ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން ފަށައިފި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން ފަށައިފި އެވެ.
މޫދުވިނަ އާލާކުރަން ފްލޯޓިންގް އޭކާސް އިން ބ. ފެހެންދޫގައި ކުރިއަށް ގެންދާ މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނީ މި މަޝްރޫއުގެ ސަބަބުން މެރިކަލްޗާ ދާއިރާގެ އިތުރު މަޝްރޫއުތައް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ބ. ފެހެންދޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އާލާކުރާ މޫދުވިނަ --- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މީގެއިތުރުން، މި މަޝްރޫއުގެ ނަތީޖާއެއްގެ ގޮތުން ޒުވާނުންނާއި ކަނބަލުންނަށް އާ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ސަރުކާރުން މި މަޝްރޫއު ސިފަކޮށްފައިވަނީ ގައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވެ، ދިވެހިންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ފުރުސަތެއްގެ ގޮތުގަ އެވެ.
އެ މަޝްރޫއުއަކީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގުތިސޯދީ މަސައްކަތް ފުޅާކުރަން ރައީސް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ