މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކުގައި، ނުފޫޒު ނުފޯރުވައި ހައްލު ހޯދައި ދޭން ޖެހޭ: އަބްދުއްރަހީމް

މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކުގައި، ނުފޫޒު ނުފޯރުވައި ހައްލު ހޯދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ. އެ މަނިކުފާނު މިހެން ގޮވައިލެއްވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކުގެ ހަތަރުވަނަ ކޮންފަރެންސްގައި ވާހަކަފު ދައްކަވަމުންނެވެ. މި ކޮންފަރެންސްގެ މައުޟޫއަކީ "ބަންޑުން އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުން އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު"އެވެ. މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމްވަނީ، ބަންޑުން އުސޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ކުރަމުންދާ އިޚްލާސްތެރި މަސައްކަތް ފާހަގަކުރައްވައިފައެވެ. އަދި، މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބައިނަލްއަގުވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލެއްވިއެވެ. އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކުގެ ހަތަރުވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ މަޖިލިސް މީގެ އިތުރުން، މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުން އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ. އަދި އެކަމަކީ ދިވެހިރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި، ޚާއްސަކޮށް އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ގައުމުތަކަށް، ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ގައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރުމަށް ވެސް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކުގެ ހަތަރުވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ/ މަޖިލިސް އެ މަނިކުފާނުގެ ވާހަކަފުޅުގައިވަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނު ފަދަ ގާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އަދި، މި ގާނޫނުތަކުގެ ސަބަބުން މުޖުތަމައުތަކަށް ބާރު ލިބި، ހަމަހަމަކަން ކުރިއަރާފައިވާކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، ޚާއްސަކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނިންމާލައްވަމުން، މަޖިލީހުގެ ރައީސްވަނީ "ނާމް" މެންބަރު ގައުމުތަކުން އެއްބައިވެ، ސުލްހައާއި، އިސްތިގުލާލާއި، އިންސާފު ދިފާއުކުރުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ