ދިރާސީ އާ އަހަރު ފަށަނީ ތައުލީމީ ހައްގު ނުގެއްލޭ ވަރަށް އިންތިޒާމުތައް ހަމަޖައްސާފައި: ޝަފީއު

މިއަހަރުގެ ދިރާސީ އަހަރު މާދަމާ ފަށަނީ ދަރިވަރުންގެ ތައުލީމީ ހައްގު ނުގެއްލޭ ވަރަށް ސްކޫލުތަކަށް އިންތިޒާމުތައް ފުރިހަމަކޮށްދީފައި ކަމަށާއި މިއިން ޒަމާނަކު ޓީޗަރުންގެ ކަންކަން ރަނގަޅުނުކުރެވޭ މިންވަރަށް ރަނގަޅުކޮށްފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެެވެ.
ވީ ކިހިނެއް؟ - ބޮޑު ޗުއްޓީއަކަށް ފަހު މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ މާދަމާ އެވެ. އާ އަހަރުގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީންނާއި ސްކޫލުތަކުން ވެފައިވާ ތައްޔާރީތަކާ ބެހޭ މައުލޫމާތު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ޝަފީއު މިރޭ ހިއްސާކުރެއްވި އެވެ.  
ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވީ މާދަމާ ފަށާ ދިރާސީ އަހަރުގެ ކިޔެވުމަށް މިއަހަރު ވަރަށް ރަނގަޅަށް ސްކޫލުތަކުން ތައްޔާރުވެފައިވާނެ ކަމަށެވެ. އެއްވެސް ދަރިވަރަކަށް ބޭނުންވާ ފޮތްތައް ނުލިބޭ ސްކޫލެއް ވެސް ނުހުންނާނެ ކަަމަށް ޝަފީއު ވިދާޅުވި އެވެ.
"ސްކޫލުތަކަށް ފޮތްތައް ވަނީ ފޮނުވިފައި އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއިން ޒަމާނަކު ވެސް ޓީޗަރުންގެ ކަންކަން ރަނގަޅު ނުކުރެވޭ މިންވަރަކަށް މިއަހަރު ވާނީ ރަނގަޅުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ:
ސަރުކާރުގެ 217 ސްކޫލުގައި މިއަހަރު ގާތްގަނޑަކަށް 84،000 ދަރިވަރުން ކިޔަވަމުންދާނެ
ސްކޫލުތަކުގައި ގާތްގަނޑަކަށް 10،000 ޓީޗަރުން މަސައްކަތް ކުރައްވާނެ
އެއީ ކޮންމެ އަށް ކުއްޖަކަށް ޓީޗަރެއް 
ޝަފީއު ވިދާޅުވީ ގާތްގަނޑަކަށް 1،800އަށް ވުރެ ގިނަ ބިދޭސީން ޓީޗަރުން ވެސް މަސައްކަތް ކުރާ ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ބޮޑު އުނދަގުލަކަށް ކޮންމެ އަހަރަކު ވެސް ކުރިމަތިވަނީ ސްކޫލުތަކަށް ޓީޗަރުން ހަމަނުވުމުގެ މައްސަލަ ކަމަށެވެ. ބައެއް ޓީޗަރުން ޗުއްޓީއަށް ފަހު މަސައްކަތަށް ނުކުންނަން އޮންނަ ދުވަހު ވެސް އިސްތިއުފާ ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރު ވެސް މިހާތަނަށް 14 ޓީޗަރުންގެ އިސްތިއުފާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެއީ އެހެން އަހަރުތަކާ އަޅާބަލާއިރު މަދު އަދަދެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެ ދަތިތަކާ އެކު ވެސް މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށަނީ ދަރިވަރުންގެ ތައުލީމީ ހައްގު ނުގެއްލޭ ވަރަށް ކިޔެވުމުގެ ކަންކަން ކުރެވޭނެ ގޮތަށް އިންތިޒާމުތައް ފުރިހަމަކޮށްދީފައި ކަމަށް ޝަފީއު ވިދާޅުވި އެވެ.
"މާދަމާ ކިޔެވުން ފެއްޓޭއިރުގައި ތައުލީމުގެ ހައްގު ގެއްލޭ މިންވަރަށް އެއްވެސް ސްކޫލެއް ނުހުންނާނެ އިނގޭތޯ. އެއަށް ވުރެ މާ ފުރިހަމައަށް، މާ ރަނގަޅަށް ކަންތައްތައް ތަރުތީބުވެފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ