ވިލާއިން ނިއުކާސްލް ބަލިކޮށް، ހަވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން ނިއުކާސްލް ޔުނައިޓެޑް ބަލިކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކުރާ އުންމީދު އާކޮށްފިއެވެ. ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ. ވިލާއިން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. ފުރަތަމަ މިނެޓްގައި ވިލާއިން އުފެއްދި ހަމަލާއެއްގައި އެ ޓީމުންވަނީ ލީޑު ނަގައިފައެވެ. މެޗުގެ ކުޅުން ފެށިތާ 33 ސިކުންތުގެ ތެރޭގައި ވިލާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް އޮލީ ވޮޓްކިންސްއެވެ. މިއީ އޭނާ ވިލާއަށް ކާމިޔާބުކޮށްދިން 74 ވަނަ ލަނޑެވެ. މި ލަނޑާ އެކު އޭނާ މިވަނީ ވިލާއަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ގެބްރިއެލް އެގްބަންލަހޯގެ ރިކޯޑާ އަރާހަމަކޮށްފައެވެ. ކުރީކޮޅު ވިލާއިން ނުރައްކާތެރި އިތުރު ދެތިން ހަމަލާ ފޮނުވާލިތަން ފެނުނެވެ. ނަމަވެސް، މި ލީޑު ދެމެހެއްޓޭވަރުވީ މެޗުގެ 18 ވަނަ މިނެޓާ ހަމައަށެވެ. މެޗުގެ 18 ވަނަ މިނެޓުގައި ނިއުކާސްލްއިން ވަނީ ޑިފެންޑަރު ފަބިއަން ޝާ ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ވިލާއިން ވަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ވިލާގެ ހަމަލާތައް ދިފާއުކުރުމުގައި ނިއުކާސްލަށް މާ ބޮޑު ވަރެއް ނުކުރެވުނެވެ. ވިލާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ 64 ވަނަ މިނެޓުގައި އިއާން މާޓެންސެވެ. އަދި، 73 ވަނަ މިނެޓުގައި ޑެނީ ބާންސް އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ވިލާއިން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ވިލާގެ ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އަމަޑޫ އޮނާނާއެވެ. މި ކާމިޔާބީއާ އެކު ވިލާ މިހާރުވަނީ 57 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލައި، ފަސް ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗު ކާމިޔާބުކުރެވިއްޖެނަމަ ތިންވަނަ ނުވަތަ ހަތަރުވަނައަށް ކުރިއަށް ޖެހުމުގެ ފުރުސަތު ލިބޭނެއެވެ. ރޭގެ މެޗުން ބަލިވުމުން ނިއުކާސްލް އޮތީ 59 ޕޮއިންޓާ އެކު ތިންވަނައިގައެވެ. މި މުބާރާތުގައި ބްރެންޓްފަޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކޮށްފައިވަނީ ބްރެންޓްފަޑުންނެވެ. ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބްރަޔަން އެމްބެއުމޯއާއި ޔޮއާން ވީސާ އަދި ކްރިސްޓިއަން ނޯގާޑެވެ. މެޗުގައި ބްރައިޓަންއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކާއި ކައޮރޫ މިޓޯމާއެވެ. މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންގެ ޖާއޮ ޕެޑްރޯއަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުން ނަތީޖާއެއް ނެރުމަށް ކުރި މަސައްކަތުގައި އުނދަގުލާއި ކުރިމަތިވިއެވެ. މި ކާމިޔާބީއާ އެކު ބްރެންޓްފަޑް އޮތީ 46 ޕޮއިންޓާ އެކު 11 ވަނައިގައެވެ. ބްރައިޓަން އޮތީ 48 ޕޮއިންޓާ އެކު 10 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ