ލިވަޕޫލް ސިއްސުވާލައި ފުލަމް، މެޗުން މޮޅުވެއްޖެ
އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް، ފުލަމް އަތުން ބަލިވެއްޖެއެވެ. މިއީ މިސީޒަންގައި ލިވަޕޫލް ލީގުގައި ބަލިވި ދެވަނަ މެޗެވެ. އަދި މިއާއެކު އެޓީމު މިވަނީ 26 މެޗަށް ފަހު ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފައެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލްއިން ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގައިފައިވަނިިކޮށް ފަހަތުން އަރައި ތިން ލަނޑު ދެ ލަނޑުންނެވެ. ލިވަޕޫލްއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގެ ފެށުން ރަނގަޅުވީވެސް ލިވަޕޫލްގެއެވެ. މިގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެލެކްސިސް މެކްއެލިސްޓާއެވެ. ނަމަވެސް ލިވަޕޫލްއަށް މިމެޗުގައި މި ލީޑު ދެމެހެއްޓޭގޮތްވީ ނުވަ މިނެޓް ވަންދެނެވެ. މިގޮތުން މެޗުގެ 23 ވަނަ މިނެޓްގައި ފުލަމްގެ ރަޔަން ސޭސެގްނޯން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑާއެކު މިމެޗުގެ ފުރަތަމަ ހާފުގައި ފުލަމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މޮޅު ކުޅުމެވެ. އަދި ނަތީޖާއަކަށްވީ ލިވަޕޫލަށް ފުލަމްގެ ހަމަލާތައް ހިފެހެއްޓުމުގައި އުނދަގޫތަކާ ކުރިމަތިވުމެވެ. މި މެޗުގައި ފުލަމްއިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައި އެލެކްސް އިވޯބީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ކާމިޔާބު ކުރިތާ ފަސް މިނެޓް ފަހުން ރޮޑްރިގޯ މުނީޒް ކާމިޔާބު ކޮށްދިން ލަނޑުން މިމެޗުގައި ފުލަމްއިން ދެ ލަނޑުގެ ލީޑެއް ނަގައި ލިވަޕޫލް ސިއްސުވާލިއެވެ. މި މެޗުގެ ދެވަނަ ހާފަށް ލިވަޕޫލްއިން ނުކުތީ ފުރަތަމަ ހާފުގެ ފަހުކޮޅު އެ ޓީމަށް ކުރިމަތިލާން ޖެހުނު އުނދަގޫތަކުން އަރައިގަނެ މި މެޗުން ނަތީޖާއެއް ނެރުމުގެ އުންމީދާއެކުއެވެ. މިގޮތުން މިހާފުގައި ލިވަޕޫލްއިން ގިނަ ހަމަލާތަކެއް އުފައްދައި ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ތަން ފެނިގެންދިޔައެވެ. ނަމަވެސް ފުލަމްއިން ވަރަށް ރަނގަޅަށް ޑިފެންޑް ކުރުމުގެ ނަތީޖާއަކަށްވީ ލިވަޕޫލްއިން އުފައްދަމުންދިޔަ ގިނަ ހަމަލާތައް ބޭކާރުވެގެންދިއުމެވެ. މިމެޗުގައި ލިވަޕޫލްއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ލުއިސް ޑިއާޒްއެވެ. މިލަނޑާއެކު ލިވަޕޫލްގެ ހަމަލާތައް ވަރުގަދަ ކުރި ނަމަވެސް ފުލަމްގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ފުލަމް މިހާރު އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި މިނާކާމިޔާބީ އާއެކު ލިވަޕޫލް އުޅެނީ 73 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ބާކީ ހަތް މެޗު އޮތްއިރު އެ ޓީމު އަދިވެސް ލީގު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވަނީ 11 ޕޮއިންޓެވެ. އެހެން ކަމުން އަދިވެސް މިފަހަރުގެ ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އޮތް ހަމައެކަނި ޓީމަކީ ލިވަޕޫލް ކަމުގައި ދެންނެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ