އަދިވެސް ހަމަ ކިޔަންވީ މިނިވަން މުއައްސަސާއޭތޯ އެވެ؟

ގާނޫނުއަސާސީގައި އެކި ވަރުވަރުން އަދި އެކި ނަންނަން ކިޔައިގެން ބޮޑެތި މިނިވަން މުއައްސަސާތަކެއް އުފެއްދީ ވަޒީފާގެ ބާޒާރު ފުޅާކުރާކަށް ނޫނެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާއިމްކުރި ނަމަވެސް އެއް ބާރުން އަނެއް ބާރުގެ ތެރެއަށް ނުފޫޒުތައް ވައްދަން މަސައްކަތް ކުރާނެތީ އަދި ބާރުވެރި މަގާމުތަކުގައި ތިބޭ މީހުން ނިޒާމުގެ ބޭރުން ހިންގާ އަމަލުތަކަށް މިނިވަންކަމާ އެކު ފާރަވެރިވެ އަދި އެކަންކަމަށް ފިޔަވަޅު އެޅުމަށެވެ. އަމިއްލަވަންތަ ގައުމެއްގެ ހައިސިއްޔަތުން، މި ގައުމުގައި ހިނގާ ނޭއްގާނީ ކަންކަން ބޭރުގެ ފަރަންޖީންނާ ނުބައްސައި މި ގައުމުގެ ތެރެއިން ހުއްޓުވާނެ ކަމަށް ދެކިގެންނެވެ.
މި މަގުސަދުގައި ނަން ހުސްވާ މިންވަރަށް މިނިވަން މުއައްސަސާތަކާއި މަގާމުތައް އުފައްދައިފި އެވެ. މިއިން ކޮންމެ މުއައްސަސާއެއްގެ "މިނިވަންކަމާ އެއްވަރުގެ ބޮޑު" މުސާރަ އާއި އެހެން އިނާޔަތްތައް ދޭން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރި ނަމަވެސް މިނިވަން މުއައްސަސާއެކޭ ބުނެވޭވަރެއް ނޫނެވެ. ގިނަ މިނިވަން މުއައްސަސާތަކަކީ ސަރުކާރުތަކުން އެކި ފަރާތްތަކާ ދެކޮޅަށް ހިންގާ އަމަލުތަކާއި އަޅާ ފިޔަވަޅުތަކުގައި "މިނިވަން" ޓެގް ޖަހައިދީގެން މޫނުމަތި ރީތިކޮށްދޭން ތިބޭ މުއައްސަސާތަކެކޭ ހީވާ ފަހަރު ގައިމުވެސް މަދެއް ނޫނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލޯ ކުރިމަތިން އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ކޮރަޕްޝަންގެ ސަބަބުން ދައުލަތުން ގެއްލިގެންދާއިރު އޭސީސީއަށް ނެރެވުނު ނަތީޖާއެއް ނެތެވެ. ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ލަސްވާ ވާހަކަ ދައްކާނެ ކަމެއް ވެސް ނެތެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީއަށް ހުށަހެޅިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އޭސީސީގެ ހަލުވިކަން ހުރީ އެހެން ހިސާބެއްގަ އެވެ. އެ މައްސަލަ ތަހުގީގުކުރަން ނިންމައި އެދުވަހުން އެދުވަހަށް ކަމާ ބެހޭ އިދާރާތަކަށް ފޮނުވައިގެން އެ ފަނޑިޔާރުން ސަސްޕެންޑް ކުރުވައިގެން އޭސީސީން އުޅުނީ ދައުލަތާއި ގައުމުގެ މަސްލަހަތުގައި ކަމަށް ގަބޫލުކުރަން ދައްޗެވެ.
ކޮރަޕްޝަނަށް ތުހުމަތުކުރާ މައްސަލައެއް ހުށަހެޅި ކަމުގައި ވިޔަސް އެ މައްސަލަ ބެލުމަށް ގޮތެއް ނިންމުމަށްޓަކައި ފުރަތަމަ މަރުހަލާގައި ބަލާ ބެލުންތަކަށް ވެސް އާންމުކޮށް ވަގުތުތަކެއް ނަގާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ނުރަސްމީ ގަޑީގައި ހުށަހެޅި އެ މައްސަލަ އޮފީސް ހުޅުވިތާ ދެ ގަޑިއިރުގެ ތެރޭގައި ނިމިގެން ދިޔަ ގޮތް އަދިވެސް ރައްޔިތުންނަށް ސާފެއް ނުވެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ ދުވަހަކު ވެސް ދިވެހިން ފެނިފައިނުވާ ފަދަ އާދަޔާ ހިލާފް ހަލުވި މިނެއްގައި އޭސީސީގެ މަސައްކަތް ފެނުމާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މަސްލަހަތު އޮތް ބޮޑު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ދުވަހާ ދިމާވުމަކީ އިއްތިފާގެއް ނޫންކަމެވެ.
ޝަރުއީ ދާއިރާގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ފަނޑިޔާރުގޭގެ މިނިވަންކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވޭކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހާލަތު ކޯޓުތަކަށް ވުރެ ވެސް މާ ގޯހެވެ. ސިޔާސީ މަސްރަހާ ގުޅޭ ބޮޑު ދުސްތޫރީ މައްސަލައެއްގެ ޝަރީއަތް އަޑުއެހުމެއް ފެށެން މަދު މިނެޓްކޮޅެއް އޮއްވާ އެ ފޮނުވާލީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސަސްޕެންޝަނެވެ. ފުރަތަމަ ބަލަން ފެށި މައްސަލަ ނާކާމިޔާބުވެދާނެހެން ހީވީމާ އެހެން މައްސަލައެއް ހޯދޭތޯ އުޅެމުން ގޮސް ސަސްޕެންޑްކުރި ފަނޑިޔާރުން އެ ބޭފުޅުންގެ ވަކީލުން މެދުވެރިކޮށް ނެރޭ ބަޔާނަކީ ވެސް ސުލޫކީ މައްސަލައަކަށް ހަދައިގެން ބަލަމުން އެދަނީ ޝިކާރަކުރާ އުސޫލުންނެވެ.
ކުރެވޭ ތުހުމަތުގެ ދިފާއުގައި ވަކީލުން މެދުވެރިކޮށް ނޫސްބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައަކަށް ވާން ފެށީމާ ޖޭއެސްސީގެ ހާލަތު އޮތް ގޮތް އެންމެ އާދައިގެ މީހާއަށް ވެސް ފަހުމްވާ މިންވަރަށް ސާފެވެ. މިއީ ސިޔާސީ މަސްރަހު އެނބުރިދާނެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ނުދީ، ނާކާމިޔާބުކޮށްލުމަށްޓަކައި ކުރާ ކަމެއްކަން ގަބޫލުކުރެވެއެވެ. ގައުމުގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓުގައި ތިއްބެވި އަދި ގާނޫނީ ގޮތުން ބޮޑެތި އިމްތިޔާޒްތަކާއި ރައްކާތެރިކަން ލިބިވަޑައިގެން ތިއްބެވި ފަނޑިޔާރުންނާ މެދު މި ފެންވަރަށް މިނިވަން މުއައްސަސާތަކުން އަމަލުކުރާއިރު އާރެއް ބާރެއް ނެތް ރައްޔިތަކަށް އޮންނާނީ ކޮން ރައްކާތެރިކަމެއްތޯ ހިތާހިތާ ސުވާލު އުފެދެ އެވެ.
މިނިވަން، މުސްތަގިއްލު ޕްރޮސެކިއުޓާ ޖެނެރަލަކު ހުންނަވާ ގޮތަށް ދިވެހި ރައްޔިތުން ނިޒާމު ބައްޓަންކުރީ ސަރުކާރުގެ ނުފޫޒެއް ނެތި މިނިވަންކޮށް ހިނގާނެ ޖިނާއީ އަދުލުގެ ނިޒާމެއް ހޯދުމަށެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ ވުޒާރާއެއްހެން ހީވާ ހިސާބަށް ހިނގައްޖެ ކަމަށް ދެންނެވުމަކީ ކުށަކަށް ނުވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިއަކަށް ގުޅުއްވާފައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުއްވި ބަޔާން ސިފަވީ ވަކީލަކު އޭނާގެ މުވައްކިލެއްގެ ދިފާއުގައި ކޯޓަކަށް ހުށަހެޅުއްވި ދިފާއީ ބަޔާނަކާ އެވެ.
ޖިނާއީ ކުށެއް ކަމަށް ބެލެވޭ އަމަލެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވީކީ އެކަންޏެއް ނޫނެވެ. އަދި ބޭރުގެ ސަފީރުންނާއި ޖަމާއަތްތަކަށް ފަހުމްވާނެ ފަދައިން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ބަޔާންތައް ނެރުއްވީ ރައީސުލްޖުމްހޫރިއްޔާގެ ތަހުގީގު ބަޔާނެއް ވެސް ތަހުގީގުގައި ހޯއްދަވާފައި ނުވަނީހެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ޕްރޮސެކިއުޓާ ޖެނެރަލް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މައްސަލައެއް ވީމާ ތަފާތު އުސޫލަކުން އަމަލު ކުރެއްވުމުން އަސަރު އެ ކުރަނީ މުޅި މުއައްސަސާގެ މިނިވަން ކަމަށެވެ. 
އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ވެސް އެބަ އޮތް ތާއެވެ. ނަމަވެސް މަގުމަތީގައި ތިބެގެން މުޒާހަރާކޮށްލާ ކަމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތައް ކޮންމެ ދުވަހަކު، ތަރާވީހަކަށް ގެންދާހެން، ފުލުފުލުގައި ފުލުސް އޮފީހަށް ހާޒިރު ކުރަމުން ދިޔައިރު މިއިން މުއައްސަސާއެއްގެ ކަމެއް ނެތެވެ. ނަމަވެސް މާ ބޮޑުވަރުވާހެން ހީވީމާ ނަތީޖާ ނުނެރެވުނަސް ނޫސް ބަޔާނަކާއި ޓްވީޓަކުން ފުއްދާލީމަ އެ ކުރެވެނީ ވެސް އެ ބޭފުޅުންގެ ނަޒަރުގައި ވަރަށް ބޮޑު ކަމެކެވެ.
އެމްޑީޕީން ބޭއްވި ސިލްސިލާ މުޒާހަރާއާ ގުޅިގެން އެ ޕާޓީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދިނީ އެ ޕާޓީން އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނަކާ ހިލާފް ކަމެއް އެތަނުގައި ހިނގައިގެނެއް ނޫނެވެ. އެ މުޒާހަރާތަކުގައި ހިނގަމުން ދިޔައީ އާންމު އުސޫލުން ދައުލަތުގެ ކަންކަމާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އުފުލުމުގެ ސިލްސިލާއެކެވެ. ދައުލަތުގެ އިސް ބޭފުޅުން ހިތްހަމަނުޖެހޭ ފަދަ ވާހަކައެއް މުޒާހަރާގައި ދެއްކުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ވަދެ ބަސް ބުނަން ޖެހޭ ހަމައެއް ނުވިސްނުނެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެއްދި ފަހުން ދެތިން އަހަރު ވީއިރު ވެސް އެއީ ހުންނަ ތަނެއްކަން އެނގޭނީ އެ އޮފީހުން ކުރި މަސައްކަތެއް ވެސް އެނގިގެންތާ އެވެ. އޮމްބަޑްސް ޕާސަންގެ މުސާރަ ބޮޑުކުރަން އެދިވަޑައިގެން އެ އޮފީހުން މިދިޔަ އަހަރު ފޮނުވި ސިޓީއަށް ފަހު އެ އޮފީހުގެ މަސައްކަތެއް އާންމުންނަށް ދެން މި ފެނުނީ އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ. ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން ފެނުނު އެތައް މައްސަލަތަކެއްގައި ކުރި ކަމެއް ނުފެނި އޮތުމަށް ފަހު އަމާޒުވި ފުރަތަމަ ފިޔަވަޅު އިދިކޮޅު ޕާޓީއެއްގެ މައްސަލައަށް އަމާޒުވުމަކީ އިއްތިފާގޭކޭ ބުނެވޭކަށް ނެތެވެ.
މިނިވަންކަމުގެ ބޮޑު ހުވައެއް ކުރައްވައިގެން ތިއްބެވި އެތައް ބޭފުޅުންތަކެއް ތިއްބަވާ މިނިވަން މުއައްސަސާތަކުގެ ހާލަތު މި ހިސާބަށް ދިއުމުން، މީގެ ޝިކާރައަކަށް ވެފައި ތިބޭ ރައްޔިތުންނަށް އޮންނަ ގޮތަކީ އދ. އާއި އެހެން ވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީއަށް އެދުމެވެ. ރާއްޖޭގެ ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމުން ވެސް ބައިނަލްއަގްވާމީ މުޖްތަމައުގެ ސަމާލުކަމަށް އެކަން ގެންނަން ޖެހުނީ ޓަކި ޖަހާނެ އެހެން ދޮރެއް މި ގައުމުގައި ނެތް މިންވަރަށް މިނިވަން މުއައްސަސާތައް އަޅުދާސްތުވެ ނިމުމުންނެވެ.
އަމިއްލަ ވެރިކަމެއް ކުރާ މުސްތަގިއްލު ދައުލަތެއްގެ ކަންކަން މިހާ ވަރަށް ބޮއްސުންލައިގެން ގޮސް އެ ގައުމުގެ ރައްޔިތުން އަމިއްލައަށް ބޭރުގެ ޖަމާއަތްތަކުގެ އެހީއަށް ކޮންމެ ފަހަރަކު އެދެން ޖެހޭ ހިސާބަށް ދިއުމަކީ ގައުމެއްގެ ހައިސިއްޔަތުން ލަދުވެތި ކަމެކެވެ. މިއީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންކަމެވެ. މިނިވަންކަމާ އެކު ވިހުރޭ ރީތި ދިދައެއް ހުއްޓެއް ކަމަކު މިނިވަންކޮށް ހިނގާ މިނިވަން މުއައްސަސާއެއް ނެތުމުގެ ގެއްލުން އިޖްތިމާއީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުން ކުރާނީ ދިވެހިންނާއި ރާއްޖެއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ