ބަޔާން ދަނޑުގައި މޮޅުވެ އިންޓަ އިން ފުރުސަތު ބޮޑުކޮށްފި ބަޔާން ދަނޑުގައި މޮޅުވެ އިންޓަ އިން ފުރުސަތު ބޮޑުކޮށްފި

މިއުނިކް (އޭޕްރީލް 9) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ދަނޑުގައި 2-1 އިން މޮޅުވެ، އިންޓަ މިލާނުން މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި ނަތީޖާއާ އެކު، ބަޔާނުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައީ އެވެ. އެ ޓީމުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލި މި ވީ 22 މެޗަށް ފަހު އެވެ. މިއީ، މި މުބާރާތުގައި ބަޔާން އަމިއްލަ ދަނޑުގައި މިދިޔަ ހަތަރު އަހަރު ތެރޭ ބަލިވި ފުރަތަމަ ފަހަރެވެ.
އިންޓަ އިން މި މޮޅު ހޯދުމާ އެކު، ސެމީ ފައިނަލުގެ ޖާގައެއް ހޯދަން އަންނަ ހަފްތާގައި އެ ޓީމުގެ ދަނޑުގައި ކުޅޭ ލެގުން އެއްވަރުކޮށްލައިގެން ވެސް ފުއްދާލެވޭނެ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެން ހަމަޖެހިފައިވާ ބަޔާންގެ އަލިއާންޒް އެރީނާގައި ކުޅުނު ފުރަތަމަ ލެގުގައި އިންޓަ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިިނީ އެ ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓީނޭޒް އެވެ. މިއީ، މެޗުގެ 38 ވަނަ މިނިޓްގައި މާކަސް ތުރާމް ދިން ބޯޅައަކުން މާޓީނޭޒް ޖެހި ގޯލެކެވެ.
މެޗުގެ ބޮޑުބައިގައި އިންޓަ އިން ލީޑުގައި އޮތްއިރު، ބަޔާނުން އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި އޮއްވަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ބަޔާންގެ ކޮންރަޑް ލައިމާ ނަގައިދިން .ބޯޅަ ތޯމަސް މުލާ ވަނީ ގޯލަަށް ވައްދާލައިފަ އެވެ. މިއީ، މި ސީޒަނަށް ފަހު، ބަޔާން ދޫކޮށްލަން ނިންމާފައިވާ މުލާ އެ ޓީމަށް ޖަހައިދިން 248 ވަނަ ގޯލެވެ.
ބަޔާނުން އެއްވަރުކުރިތާ ތިން މިނިޓް ފަހުން، އިންޓަ އިން ވަނީ އަލުން ލީޑުނަގައިފަ އެެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި ޖެހީ ބަދަލަކަށް ކުޅެން އެރި، ޑަވިޑޭ ފްރަޓެސީ އެވެ. މިއީ، ކާލޯސް އަގުސްޓޯ ދިން ބޯޅައަކަށް ރަނގަޅު ވަގުތުގައި އަރައި، ފްރަޓޭސީ ޖެހި ގޯލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ