މި އަހަރު ސިޔާސީ ޕާޓީތަކަށް 27 މިލިއަން، އެންމެ ގިނައިން ލިބޭ ޕީއެންސީއަށް 13 މިލިއަން
މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ޖުމްލަ 27.98 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ވެރިކަން ކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ. އީސީން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ، އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށެވެ. އެގޮތުން، ބަޖެޓުގެ އާމްދަނީން ޕާޓީތަކަށް ދޫކުރާ 0.01 ޕަސެންޓަށްވާ 27،981،256 ރުފިޔާ، ފަސް ޕާޓީއަކަށް ލިބޭނެ ކަމަށް އީސީން ބުންޏެވެ. https://x.com/ElectionsMv/status/1910258563789828595 އެ ޕާޓީތަކަކީ ޕީއެންސީއާއި އެމްޑީޕީއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އެވެ. އެ ޕާޓީތަކަށް ފައިސާ ބަހަނީ، މެންބަރުންގެ ނިސްބަތުން ޕާޓީއަކަށް ޖެހޭ އަދަދު ބެލުމަށްފަހު، އެ ޕާޓީއަކުން ގާނޫނާއި ގަވައިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބިހުރި ފައިސާ އުނިކުރުމަށް ފަހުގައެވެ. އެގޮތުން ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދަކީ: ޕީއެންސީ: 13،316،689.57 ރުފިޔާ އެމްޑީޕީ: 8،454،780.51 ރުފިޔާ ޖުމްހޫރީ ޕާޓީ: 2،656،598.57 ރުފިޔާ އެމްޑީއޭ: 1،769،648.69 ރުފިޔާ އަދާލަތު ޕާޓީ: 1،713،538.65 ރުފިޔާ އީސީންވަނީ، ޕާޓީތަކަށް ކަނޑައަޅައިފައިވާ ފައިސާއިން ބޮލަކަށް ޖެހޭ އަދަދަކީ 193.23 ރުފިޔާކަން ފާހަގަކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ފަސް ޕާޓީގައި 144،808 މެންބަރުން ތިބިއިރު، އޭގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ 68،968 މީހުން ހިމެނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2019 ވަނަ އަހަރު ޕީއެންސީ އުފެއްދެވީ އެ މަނިކުފާނުގެ އުފެއްދެވި ޕީޕީއެމްއިން ބާރު ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެއަށްފަހު ޕީޕީއެމް އިސްވެ އޮންނަ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްގެންގޮސް، ޔާމީން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީއެންސީން ކެންޑިޑޭޓަކު ނެރުނެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ޕާޓީ ވެރިކަމަށް އައިއިރު މެންބަރުންގެ އަދަދު އަރަނީ ގާތްގަނޑަކަށް 3،000އަށެވެ. ނަމަވެސް ރައީސް އިސްވެ ހުންނަވައި، އެ ޕާޓީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމުގެ މަސައްކަތްތައް ޕީއެންސީން ކުރިއަށްގެންދިޔައެވެ. އެ މަސައްކަތުގެ ދަށުން މިދިޔަ އަހަރު އެތައް ހާހުން މެންބަރުން އިތުރުކޮށް، މީގެ ކުރިން އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ މަގާމުން ޕީއެންސީން ވަނީ އަތުލައިފައެވެ. އެ ޕާޓީއަށް ވަނީ، ސައްހަ ނޫން ފޯމްތަކުން މެންބަރުންގެ އަދަދު އިތުރުކޮށްފައިވާ ކަމުގެ ގިނަ ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން އިދިކޮޅުން ވަނީ، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން ގަވައިދާ ޚިލާފަށް މީހުންގެ ޒާތީ މައުލޫމާތު ނަގައިގެން ފޯމު ފުރިކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެ މައްސަލަ އެމްޑީޕީންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި، ޕީޖީ އޮފީހަށް މިދިޔަ ޖަނަވަރީ މަހުގެ 16ވަނަ ދުވަހު ހުށަހަޅައިފައެވެ. އަދި ވަކިވަކި ފަރުދުން ވެސް އަންނަނީ އެކަން އެހެން ހިނގައިގެން މައްސަލަ ހުށަހަޅަމުންނެވެ. https://sun.mv/202550 އެ މައްސަލަތައް ފެންމަތިވި ފަހުން މިދިޔަ ފެބްރުވަރި މަހު އީސީން ވަނީ، ޕާޓީތަކަށް ދެން މީހުން ވެއްދޭނީ، އީސީގެ ޕޯޓަލެއް މެދުވެރިކޮށް ކަމަށް ކަނޑައަޅައި، ގަވައިދަށް އިސްލާހު ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ