ރައިސްގެ ހިތްގައިމު ދެ ފްރީކިކާ އެކު އާސެނަލުން ރެއާލް ބަލިކޮށްފި ރައިސްގެ ހިތްގައިމު ދެ ފްރީކިކާ އެކު އާސެނަލުން ރެއާލް ބަލިކޮށްފި

ލަންޑަން (އޭޕްރީލް 9) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި، ޑެކްލަން ރައިސް ޖެހި ހިތްގައިމު ދެ ފްރީކިކް ގޯލާ އެކު، އާސެނަލުން 3-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
މިއީ ވާދަވެރި މުބާރާތެއްގައި ރެއާލާއި އާސެނަލްގެ ދެ ވަނަ ކުރިމަތިލުމެވެ. މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގަ އެވެ. އެ ފަހަރު އާސެނަލުން ވަނީ ރެއާލް ދަނޑުގައި 1-0 އިން ހޯދި މޮޅާ އެކު، އެގްރިގޭޓުގައި ވެސް އެ ނަތީޖާ އިން ކުރިހޯދައިފަ އެވެ. ފައިނަލުގައި ބަލިވީ ބާސެލޯނާ އަތުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަަތަމަ ލެގުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވެ އެވެ. ރެއާލްގެ ރައުލް އަސެންސިއޯ އަތުގައި ޖެހުނު ބޯޅައެއްގައި ޕެނަލްޓީ ހޯދަން އާސެނަލުން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ. ރައިސް ބޮލުން ފޮނުވާލި ބޯޅައަކާއި އޭގެ ރީބައުންސުން ގަބްރިއެލް މާޓިނެލީ ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ މަތަކުރި އެވެ.
ފުރަތަމަ ހާފުގައި ރެއާލްގެ ކީލިއަން އެމްބާޕޭ ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
މެޗުގައި އާސެނަލުން ލީޑުނެގީ، 58 ވަނަ މިނިޓްގައި ރައިސް ކާމިޔާބުކުރި ހިލޭ ޖެހުމުންނެވެ. ރެއާލުން އަޅާފައި އޮތް ވޯލް ވަށާލައިފައި ރައިސް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރެއާލް ކީޕަރު ކޯޓުއާ އަތްކައިރިން ގޮހެވެ. ދެ ވަނަ ގޯލެއް ޖަހަން، އާސެނަލްގެ މިކޭލް މެރީނޯ ދެ ފަހަރެއްގެ މަތިން ފޮނުވާލި ބޯޅަ ވެސް ކާމިޔާބެއްނުވި އެވެ.
އާސެނަލުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 70 ވަަނަ މިނިޓްގަ އެވެ. މިއީ ވެސް ރައިސް ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ. މި ފަހަރު ރައިސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އަދި، އެ ގޯލު ޖެހިތާ ފަސް މިނިޓް ފަހުން، މެރީނޯ ވަނީ ޖާގައެއް ހޯދައިލުމަށް ފަހު، ގޯލުގެ ތިރީ ކަަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ލަނޑެއް ޖެހޭތޯ ބަދަލުތަކެއް ގެނެސްގެން ރެއާލުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަން ކާމިޔާބުނުވެ ދިޔައިރު، މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ އެޑުއާޑޯ ކަމަވިންގާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ރެއާލުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ބޭނުންނަމަ އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ހަތަރު ގޯލުގެ ފަރަގަކުން މޮޅުވެގެން ނޫނީ ކުރިއަށް ނުދެވޭނެ އެވެ. ތިން ގޯލުގެ ފަރަގަކަށް ވުރެ ދަށް ނަތީޖާ އަކުން ބަލިވެގެން ވެސް އާސެނަލަށް ސެމީ ކަށަވަރުކުރެވޭނެ އެވެ. އާސެނަލުން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނީ 2009 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ