހުން ޓޯކޮށް ނައްތާލަ އެވެ.
ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދެއް މިދިޔަ ޖެނުއަރީ މަހު ނައްތާލި އެވެ. އޭގެ ތެރޭގައި ހިމެނެނީ 378 ސައިކަލަކާއި ހަތަރު ފުރޮޅުލީ 40 އުޅަނދުގެ އިތުރުން 28 ބައިސްކަލެކެވެ.
ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ބަދަލުގައި ނީލަމުގައި ވިއްކައިލުން ފަދަ ބޭނުންތެރި ގޮތެއްގައި އެކަން ކުރުމަށް އާންމުން އަބަދުވެސް ހިޔާލު ފާޅު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ