ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކު ކުރުމަށް ޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިއަދުން ފެށިގެން 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00އަށް އެ އޮފީހުން ކަމަށެވެ. ބްރޯޑްކޮމްގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ވަނީ އެ ކޮމިޝަނުގެ މެންބަރު، ޝިފްލާ އިބްރާހީމް އައްޔަން ކޮށްފައެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ. އެއީ އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި ސޮފާ ޝަފީގު، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ